ލައިފް ސްޓައިލް

ޕްލާސްޓިކު ކޮޅެއް އޮވެގެން އައި ރުޅީގައި ހޫނުކޮށްހުރި ސޫޕު ތަށި ޖެހީ މެނޭޖަރުގެ މޫނަށް

އޯޑަރު ކުރި ސޫޕުގެ ތެރޭގައި ޕްލާސްޓިކުކޮޅެއް އޮވެގެން އައި ރުޅީގައި ރެސްޓޯރެންޓު މެނޭޖަރުގެ މޫނު މައްޗަށް ހޫނުކޮށް ހުރި ސޫޕުތަށި ޖަހައިފިއެވެ.

އެމެރިކާ އަންހެނަކު މި އަމަލު ހިންގާފައިވަނީ އޭނާ އޯޑަރުކޮށްގެން ގެންދިޔަ ސޫޕުތަށީގެ ތެރޭގައި ވިރިފައިވާ ޕްލާޓިކު ކޮޅެއް އޮވެގެންނެވެ. ޓެކްސަސްގެ ޓެމްޕަލްގައި ހިންގަމުން އަންނަ މެކްސިކަން ޗެއިން ސޮލް ޑި ހަލިސްކޯ ރެސްޓޯރަންޓުން މި އަންހެން މީހާ އޯޑަރުކުރި ކުޅި ސޫޕުތަށީގެ ތެރޭގައި ވިރިފައި އޮތް ޕުލާސްޓިކު ކޮޅު އޮވެގެން އޭނާ ވަނީ ރެސްޓޯރެންޓުގެ މެނޭޖަރު، 24 އަހަރުގެ ޖެނިލް ބްރޮލޭންޑަށް ގުޅައިގެން އެއްޗެތި ގޮވާފައެވެ. އަދި އެވަރުންވެސް ނުފުދިގެން މި އަންހެން މީހާ ސޫޕު ތަށްޓާއެކު ރެސްޓޯރަންޓަށް ގޮސް މެނޭޖަރާ ބައްދަލުކޮށް ވަނީ އަޑުގަދަކުރަން ފަށާފައެވެ. މެނޭޖަރާއި ކަސްޓަމަރާއި ދެމެދު ހިނގި ދެބަސްވުމުގެ ތެރެއިން ކަސްޓަމަރު ސޫޕު ތަށި މެނޭޖަރުގެ މޫނު މައްޗަށް ޖަހާ ވީޑިއޯ މިހާރު އިންޓަނެޓުގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯގައި ފެނިގެން ދަނީ ކަސްޓަމަރު ސޫޕުތަށީގެ މަތި ނަގައި ޝަކުވާކުރަން ހުރެފައި މެނޭޖަރުގެ މޫނުމައްޗަށް ޖެހުމަށްފަހު ރެސްޓޯރަންޓުން ނުކުމެގެން ދާތަނެވެ.

ކަސްޓަމަރު މެނޭޖަރާއި ޒުވާބުކުރަނިކޮށް ފެންނަ ވީޑިއޯއެއް---

ޖެނިލް ބްރޮލެންޑަށް ވަނީ މި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައި ކަމަށް އޭގެ ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެއެވެ. މޫނު މަތި ފިހިފައި ނުވިނަމަވެސް އޭގައި ހުރި ކުޅި މިރުހުގެ ސަބަބުން މޫނާއި ލޮލުން ވަރަށް ބޮޑަށް ދިލަ ނެގިކަމުގައި އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނިގޮތުގައި ކަސްޓަމަރުގެ ޝަކުވާ އަޑުއަހައި ރީފަންޑުކޮށްދޭން އަދި އެހެން އެއްޗަކަށް އޯޑަރު ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ. ނަމަވެސް ކަސްޓަމަރު ވަނީ އެއިން އެއްވެސް ކަމަކަށް އެއްބަސް ނުވެ އެއްޗެތި ގޮވަން ފަށާފައި ކަމުގައި އޭނާ ބުނެއެވެ.

ޓެމްޕަލްގެ ފުލުހުންނަށް ބްރޮލެންޑް މި މައްސަލަ ހުށަހަޅާފައިވާއިރު ފުލުހުން ބުނެފައިވަނީ އެއްވެސް ހިދުމަތަކާ ދޭތެރޭ ކަސްޓަމަރަކު ހިތްހަމަ ނުޖެހުނު ނަމަވެސް މިފަދަ އަމަލެއް ހިންގުމަށް ހިތްވަރު ނުދޭނެ ކަމަށެވެ.

ބްރޮލެންޑުގެ މޫނުމައްޗަށް ކަސްޓަމަރު ހޫނު ސޫޕުތަށި ޖަހާ މަންޒަރު ފެންނަ ވީޑިއޯ ބްރޮލެންޑް އޭނާގެ ޓިކްޓޮކަށް ލާފައިވާއިރު، މި ޓިކްޓޮކަށް 5 މިލިއަން ވިއުސް ވަނީ ލިބިފައެވެ. އެ ވީޑިއޯއަށް ކޮމެންޓުކޮށްފައިވާ ގިނަ ބަޔަކު ބުނެފައިވަނީ އެއްވެސް ހިދުމަތަކާމެދު ހިތްހަމަނުޖެހުނު ނަމަވެސް އެފަދަ އަމަލެއް ހިންގައިގެން ނުވާނެކަމަށާއި ކަސްޓަމަރަށް އަދަބު ދޭން ޖެހޭ ކަމަށެވެ.