ކުށަށް އިއުތިރާފުވާ މައްސަލަތައް އެއްދުވަސް ތެރޭގައި ނިންމައިލެވޭގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނެރަލް (އޭޖީ) އަށް ހުށަހަޅުއްވާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ދައުވާކުރަން ކޯޓަށް ހުށަހެޅުން އަވަސްވެފައިވީ ނަމަވެސް ކޯޓުތަކުން މައްސަލަތައް ނިންމުން ލަސްވާ މައްސަލައިގައި، މިއަދުގެ ނިއުސްކޮންފަރެންސްގައި "ވަން" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމު ވިދާޅުވީ މައްސަލަތައް އަވަސް ކުރުމާ ބެހޭގޮތުން ކޯޓުތަކާވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެން ކޯޓުތަކާ އެބަ ވާހަކަ ދައްކަން ކިހިނެއްތޯ މައްސަލަތައް އަވަސް ކުރެވޭނީ. އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް އެއީ މާ ގިނަ މައްސަލަތައް ކޯޓަށް ހުށަނޭޅުން ވެސް. މިހާރު މިވާގޮތަކީ ކިތަންމެ ކުޑަ ވައްކަމުގެ މައްސަލައެއް ވިޔަސް، ކިތަންމެ ކުޑަ ފޭރުމުގެ މައްސަލައެއް ވިޔަސް ހަމަ ކޯޓަށް ހުށަހަޅައިގެން ހެކިން ހާޒިރުކޮށްގެން އެ ހުރިހާ ކަމެއް އެބަހިނގާ. އަޅުގަނޑު މިހާރު ވާނެ ބަންޑާނަ ނާއިބާ ވާހަކަ ދައްކާފައި ޖިނާއީ އިޖުރާއަތުގެ ގާނޫނަަށް އިސްލާހުތަކެއް ގެންނަން ހުށަހަޅާފައި،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ، އެ އިސްލާހުތަކުގެ ތެރޭގައި ކުދިކުދި މައްސަލަތަކުގައި އިއުތިރާފުވާ މީހުންގެ ބައި ކޯޓަށް ދާނީ އެންމެ ދުވަހަކަށް ކަމަށެވެ.
"އަދަބާ ބެހޭގޮތުން އަޅުގަނޑުމެންނާ އެއްބަސްވެގެން ކޯޓަށް ހުށަހެޅޭގޮތަށް އިޖުރާއަތު ބަދަލުކުރަން މިހާރު ހުށަހަޅާފައި ވާނެ. އެ އިސްލާހުތައް އައީމަ އަޅުގަނޑު މި އުންމީދު ކުރަނީ ކޯޓަށް ހުށަހެޅޭ އަދަދުތައް މަދުވާނެއޭ. އެހެންވެއްޖެއްޔާ އަސްލު ކުށްތަކަށް ޝަރީއަތް ކުރަން ކޯޓަށް އެކަށީގެންވާ ވަގުތު ލިބިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ މިހާރު އޮންނަގޮތުން މައްސަލަތަކުގައި ކޯޓުން ކިތަންމެ ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވި ނަމަވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުންނަ ކަމަށެވެ. އެހެންކަމުން ގާނޫނަށް ގެންނަ އިސްލާހާއެކު ކުރިއަށް އޮތް ތަނުގައި ޕީޖީގެ ފަރާތުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ 40 ނުވަތަ 50 ޕަސެންޓަކީ ވަކި ގޮތަކަށް އެއްބަސްވެގެން ހުށަހެޅޭ މައްސަލަތަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިސާލަކަށް މަސްތުވާތަކެތީގެ މައްސަލަ، އަޅުގަނޑުމެން ދައުވާ ލިބޭ މީހާއަށް ވެސް އެބަ އެނގޭ، ދައުވާ ލިބޭ މީހާގެ ވަކީލަށް ވެސް އެބަ އެނގޭ މި ހުރި ހެކިތަކުން ސާބިތު ވާނެކަން. އެހެންވެއްޖެއްޔާ ކޮންމެހެން އެެ މައުލޫއަކަށް ޝަރީއަތެއް ހިންގުމުގެ މާބޮޑު ބޭނުމެއް ނެތް. އެއަށްވުރެ ލުއި އަދަބެއް ލިބެންޏާ އެ ލުއި އަދަބުން ނިމޭގޮތަކަށް އިންތިޒާމުތައް ރޭވުން، ދެން ޝަރީއަތަށް ގޮއްސިއްޔާ އޮންނާނީ ބޮޑު އަދަބު ލިބުން. ދެން އެ ރިސްކު ނަގަން ނިންމަންޖެހޭނީ،" ޕީޖީ ވިދާޅުވިއެވެ.