އިސްލާމީ ތާރީޚު

މިޒަމާނަށްވެސް ބޭނުންވަނީ ނަބަވީ ސީރަތުގެ ނަމޫނާއެވެ.

އަބްދުﷲ ފާރޫގް ހަސަން

މިޒަމާނުގެ ޙާލަތު

އަޅުގަނޑުމެން އެންމެންވެސް ދަންނަފަދައިން މިޒަމާނަކީ ސައިންސާއި ފަންނިއްޔާތުގެ ޒަމާނެވެ. އިންސާނުންވަނީ ތަރައްޤީގެ ދުވެލީގައި ވަރަށްދުރަށް ކުރިޔަށްގޮސްފައެވެ. އިންސާނުން ޝާޢިރުންގެ ލޯބިވެރިޔާ ހަނދު ފަތަޙަކުރިތާ ކިތަންމެ ދުވަހެކެވެ. އިރުއަރައި އިރުއޮއްސޭ ކޮންމެދުވަހަކީވެސް އައު ހޯދުންތަކެއް ހޯދޭ ދުވަހެކެވެ. އާ އުފެއްދުންތަކެއް އީޖާދުވެގެން އަންނަ ދުވަހެކެވެ. މަޢުލޫމާތީ ފަންނިއްޔާތު ކުރިއަރައިގެން ގޮސްފައިމިވަނީ ވިދުވަރެއްފަދަ ހަލުވިކަމުގައެވެ. ނަތީޖާއެއްގެގޮތުން ދުނިޔެ ވަނީ "ކުނބުރަކަށް" ވެފައެވެ. ނުވަތަ ކުޑަ އަވަށަކަށްވެފައެވެ. އެއާއެކު ދުނިޔެއަށް އައިސްފައިވަނީ މާއްދިއްޔަތުގެ ވަރަށްބޮޑު ސައިލެކެވެ. އެސައިލުގެ ފެންގަނޑުވަނީ ނޭފަތުކުރިޔާ ހަމަޔަށް ފޫދިފައެވެ. އެފެންގަނޑު ހިނދޭކަށެއް ނުފަށައެވެ. ބަލައިލި ކޮންމެދިމާޔަކުންވެސް ފެންނަނީ ހިނދުކޮޅު ގެނައުމާއި މަޖާކުރުމާއި ބަޣަލްގީރަށް ނަށައި އުޅުމަށް ބޭނުންވާ ސާމާނުގެ ތިޔާގިކަމެވެ. ސުމާރެއްނެތްކަމެވެ. ރަށްވެހިކަމުގައި ކުރިއަރައިފައިވާ ރަށްރަށުގެ އިތުރަށް ފުށިރަށްރަށުގައިވެސް ދަނީ އެވަބާ ފެތުރެމުންނެވެ. އާންމުވަމުންނެވެ. މިއަދުގެ ދުނިޔޭގައި ނެތްއެއްޗަކީ އިންސާނިއްޔަތުކަމެވެ. އިންސާނީ އާބާދީތަކުން އެކަންކަން ނޮޅައި ބިން ސާފުކުރެވުނުތާ އަހަރުތަކެއް ވެއްޖެއެވެ. އަޚްލާޤިއްޔާތާއި ރޫޙާނިއްޔަތުގެ ނައު ފުރައިގެންދިޔަތާ ކިތަންމެ ދުވަހެކެވެ. ބަނދަރުކުރާނެ އެހެން ގުރަހައެއް ހޯދައިގެން ބަނދަރުކުރީކަމުގައި ވެދާނެއެވެ. އެއްބަނޑުއެއްބަފާކަމާއި ގާތްތިމާގެކަމުގެ ބަގީޗާއަށްވަނީ ޚަރީފު އައިސްފައެވެ. ވީރާނާވެ ހިކިފައެވެ. އަމަންއަމާންކަމާއި ހިތްހަމަޖެހުންވަނީ އިންސާނުން ދިރިއުޅޭ ރަށްރަށަށް އަލްވަދާޢު ކިޔައިފައެވެ. އިންސާނީ ޙައްޤުތައްވަނީ ކުޅޭ ކުޅިވަރަކަށްވެފައެވެ. ހަފަރާތުގައިވެސްވަނީ ނިރުބައެވެ. ނިރުބަވެރިކަމެވެ. އިންސާނާ ހުންނަނީ ޚުދު އޭނާގެ ނައުޢުގެ ދަރީންދެކެ ބިރުން ވިރިވިރިއެވެ. އަމިއްލަ ހިޔަނިދެކެވެސް ޖެހިލުންވެ ސިހިސިހިއެވެ. ކަޓަރު އަޅާނީ މިއަދުކަމެއް ވަޅިހަރާނީ މާދަމާކަމެއް ނޭނގެއެވެ. ބޮމެއް ގޮއްވައިލާނީ ކޮންދުވަހަކު ކޮންތާކުކަމެއް އޮޅުމެއްނުފިލައެވެ. ޤާނޫނާއި އަޚްލާޤިއްޔާތުގެ އާރެއްބާރެއްނެތީ ކިހައިވަރަކަށްކަން ދެކެވަޑައިގަންނަވާށެވެ. އާބާދުވެފައިވާ އުފާވެރި ރަށްރަށް ބޮޑެތި ބާރުތަކުން ސުންނާފަތިކޮށް ފިނޮޅުތަކަކަށް ހަދައިލަނީ މަދުވަގުތުކޮޅެއްގެ ތެރޭގައެވެ. މިސާލެއްގެގޮތުން އަފްޣާނިސްތާނާއި ޢިރާޤުފަދަ ޤައުމުތައް އެހެރީ ދިމާޔަށް ފެންނާށެވެ. އަންހެނުންގެ މިނިވަންކަމުގެ ޙަރަކާތުގެ ނަމުގައި حــوّاى ގެފާނުގެ ރެހެންދީންގެ ޢިއްފަތާއި އަބުރު ވަނީ ނީލަމަށްލެވިފައެވެ. އެކަނބަލުންގެފުށުން ދަނީ ހުއްދަނޫން ބޭނުންތައް ފުއްދެމުންނެވެ. ފަށުވި ފަންނުތަކުގެ ނަމުގައި ދިރުވައި އާލާކުރެވެނީ ލަދުޙަޔާތްކުޑަކަމެވެ. ފާޙިޝުކަމެވެ. މަޢީޝީ ތިލަފަތް ހަމަކަމެއްނެތެވެ. އެއްބަޔަކު އާދައިގެ ޕާޓީއެއް ކޮށްލަން ލައްކަލައްކައިން ތަޅައިބުރުއްސާއިރު ހައިހޫނުކަމުން މިންޖުވެ އުނުއޮރިޔާން ނިވާކުރުމުގެ ބޭނުމުގައި ތިމާމެންގެ "މޭގެ އެތިކޮޅު" ދިހަވަރަކަށް ރުފިޔާއަށް ވިއްކައިލާ މަންމައިން ދުނިޔޭގައި ތިބިކަމީ ލަދުވެތި ޙަޤީޤަތެކެވެ. ވަރަށްގިނަ މުޖުތަމަޢުތަކެއްގައި އާލާކުރަން މަސައްކަތްކުރެވެމުންދަނީ ޖާހިލިއްޔަޒަމާނުގައި އިންސާނީފަންތިތައް ބެހިފައިއޮތްގޮތުގެ ނިޒާމެވެ. ހެއްދެވިފަރާތާ ދުރަށްދެވޭތޯ ކުރެވޭ މަސައްކަތްވަނީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މާސިންގާ ލަޢުނަތަކަށްވެފައެވެ. ހަމަކޮންމެ މީހެއްގެވެސް ދެލޯ މުދުނަށް އަރައިފައިވަނީ ޚުދު ތިމާގެ އަމިއްލަ ނަފުސަށް އަމާން މުސްތަޤުބަލެއް ހޯދުމުގެ ފިކުރުގައެވެ. އެކަމަކު އެކަކަށްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. (މުޙައްމަދު ޝިއުޘު އިދްރީސް ތައިމީ)

ދުނިޔޭގެ ތާރީޚު ބުނެދޭގޮތުގައި މީގެ ސާދަސައްތައަހަރު ކުރީންވެސް އިންސާނީ ދުނިޔެވަނީ ހަމަ މިޒާތުގެ ދައުރެއް ދެކެފައެވެ. އެއީވެސް އެދައުރެއްގެ ވާހަކަދައްކަން ހެޔޮނުވާފަދަ ދައުރެކެވެ. އެދުވަސްވަރުވެސް އިންސާނިއްޔަތުގެ ނޭވާ ދިޔައީ އުފުރިއަރަމުންނެވެ. ހަމައެކަނި ޢަރަބިކަރައިގެ ސަހަރާތަކުގައެއް ނޫނެވެ. މުޅިދުނިޔޭގައިވެސް އާންމުވެފައިއޮތީ ނާމާންކަމެވެ. ބިރުވެރިކަމާއި ވަޙުޝީކަމެވެ. މަގުފޭރުމެވެ. މަޢީޝީގޮތުން އެކަކުއަނެކެއްގެ ލޭބުއިމެވެ. އަމާންކަމުގެ ނުވަތަ ޤާނޫނާއި ހަމަޔާއި އިންސާފޭކިޔާ އެއްޗެއްގެ ހުވަންހިލަންވެސް ނެތެވެ. އިންސާނީ މަތިވެރި އަގުތަކޭ ކިޔޭކަންކަމުގެ ވަނީ ޖަނާޒާގެންދެވިފައެވެ. އަންހެންކުދީން ދިރިތިއްބައި ވަޅުލައި މަރައިލުމާމެދު ބެލެވެނީ ޝަރަފެއްކަމުގައެވެ. ހިތްވަރުގަދަ ކަމެއްކަމުގައެވެ. އަޅުންނާމެދު ކަންކުރަމުން ގެންދެވުނީ ޖަނަވާރަށްވުރެވެސް ނުބައިކޮށެވެ. އަންހެނުންތިބީ ހުރިހައި ޙައްޤުތަކަކުން މަޙްރޫމުކުރެވިފައެވެ. ބާރުގަދަމީހުން ގެންދިޔައީ ނިކަމެތީންގެ ކަށިހަފައި ކަމުންނެވެ. ހެއްދެވިފަރާތްވަނީ ހަނދާން ނައްތައިލައިފައެވެ. ނަތީޖާއަކީ ގުނައި ޢަދަދު ނުކުރެވޭހައިގިނަ އިޖްތިމާޢީ އަދި އަޚްލާޤީ ބަލިތައް އުފެދި ފެތުރި އާންމުވަމުންދިޔުމެވެ. ރާބުއިމެވެ. ޖުވާކުޅުމެވެ. ލަދުހުތުރު ފާޙިޝް ކަންތައްތަކެވެ. މީހުން މެރުމެވެ. ނުބައި ރޫޙުތަކަށް އަޅުކަންކުރުންއޮތީ އާންމުވެފައެވެ. ވެރީންގެ ކިބައިގައި ޢަދުލުވެރިކަމެއްނެތެވެ. އިންސާނިއްޔަތުގެ މުޙުސިން އަދި رحـمـةلّلعــالـمـيـن، صلّــى اللّـه عليـه وسلّـم ޢަރަބިކަރައިގެ މުޤައްދަސް ބިމުން ފާޅުކުރެއްވީ މިދެންނެވި ހިތާމަވެރި އަދި ފިތުނަވެރި ދައުރުގައެވެ. އެމާތް ސާހިބާގެ ބާއްޖަވެރި ވިލާދަތަކީ އިންސާނިއްޔަތު ތަރައްޤީގެ މިޢުރާޖަށް ވާސިލުވުމުގެ ދަތުރު ފެށުމެވެ.

ރީތި ނަމޫނާ ދައްކަވައިގެން އިޞްލާޙުކުރެއްވުން

ސީރަތުގެ އަހުލުވެރީން ވިދާޅުވާފަދައިން އިންސާނިއްޔަތުގެ މުޙުސިން صلّــى اللّـه عليـه وسلّـم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ޔަތީމުބޭކަލެއްގެ ގޮތުގައެވެ. ބޮޑުފުޅުވީ ޔަތީމުކަމުގެ ހިޔަނީގެ ތެރޭގައެވެ. ނަމަވެސް سـيّـدة آمنــــة ގެ ޔަތީމު ރަންމުތާ އެހެނިހެން ޔަތީމުންނާ ހާސްތަފާތު އެބަހުއްޓެވެ. އެމާތް ސާހިބާ އެންމެ ތުއްޕުޅުއިރުއްސުރެ ޝައުޤުވެރިވެވަޑައިގެންނެވީ އިންސާނީ އެންމެ މަތިވެރި އަގުތަކަށެވެ. އެމާތް ސާހިބާގެ ޒާތުފުޅަކީ އިންސާނީ ރީތި ހުރިހައި ސިފަތަކެއްގެ ގުލްޒާރުން މާހޮވައިގެން އެއްކޮށްލެވިފައިވާ ގުލްދަސްތާއެއް ފަދައެވެ. އެމާތް ސާހިބާގެ ޒާތުފުޅުގައިވަނީ ވަރުގަދަ ޢަޒުމުފުޅެކެވެ. ވަރުގަދަ އިސްތިޤުލާލެކެވެ. ހިތްވަރުފުޅު ގަދަކަމާއި ކެރިވަޑައިގެންނެވުމެވެ. ކެތްތެރިވެވަޑައިގެންނެވުމާއި ޝުކުރުވެރިވެވަޑައިގެންނެވުމެވެ. ވަކީލުކުރެއްވުމެވެ. އަމިއްލަފުޅު ނަފްސަށްކުރައްވާ އިތުބާރެވެ. އީސާރާއި ޤުރްބާނީގެ ރޫޙެވެ. ފުއްދުންތެރިވެވަޑައިގެންނެވުމާއި ހިތްޕުޅުގެ މުއްސަނދިފުޅުކަމެވެ. ދީލަތިފުޅުކަމެވެ. ތަވާޟުޢުވެރިކަމާއި ނިޔަނެތިކަމެވެ. މުރުއްވަތްތެރިކަމެވެ. މިދެންނެވި ރީތި ސިފަފުޅުތައް ހުރީވެސް އޭގެ އެންމެފުރިހަމަގޮތުގައެވެ. އެރީތި ނަމޫނާއަށް ބަލައިގެން ކޮންމެމީހަކަށްވެސް އަމިއްލަ ހިންމަތުން ތިމާގެ ރޫޙާއި ޖިސްމާއި ތަޞައްވުރާއި ފިކުރިއްޔާތު އިޞްލާޙުކުރެވިދާނެއެވެ. ގިރިޓީކޮށް އޮފުއެރުވިދާނެއެވެ. އެތެރެފުށާއި ބޭރުފުށް އުއްތައިއަލިކުރެވިދާނެއެވެ. އަޚްލާޤާއި އާދަކާދަ އިޞްލާޙުކޮށް ރީތިކުރެވިދާނެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ލޮބުވެތި އަނބިކަނބަލުން السّــيّدة خـديـجــة الكبـرى رضـى اللّـه عنــهــا އެމާތް ސާހިބާއަށް އެންމެފުރަތަމަ ވަޙީލިބިވަޑައިގެންނެވި ދުވަހު އެމާތް ސާހިބާ ސިފަކުރައްވައިފައިވަނީ މިދެންނެވި އަޚްލާޤީ މާތް ސިފަފުޅުތަކުންނެވެ. أمّ المـؤمـنــيـن ވިދާޅުވެފައިވެއެވެ. އަރަހުށި މާތް اللّـه ފަހަރެއްގައިވެސް ކަލޭގެފާނު ގެއްލެނިއެއް ނުކުރައްވާނެއެވެ. އެހެނީ ކަލޭގެފާނަކީ ގާތްތިމާގެފުޅުކަމުގެ ގުޅުން ވާޞިލުކުރައްވާ ބޭކަލަކީމުއެވެ. މުޞީބަތްތައް ކުރިމަތިވެފައިވާ މީހުންގެ ބުރަ ލުއިކޮށްދެއްވާ ބޭކަލަކީމުއެވެ. އަތްމަތި ދަތިމީހުންނަށް އެހީވެދެއްވާ ބޭކަލަކީމުއެވެ. މެހުމާނުންނަށް ކާންދެއްވައި ގޮވައިލުންދެއްވާ ބޭކަލަކީމުއެވެ. ޙައްޤުގެ މަގުގައި މުޞީބަތްތައް އުފުލަންޖެހިފައިވާ މީހުންނަށް އަތްބާރުއަޅުއްވައިދެއްވާ ބޭކަލަކީމުއެވެ. (ބުޚާރީ)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ޚުލުޤުފުޅު ރީތިކަމާއި އަޚްލާޤުގެ މަތިވެރިކަމުގެ އާދަޔާޚިލާފު ހެއްކަކީ ޢަރުޝީގައި ވޮޑިގެންވާ މަތިވެރި ޒާތުފުޅުން އެކަމަށް ހެކިވެވޮޑިގެންފައިވުމެވެ. ވަޙީކުރައްވައިފައިވެއެވެ. "ހަމަކަށަވަރުން ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލުޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ." (الـقـلم: 4) މައްކާގެ މުޝްރިކުންނަކީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ފުރާނަފުޅުގެ ދުޝްމިނުންނެވެ. އެކަމަކު އެމީހުންވެސް އެމާތް ސާހިބާގެ އަމާނަތްތެރިކަމާއި ތެދުވެރިކަމަށް ހިތުގެ އެންމެފުންމިނުން އިޢުތިރާފުވެއެވެ. أبــو جـهـل ކައުސާހިބާގެ އަރިހުގައި އެތައްފަހަރަކު ދަންނަވައިފައިވެއެވެ. "އޭ محمّد (صلّــى اللّـه عليـه وسلّـم) އެވެ. އަޅުގަނޑު ކަލޭގެފާނަކީ ދޮގުވެރިޔެކޭ ނުދަންނަވަމެވެ. އެކަމަކު ކަލޭގެފާނު ތިޔަގެންނެވި ދަޢުވަތަކީ ތެދުކަމަކަށެއް ގަބޫލެއް ނުކުރަމެވެ." (ތިރުމިޒީ) މައްކާގެ އަހުލުވެރީން ގެއްލިދާނެތީ ބިރުގަންނަ އަގުހުރި ހުރިހައި އެއްޗެއްސެއް ހުންނަނީ އިތުރު ސާހިބާގެ އަތްޕުޅުގައި އަމާނަތުގެގޮތުން ބަހައްޓައިފައެވެ. އިތުރު ސާހިބާ މަދީނާއަށް ހިޖުރަކުރެއްވިއިރު عـلــى بــن أبــى طـالـب رضى اللّـه عنــه މައްކާގައި ބެހެއްޓެވި ސަބަބަކީ އިތުރު ސާހިބާގެ އަތްޕުޅުގައި މީހުން ބަހައްޓައިފައިހުރި ވަރަށްގިނަ އަމާނަތްތަކެއް ހުރުމާއެކު އެތަކެތީގެ ވެރީންނަށް އެތަކެތި އަދާކުރެއްވުމެވެ. (އިބްނު ހިޝާމު)

މާފުކުރެއްވުމާއި ބަދަލު ނުހިއްޕެވުން

މީހުންނަށް މާފުކުރެއްވުމާއި މީހުންގެ ކިބައިން ބަދަލު ނުހިއްޕެވުމަކީ ރަޙުމަތުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ ޚާއްޞަ ސިފަފުޅެކެވެ. أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ވިދާޅުވެފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ދުވަހަކުވެސް އެމާތް ސާހިބާގެ އަމިއްލަފުޅު ސަބަބަކާހުރެ މީހެއްގެ ކިބަޔަކުން ބަދަލެއް ނުހިއްޕަވައެވެ. (ބުޚާރީ) ހަމައެފަދައިން މީހަކުކުރި އެއްވެސް ނުބައިކަމެއްގެ ބަދަލުގައި ނުބައިކަމެއް ނުކުރައްވައެވެ. (ތިރުމިޒީ) އިތުރު ސާހިބާގެ ފުރާނަފުޅާމެދު ދުޝްމިނުވާ މީހުނަށްވެސް ގެންދެވީ މާފުކުރައްވަމުންނެވެ.

جــابـــر بــن عـبـداللّـه الأنصــارى رضى اللّـه عنــه ރިވާކުރައްވައިފައިވެއެވެ. "އެއްފަހަރަކު އަހަރެމެން ހަނގުރާމަޔަކުން އެނބުރި އައިމަގުމަތީގައި ތަނެއްގައި މަޑުކޮށްލީމުއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ވެސް އަރާމުކޮށްލެއްވުމަށްޓަކައި އެއްފަރާތެއްގައިހުރި ގިއުޅިލާށިގަސްތަކެއްގެ ދޮށުގައި އޮށޯވެވަޑައިގެންނެވިއެވެ. އެމާތް ސާހިބާގެ ކަނޑިކޮޅު އޮތީ ގިއުޅިލާށިގަހުގެ ގޮތްޕެއްގައި އެލުވައިލައްވައިފައެވެ. އަހަރެމެންތިބީ ތަންކޮޅެއްދުރުގައި އެކިކަންކަމާ އުޅެއުޅެއެވެ. އެއްބަޔަކު އަރާމުކުރަނީއެވެ. ކުއްލިޔަކަށް އަހަރެމެންނަށް އިވުނީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަޑުފުޅެވެ." އިތުރު ސާހިބާ އަހަރެމެންނަށް ވިދާޅުވަނީއެވެ. އަހަރެމެން އަވަސްއަވަހަށް އަރިހަށް ހާޒިރުވެއްޖައީމުއެވެ. އިތުރު ސާހިބާގެ އަރިހުގައި ބަދަވީންގެ މީހެއް އިށީނދެލައިގެން އިނެވެ. އިތުރު ސާހިބާ ވިދާޅުވެދެއްވިއެވެ. "އަހުރެންނަށް ނިދިފައިއޮއްވައި މީނާ އައިސް އަހުރެންގެ ކަނޑި ނަގައިފިއެވެ. އަހުރެންނަށް ކުއްލިޔަކަށް ހޭލެވުނުއިރު މީނާހުރީ ކަނޑި އުރައިން ދަމައިގެންނެވެ. މީނާ ބުނަމުންދެއެވެ. "ތިމަންގެ ތިބައިން ކަލޭގެފާނު ސަލާމަތްކުރާނީ ކާކުހެއްޔެވެ؟" އަހަރެން ބުނެފީމެވެ. "އެއީ اللّـه އެވެ. އަހުރެން އެހެން ބުނެފައި ތެދުވުމާއެކު މީނާގެ އަތުން ކަނޑި ވެއްޓިއްޖެއެވެ. އަހަރެން ކަނޑި ނަގައިފީމެވެ." جــابـــر رضى اللّـه عنــه ވިދާޅުވިއެވެ. "ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމީހާގެ ކިބަޔަކުން ބަދަލެއް ނުހިއްޕަވައެވެ." (ބުޚާރީ)

(ނުނިމޭ)