ގައުމީ ފުޓުބޯޅަ ޓީމުގެ ހުރިހާ ކަމެއްގައި މިވަގުތު ޒިންމާ ނަގާނީ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ކަމަށާއި އެ ޒިންމާތައް ނަގައި މާދަމާގެ މެޗުން މޮޅުވާން ތައްޔާރު ކަމަށް އޭނާ ބުނެފިއެވެ.
ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ ބަންގުލަދޭޝްއާ ދެކޮޅަށެވެ. މާދަމާގެ މެޗަށް ނުކުންނަ އިރު، ފުރަތަމަ މެޗުން ރާއްޖެއަށްވެސް އަދި ބަންގުލަދޭޝްއަށްވެސް ލިބިފައި އޮތީ ޕޮއިންޓެކެވެ. ބަންގުލަދޭޝްއިން ފުރަތަމަ މެޗުގައި ސީޝެލްސް ކައިރިން ޕޮއިންޓެއް ހޯދި އިރު، ރާއްޖެއަށް ލަންކާ އަތުންވެސް ލިބުނީ ޕޮއިންޓެވެ.
ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ 64 ވަނަ މިނެޓާ ހަމައަށް 4-0 އިން ރާއްޖެއިން ލީޑުގައި އޮތް ނަމަވެސް، މެޗު އެއްވަރުވީ ފަހު 25 ވަރަކަށް މިނެޓު ތެރޭގައި ލަންކާގެ ވަސީމް ރަޒީކް ޖެހި ހަތަރު ގޯލުންނެވެ. އެއީ މާޔޫސީ ނަތީޖާއެއްގެ ގޮތުގައި ކޯޗުވެސް ސިފަކޮށްފައިވާ އިރު، އޭނާ ބުނީ ޓީމު އޮތީ ރިކަވާވެ، އާ ފެށުމަކަށް ތައްޔާރުގައި ކަމަށެވެ.
"ޓީމު ކުޅުންތެރިން ދަނީ ބުރަކޮށް މަސައްކަތް ކުރަމުން. ކުޅުންތެރިންގެ ފަރާތުން ފެންނަމުން ދަނީ ރަނގަޅު މޯޓިވޭޝަނެއް. ފިޒިކަލީވެސް ކުޅުންތެރިން ދަނީ ބުރަކޮށް މަސައްކަތް ކުރަމުން. ދެ ދުވަހަކީ ރިކަވަރީއަށް މަދު ދުވަސްކޮޅެއް ނަމަވެސް މިހާރު ފިޒިކަލީވެސް ރިކަވާ ވެއްޖެ. ރަނގަޅު މެޗަކަށް ނުކުންނަން ޓީމު ތައްޔާރު،" މިއަދުގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ.
"ކުރީ މެޗުގެ ހަނދާން ނައްތާލަން ޖެހޭ. މިހާރު ދެން އޮތީ ދެން އޮތް މެޗަށް ފޯކަސް ކުރުން. އެކަން އެނގޭނެ ކުޅުންތެރިންނަށްވެސް. އިދިކޮޅަށް ނުކުންނަ ބަންގުލަދޭޝްއަށް ފުރިހަމަ އިހުތިރާމް ކުރަން ޖެހޭ،" ކޯޗު އިތުރަށް ބުންޏެވެ.
ދަނޑުގެ ހާލަތު ދަށް ކަމުގެ ވާހަކަތައް ވަރަށް ބޮޑަށް ހުރިހާ ކޯޗުންނާއި ކުޅުންތެރިންވެސް ފާހަގަކުރަމުން ދެއެވެ. ކައިރި ކައިރީގައި މެޗުތައް ކުޅެމުންދާ އިރު ލަންކާ ރޭސްކޯސް ސްޓޭޑިއަމް ދަނޑުގެ ވިނަގަނޑުގެ ހާލަތު ބޮޑަށް ގޯސްވެގެން ގޮސްފައި ވަނީ ލަންކާއަށް ކުރާ ވިއްސާރައިގެ ސަބަބުންނެވެ. މިއަދުގެ ޕްރެސްގައިވެސް ދަނޑުގެ ވިނަގަނޑުގެ ހާލަތާ ގުޅިގެން ގިނަ ސުވާލުތަކެއް އަންނަން ފެށުމުން ކޯޗު މޮރިއޭރޯ ވަނީ އޭނާގެ ނަޒަރުގައި ދަނޑުގެ ވާހަކަ ދައްކައިފައެވެ.
"އެފަދަ ދަނޑެއްގައި ކުޅެން ޖެހޭނީ ދުވެފައެއްވެސް ހިނގާފައެއްވެސް ނޫން، އުދުހިފައި. ތަމްރީނު މި ކުރަނީ ވަރަށް އަވަސް، ހަލުވި ހައި އިންޓެންސިޓީ މެޗެއް ކުޅުމަށް. އެކަމަކު އެކަން ނުވެދާނެ. އެހެންނަމަވެސް އެއީ ޝަކުވާއަކަށް ދައްކަން ޖެހޭނެ ވާހަކައެއް ނޫން. ފުޓުބޯޅައިގައި އެއްވެސް އެކްސްކިއުޒެއް ނޯންނާނެ. ފުޓުބޯޅައިގައި މޮޅުވާނީ ގިނައިން ދުވެ، ގިނައިން މަސައްކަތް ކުރާ ޓީމެއް،" މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯ ބުނީ ގޯސްތައް ހެދުނު ނަމަވެސް ކުޅުންތެރިން އެ ގޯސްތަކަށް ޒިންމާ ނަގަން ނުޖެހޭނެ ކަމަށާއި ޒިންމާ ނަގާނީ ކޯޗު ކަމަށެވެ. މިފަހަރުގެ ގޯސްތަކުގެ ޒިންމާ ނަގަން ހުރީ އޭނާ ކަމަށްވެސް ކޯޗު ބުންނެވެ.
"ގޯސް ހެދޭނެ، އެހެން ނަމަވެސް ކުޅުންތެރިން 100 ޕަސެންޓް މަސައްކަތް ކުރާނަމަ އެ ބައްޔަށް، ނޫނީ ގޯސްތަކަށް ޒިންމާ ނަގާނީ ކޯޗު. ހުރިހާ ކަމަކަށް ޒިންމާ ނަގާނީވެސް އަހަރެން. މޮޅުވާން ތައްޔާރަށް ޓީމު އޮތީ،" ކޯޗު މޮރިއޭރޯ ބުންޏެވެ.
ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ލަންކާ ގަޑިން 16:00 އެވެ. އެއީ ރާއްޖެ ގަޑިން 15:30 ގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު