ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް އަންނަ އަހަރުން ފެށިގެން އާ ގަވާއިދުތަކެއް ތަންފީޒު ކުރަން ފައްޓަވާނެ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ދެންމެ ވިދާޅުވެއްޖެ އެވެ.
ގަވަރުނަރު ހާޝިމް މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ބެހޭގޮތުން ގަވަރުނަރުގެ އިޝްތިޝާރީ ލަފާ ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް އެކަމާބެހޭ ގަވާއިދުތައް ތަންފީޒު ކުރުމާ ބެހޭގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެ މައްސަލައިގައި ސުވާލު ކުރެއްވި މެންބަރުންގެ ތެެރެއިން، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ދައުލަތުގެ އާމްދަނީ ގެ 12 ޕަސެންޓް ހިއްސާ ކުރަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ކަމަށެވެ.
އާމްދަނީ އުފެއްދުމަށް އޮންނަ ވަސީލަތަކީ 2010 ވަނަ އަހަރު ތައާރަފް ކޮށްފައިވާ ޓެކްސް ސިސްޓަމް ކަމަށާއި، އެ ސިޔާސަތުގެ ތެރެއިން ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ނިޒާމު ހަރުދަނާ ނުވާ މައްސަލަ ކަމަށްވެސް ވިދާޅުވިއެވެ.
އެއަށްފަހު، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުމަކަށް ގެނައުމަށް "ޑީޑޮލަރައިޒޭޝަން" ގެ ސިޔާސަތު ތައާރަފް ކުރުުގެ ވާހަކަ މީގެ ކުރިން ދައްކާފައިވާއިރު އެކަމާބެހޭ ކަންތައްތައް ކުރިއަށްގޮސްފައިވާ ގޮތެއް ސާފު ކޮށްދެއްވުމަށް ބޮނޑޭ އެދި ވަޑައިގެންނެވިއެެވެ.
އެކަމާ ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ، އެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ބޭންކުތައް ހިމެނޭ ގޮތުން އެކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އެއަށްފަހު ފޮރިން އެކްސްޗޭންޖު ލައިސަންސާބެހޭ ގަވާއިދަކާއި، އެކަން މޮނިޓާ ކުރުމާބެހޭ ގަވާއިދެއް ހެދުމަށްފަހު ކަމާބެހޭ އަމިއްލަ ފަރާތްތަކާ ބައްދަލު ކުރުމުގެ ކުރިން އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ހިމެނޭގޮތަށް ޕޮލިސީ މޭކަރުންނަށް އެ ގަވާއިދު ތަކުގައިވާ ކަންތައްތައް ކިޔައި ދިނުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. އެއަށްފަހު އަންނަ އަހަރުގެ ތެރޭގައި އެ ދެ ގަވާއިދު ތަންފީޒު ކުރަން ފައްޓަވާނެ ކަމަށް ގަވަރު ނަރު ވިދާޅުވިއެެވެ.
އިތުރު ތަފްސީލް ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، އެކަން ތަންފީޒު ކުރަން ނުފެށުނީ، ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާ ގުޅިގެން ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރަށް ބަލައިގެން އެކަންތައްތައް ތަންފީޒު ކުރުމަށް، ކަމާބެހޭ ފަރާތްތަކުން ލަފާ ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ އަހަރުން ފެށިގެން ފޭސްތަކަކަށް ބަހާލައިގެން އެކަންތައްތައް ތަންފީޒު ކުރަމުން ގެންދާނީ ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު