ވާހަކަ

ވަކިވާން ޖެހުމުން - 15

ޝައުފާގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަމުގެ އަސަރު އަދިވެސް ހުރީ ހަމަ އެގޮތަށެވެ. އެންމެ ފަހުން ވަރަށް ހިފަހައްޓައިގެން ހުރުމާއެކުވެސް ޝާމިނަށް ބާރަށް ހީނގަނެވިއްޖެއެވެ.

"ކޮންކަމަކާ ދެލޯ ބޮޑުކޮށްގެން ތިބަލަނީ.....ހަމަހުވާ...ވަރަށް ތަދުވެއްޖެ....ދެނެއް މިޝާމިނެއް ތިޝައުފާ ނިދާފައި އޮއްވައެއް ހަމަގައިމުވެސް އަތެއް ނުލާނަން.....ނޫނޭ....ބާރުވެސް ގަދަ އަންހެނެއް..."

ޝާމިން ކޯތާފަތުގައި އަތް ފިރުމަމުން ހުނުން މަތަކުރެވޭތޯ މަސައްކަތްކުރިއެވެ.

"އަޅޭ...ގަސްތުގައެއް ނޫނޭ...ޝާމިން ކަމަކަމަށް ނޫނޭ އަތް އެއްލީ...ހަމަ ތެދެއް...ވަރަށް ބޮޑަށް ސޮރީ...."

ޝައުފާ އިނީ ލަދުގެންފައެވެ. އިސްޖަހާލައިގެން އިނދެ ޝާމިން ކުރެން މަޢާފަށް އެދުނެވެ.

"ސޮރީ ޤަބޫލު ކުރެވޭނެ އެންމެ ގޮތެއް އޮތީ....ތިހެން އެނދަށް ކުނިވެފަ ނޯވެ ހިނގާބަލަ މަށާއެކު ދުއްވާލާ ކޮފީއެއް ބޯލާ...ކޮންމެވެސް އެއްޗެއް ކާލަން...."

"އަސްލު އޮފީސް ވަރަށް ބުރަ ދުވަހެއް....ރޭގައިވެސް އެހާ ލަހުން މަސައްކަތް ނިންމާލެވުނީ....ޒިމޫ ބަލިވެ އިން ފަހުން ވަރަށް ޙާލުގަ އެއުޅެނީ....ކޮންމެ ގޮތެއް ހަދާފައިވެސް އެދަރިފުޅު އެމީހުނަށް ވަރަށް މުހިންމު ވާނެތާ....މަ ބުނެފިން އޮފީހުން ވަކިވާށޭވެސް....ކަލާނގެ ދެއްވީތީ ސަަމަދުބެ އަތުގަ ހުރިހާ އެއްޗެއްވެސް އެބަހުރި....އެކަމަކު ޒިމޫއަކީ ކިތަންމެ ނަމާދުކޮށް ދީންވެރިކޮށް އުޅުނަސް ބޯދާ ފިކުރުދެކެ ވަރަށް ނުރުހޭ އަންހެނެއް....ސަމަދުބެވެސް ހަމަ އެގޮތް ވާނެ...އެހެން ވީމަ ވަޒީފާ ދޫކޮށްލާފައި ގޭގައި އަތް އުރާލައިގެން އިނދެ ދަރިން ހޯދާ ބަދިގޭގައި ދުން ޖެހެން އިންނަ ކަހަލަ އަންހެނަކަށް ނުވާނަމޭ ބުނެ ވަޒީފާ އަކުން ވަތްކެއް ނުވި...ކޮންމެ ދުވަހަކު އޮފީހަށް ނުކުމެ ގަޑިއެއްހާއިރު ނުވަނީސް އެފަކީރު ކޮޅަށް ނުހުރެވޭ ވަަރަށް ހޮޑުލަވާ ވަރުބަލިވޭ....ޒިޔާދުވެސް އޮންނަނީ ޒިމޫއަށް ހުއްދަދީފައި...އެހެންވެ މަށަށް ޑަބަލް މަސައްކަތް ކުރަން ޖެހޭ ދުވަސްކޮޅެއް....އަޞްލު ޒިމޫވީމަ އުފަލުން މިކަމާ ޙަވާލުވީވެސް......އޮފީހަށް ނުކުތަސް އޭނަ އެއްވެސް މަސައްކަތެއް ކުރާކަށް މަ އެއްބަހެއް ނުވަން...."

ޝައުފާ ވާހަކަ ދައްކަމުން އެނދުން ފޭބިއެވެ. އަދި ނިއުޅާލެވި ހޭވިފައި އޮތް އޭނާގެ އިސްތަށިގަޑުން ހުޅިއެއް ޖަހަމުން ފާޚާނާއާއި ދިމާއަށް ހނގައިގަތެވެ. ފާޚާނާއަށް ވަނުމުގެ ކުރިން ޝައުފާ، ބުޅިގަޑެއްގައި އަޅުވާފައި އޮތް ތުވާއްޔާއި އަލަމާރިން ހެދުމަކާއި ޖީންސެއް ނެގިއެވެ.

"ތިހެން އުކުޅުގައި އަތް ވިއްދައިގެން ކޮޅަށް ހުއްޓަސް މިހާރު ސިފައިންގެއަކަށް ނުވައްދާނެ....އެހެންވީމަ އެންމެ ރަނގަޅުވާނީ އަހަރެން ތައްޔާރުވަންދެން އެނދުގައި އިށީނދެގެން ނޫނީ އޮށޯވެގެން ހަަމަ ޖެހިލައިގެން އޮތިއްޔާ..."

ފާޚާނާގެ ދޮރު ލައްޕަމުން ޝައުފާ ހެމުން ހެމުން ބުނެލިއެވެ.

ޝާމިން ހިނިތުންވެލަމުން އެނދުގެ ކަނެއްގައި އިށީނދެ އެނދުގެ ސައިޑް ކަބަޑް މަތީގައި އޮތް ޓީވީގެ ރިމޯޓް ނަގާ ޓީވީ ޖައްސާލިއެވެ. އެއް ޗެނަލުން އަނެއް ޗެނަލަށް ބަދަލު ކުރަމުން ގޮސް، ޑިސްކަވަރީ ޗެނަލްއާ ހަމައިން އޭނާ ޗެނަލް ބަދަލުކުރުން މަޑުޖައްސާލިއެވެ. މިއީ އޭނާ އެންމެ ބަލާހިތްވާ ކަހަލަ މައުލޫމާތު ގެނެސްދޭ ޗެނަލެކެވެ. ބާލީހެއް ނަގާ ބޯދޮށަށް ލައްވަމުން އެނދުގައި އަރިއަކަށް ކުރު އަތް މައްޗަށް ވާކަހަލަ ގޮތަކަށް އޭނާ އޮށޯވެލިއެވެ. އަތްދަމާލި ވަގުތު އޭނާގެ އަތުގައި ކޮންމެވެސް އެއްޗެއް ޖެހިއްޖެއެވެ. ބޯހިއްލާލާފައި އެއީ ކޯޗެއްތޯ އޭނާ ބަލާލިއެވެ.

ކަޅުކުލައިގެ އޮފް ކަރުދާހަކުން ބޭރުގަޑު ޙިމާޔަތްކޮށްފައިވާ ބޯ ފޮތެކެވެ. ހީވާގޮތުން ގާތްގަޑަކަށް ފަސްސަތޭކަ ސަފްހާގެ ދެފޮތެއް އެއްކޮށްގެން ތައްޔާރުކޮށްފައި އޮތް ފޮތެކެވެ. އެހެން މީހުންގެ އަމިއްލަ ސާމާނު ބެލުމަކީ ރަނގަޅު ކަމެއް ނޫންކަން ކިތަންމެ ވަރަށް ޤަބޫލު ކުރެވުނަސް ޝައުފާގެ މިފޮތަކީ ކިހިނެއްވާ ކޯޗެއްތޯ ބެލުމުގެ ޝައުޤަކަށް އަމިއްލަ ބާރެއް ޝާމިނަކަށް ނުފޯރުވުނެވެ.

ޓީވީއަކާއި ޓީވީއެއް ޗެނަލަކާއި ޗެނަލެއް ދޫކޮށްލާފައި ޝާމިން އެފޮތާއިގެން މަޝްޢޫލުވެގަތެވެ. ފޮތް ހުޅުވާލާފައި ފުރަތަމަ ގަޑު އެއްލުމާއެކު އެއީ ޝައުފާގެ މުހިންމު ސިއްރު މައުލޫމަތު ރައްކާކުރެވޭ ނޯޓް ފޮތްކަން ޔަޤީންވެއްޖެއެވެ. ފުރަތަމަ ވެސް ބިސްމީގެ ބަަރަކާތުން ފެށި ޞޮފްޙާގައި ލިޔެފައި އޮތީ ޅެންބައިތެކެވެ. އަވަސް ކަޅިއަކުން އެފޮތުގައި ރައްކާކުރެވިފައިވާ ޝައުފާގެ ސިއްރުން ފުރިފައިވާ ޙަޔާތާއި ބެހޭ މައުލޫމާތުތައް ލިބޭތޯ ޝާމިން އެއް ޞޮފްޙާއިން އަނެއް ޞޮފްޙާއަށް އުކަމުން ދިޔައެވެ.

ދިހަވަރަކަށް މިނެޓް ފޮތުގެ ތެރެއަށް ގެއްލިފައި އިން ޝާމިންގެ ޙަރަކާތްތައް އަވަސްވެ، ފޮތް އަވަހަށް ލައްޕާ ބާލިހުގެ ދަށަށް ލެއްވީ ފާޚާނާގެ ދޮރު ހުޅުވާލެވުނު އަޑަށެވެ. ނުގޮތަކަށް ބާލީހުގައި ލެގިލާ އެނދުން ބޭރަށް އެއްފައި ބާލައިގެން ޓީވީއާއި ދިމާއަށް ކަޅި ހުއްޓާލި އިރު އޭނާއަށް ލޮލުގެ ކުޑަކޮޅުން ޝައުފާ ޑްރެސިން ޓޭބަލް ކައިރިއަށް ހުއްޓުނުތަން ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ.

"އައްދެ....ކޯޗެއް ތިބަލަނީ...."އެކްސްޓްރީމް އިންޖިނިއަރިން"....ވާހް..މެކޭނިކް....!"

ޓީވީގެ ސްކްރީނަށް ބަލާލަމުން ޝައުފާ އަހާލިއެވެ.

"މިހާރުދެން މިތައްޔާރުވެ ނިމުނީ....ދެންވެސް ސޮރީ ޤަބޫލުކޮށްގެން....ތިދާން އުޅޭ ތަނަކަށް ހިނގާ....:"

އިސްތަށިގަނޑު އާދައިގެ ވޫލަކުން އައްސާލުމަށް ފަހު އަތަށް ލޯޝަން ކޮޅެއް އަޅާ ދެއަތްް ދެއަތަށް އުގުޅާލަމުން ޝައުފާ ބުނެލިއެވެ.

ޝާމިނަށް އިނދެވުނީ އަނގައިން ބުނަންވެސް ނޭނގިފައެވެ.

ތޮށިގަނޑެއްގެ ފިލައިގެން އުޅޭ މި އަންހެން މީހާ އޭނާއަށް މިހާރު ފެންނަނީ މުޅިން އެހެން މީހެއްގެ ސިފައިގައެވެ. ހަރުދަނާކަމާއި އަމިއްލަވަންތަކަމުގެ މިސާލެއް ނެތް ޝައުފާގެ ދެލޮލުން, ޅަފުރާގެ މޮޔަކަމާއި ވިސްނުމެއް ފިކުރެއް ނެތް މައުސޫމު ވިދުވަރެއް އޭނާއަށް ފެންނަމުންދިޔައެވެ. ދެކޭ މީހުނަށް ފެނަން ބޭރުފުށުގެ ހަރުކަށިކަމާއި އަބުއިކަމުގެ ފުރަގަހުގައި ފޮރުވިފައިވާ ނިޔަނެތިކަމާއި އޯގާތެރިކަމާއި ނިހާޔަތަށް ތެދުވެރި އިޚްލާޞްތެރި ކަމުގެ އެންމެ ފުރިހަމަ މި އަންހެން މީހާގެ ޙަޤީޤަތް އެނގުމުން ޝާމިނުގެ ހިތުގައި ޙަމްދަރުދީގެ ސާލެއް ދެމިގަތް ކަހަލައެވެ. އޭނާގެ ހިތް މެދުނުކެނޑި ގޮވަމުން ދިޔައީ އެއް ޖުމްލައެކެވެ. އެންމެ ފަހުން ކެތްތެރިކަމުގެ ތަށި ފުރިގެން ބަންޑުންވެއްޖެއެވެ.

އެނދުން ފައިބައިގެން ދެތިން ފިޔަވަޅު ކުރިއަށް ޖެހިލުމާއެކު ޝައުފާގެ ދެކޮޑުގައި ހިފާ ގަޔާއި ކައިރިކޮށްލެވިއްޖެއެވެ.

ވިސްނާ ނުލައި ހުރި ޝައުފާގެ ބޯ ގޮސް ޖެހުނީ ޝާމިންގެ މޭގައެވެ. މިވަނީ ކިހިނެއްކަން ނޭނގުނަސް ޝާމިންގެ އަތުގެ ތެރެއިން ސަލާމަތްވެގެން ނުކުންނާކަށް ޝައުފާ ބޭނުމެއް ނުވިއެވެ.

"މޮޔަ އަންހެން ކުއްޖާގަނޑާ....ތިއަށްވުރެ ވަކި އަގުބޮޑު ދެވަނަ އިންސާނަކު ނުހުންނާނެ...ކާކު ބުނީ ތިއީ ބޭކާރު ކުނިގަނޑެކޭ....ކާކު އެހީ ގައިގަ ހުންނަނީ ކަޅުކުލަދޯއޭ...ކޮން ބޯގޯހެއް ބުނީ ޝައުއަކީ ގޯސް ކުށްވެރިއެކޭ....ބަލަ ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަހަަލަ އެތައް ކަމެއް ހިނގާ...ޅަޢުމުރުގައި ތަނެއް ދޮރެއް ނޭނގޭ މައުސޫމު ތުއްތުފުރާގައި އެކަހަލަ ކަމެއް ދިމާވުމަކީ އެއްވެސް ޙާލެއްގައި ޝައުގެ ކުށެއް ނޫނޭ....އެހެން ކިޔާ ޝައުއަށް އަމިއްލަ ނަފްސަށް އޮންނަންޖެހޭ އިތުބާރު ކަޑުވާ އެމީހުންގެ ކުޅޭ އެއްޗަކަށް ހެދުމަށް ދައްކާފައި ހުރި ދޮގު ވާހަަކަ..."

ޝާމިންގެ ވާހަކަ އަޑު އިވުމުން ޝައުފާގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. ހިފެހެއްޓުމެއް ނެތި ލޮލުން އޮހެން ފެށި ކަރުނައިން ޝާމިންގެ ގަމީސް ތެތްމަން ފެށިއެވެ. މަޑު ގިސްލުމެއްގެ އަޑާއެކު ޝާއުފާގެ ރުއިން ދިޔައީ ބާރުވަމުންނެވެ.

މީގެ ކުރިން ދުވަހެއްގައިވެސް ލިބިފައިނުވާ ޙިމާޔަތެއް އޭނާއަށް ލިބުނީ ކަހަލައެވެ. ޙަޔާތުގެ އެތަކެއް އަޑި ގުޑަންތަކެއްގައި އެކަނި މާއެކަނި ވެއްޓެމުން ތެދުވަމުން ދަތުރުކޮށް މިހިސާބަށް އައިސް އިރު ދުވަހަކުވެސް އޭނާގެ ބޯމައްޗަށް ރައްކާތެރިކަމާއި އެހީތެރިކަމުގެ ހިޔަލެއް އެޅިފައެއް ނުވެއެވެ. ޢާއިލާއެއް އޮވެމެ އޭނާއަކީ ޔަތީމު ޣަރީބެކެވެ. އަމިއްލަ ގެއާއި ވަޒަނެއް އޮތުމާއިއެކުވެސް އޭނާއަކީ ގެދޮރު ނެތް ނިކަމެއްޗެކެވެ. ތިމާގެ މީހެކޭ ކިޔާ ގޮވާލާނެ އެކަކުވެސް ނެތެވެ. މައިވަންތަކަމުގެ ލޯތްބަށް އެދި ހަނާވަމުންދާ އޭނާގެ ނަފްސު ނުލިބޭނެ ލޯތްބަކަށް އެދި ސަލާން ޖެހުމުގައި ނާކާމިޔާބުވިތާ ކިތަންމެ ދުވަހެކެވެ.

ޝައުފާއަކީ ލާމު އަތޮޅު އިސްދުއަށް އުފަން މަންމައަކާއި ހަމައެރަށު ބައްޕައެއްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދުނިޔެއަށް ލޯ ހުޅުވާލެވުނު ވަގުތު އޭނާގެ މަންމަ ނުރުހުމާއެކު މޫނު އަނބުރާލީ މަންމައާއި ބައްޕަ ބޭނުންވި ކަހަލަ އެމީހުންގެ ޢާއިލާގެ ހުރިހާ ކުދިންގެ ގައިގަ ހުންނަ ފަދަ ދޮން ކުލައެއްގެ ދަރިއަކަށް އޭނާ ނުވުމުންނެވެ. އޭނާގެ އޮޅަލިކުލަ ދެކެ މަންމަ ފާޅުގައި ނުރުހުންވެއެވެ. ތުއްތު ތަނެއް ދޮރެއް ނޭނގޭ ޅަކުއްޖަކަށް އެފަދަ ބަސްތަކުގެ މާނަ ފަހުމް ވާނީ ކިހިނަކުން ހެއްޔެވެ.

ޢުމުރުން ގުނެމުން ދިޔަ ކޮންމެ އަހަރަކާއެކު ހެދިބޮޑު ވަމުން ދިޔަ ހަށިގަނޑާއި އެއްވަރަށް، ނުވަތަ އެއަށްވުރެ މާ އަވަހަށް ހެދެމުން ދިޔަ ޝައުފާގެ ސިކުނޑިއަށް މަޑުމަޑުން ކަންތައްތަކުގެ ޙަޤީޤަތް ވިސްނެން ފެށިއެވެ. ތަންދޮރު ވަކިވެ ވަށައިގެންވާ މާހަައުލުގެ އަސްލު އެނގެން ފެށިފަހުން ޝައުފާގެ އުޅުމަށް ދިޔައީ ބަދަލު އަންނަމުންނެވެ.

ކުޑައިރު އެއްފުރާގެ ކުދިންނާއެކު ކުޅޭ ހިތުން ޢާއިލާގެ ތިމާގެ ކުދިންތަކުގެ ތެރެއަށް ނުކުތުމުން ޝައުފާއަށް ކޮންމެވެސް އަނިޔާއެއް ނުލިބޭ ދުވަހެއް އިނގިލިތަކުން ގުނާލެވޭހާ މަދެވެ. އަނިޔާއާއި މަލާމާތާއި ފުރައްސާރައާއި ދިމާކުރުންތަކުން ރެކިގަނެ ސަލާމަތްވާން މަންމަ ނުވަތަ ބައްޕަ ގާތަށް ގޮސް ޝަކުވާގެ އެންމެ ލަފްޒެއް ބުންޏަސް ވެފައި ހުންނަ ވަރުގެ ދެގުނަ އިތުރަށް ތަހައްމަލު ކުރަން ޝައުފާއަށް ޖެހެއެވެ. އެއީ ކިހިނެއްވާ ކަމެއްކަން އެނގެން ފެށިފަހުންވެސް ޝައުފާގެ މައުސޫމު ސިކުނޑިއަށް ވިސްނައިގަންނަން ފަސޭހަ ނުވީ މަންމަ އެހެން ކަންތައް ކުރާ ސަބަބެވެ. ބައްޕަގެ ހޫނު މިޒާޖާއި ބަހުންނާއި އަމަލުން ކޮށްލާ އަނިޔާގެ އަސްލު ސަބަބު ވިސްނައިގަންނަން ދައްޗެއް ނޫނެވެ.

ނުނިމޭ