ޚަބަރު

މަންދު ކޮލެޖުގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރު ކޯޓަށް ހާޒިރުކުރަނީ، ކޯޓު ޗިޓު ގޭގެ ދޮރުގައި

މުހައްމަދު އިޝާން

1

މަންދު ކޮލެޖުގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކޯޓަށް ހާޒިރުވުމަށް އެދި ކޯޓު ޗިޓު މިނިސްޓަރު ދިރިއުޅުއްވާ ގޭގެ ދޮރުގައި ހިއްޕައިފިއެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ހާޒިރުވާން ޖެހޭނީ ސިވިލް ކޯޓަށެވެ. އެއީ ޑރ. އައިޝަތުގެ މައްޗަށް މާލެހައި ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އިހުމާލުވެފައިވާކަން ސާބިތުކުރުމުގެ މައްސަލައިގެ ދައުވާފޯމާއި ލިޔެކިޔުން ހަވާލުކުރުމަށެވެ. ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 9:50 އަށެވެ.

މާލެހައި ޕްރައިވެޓް ލިމިޓެޑަކީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް (އިބްރާ)ގެ މަސްލަހަތު ހިމެނޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން ހިންގަމުން އައި މަންދު ކޮލެޖުގެ އެއްބަސްވުން 2015 ވަނަ އަހަރު ވަނީ ބާތިލުކޮށްފައެވެ. އެ މައްސަލަ އިބްރާ ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ހުކުމްކުރީ އެއްބަސްވުން ބާތިލުކުރީ ގާނޫނާހިލާފަށް ކަމަށްވުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ތާއިދުކުރިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސިވިލް ކޯޓު މެދުވެރިކޮށް މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދައްކައިފައެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުދިނީ، ކޯޓުން ކަނޑައެޅި މުއްދަތުގެ މާލަހުން ކަމަށް ވިދާޅުވެ، ޑރ. އައިޝަތު ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިބްރާ ވަނީ މިދިޔަ މަހުގެ މެދު ތެރޭގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ސިވިލް ކޯޓުން އެންމެ ފުރަތަމަ ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރެޖިސްޓްރާ ނިންމެވުމުން އެކަން ފަނޑިޔާރުންނަށް އިލްތިމާސްކުރުމުން މައްސަލަ ބަލައިގަންނަން ފަނޑިޔާރުން ވަނީ ނިންމައިފައެވެ.

ސިވިލް ކޯޓަށް އިބްރާ ހުށަހެޅި ދައުވާގައި ވަނީ ޑރ. އައިޝަތު ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ކަމަށާއި އެއީ ސަރުކާރުން ގާނޫނަށް ކިޔަމަންވާން ޖެހޭނެކަން އަންގައިދިނުމަށެވެ. ދައުވާގައި އިބުރާ އިތުރަށް ވިދާޅުވީ ކޯޓުތަކުން ކުރާ ހުކުމްތަކަށް ސަރުކާރުން ކިޔަމަންތެރިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ކޯޓުތަކުގެ ހުކުމްތަކަށް ކިޔަމަންތެރިނުވިޔަސް އެއްވެސް ކަހަލަ އަދަބެއް ނުދެވޭ ކަމަށެވެ.