ބަހަށް އަރައި ފައިބާ ދޮރާއި، ބަހުގެ އެތެރެ ފެންނަގޮތަށް ސެކިއުރިޓީ ކެމެރާ ހަރުކޮށް، އޭގެ ރެކޯޑިން ހަމަސްދުވަސް ވަންދެން ރައްކާކޮށް ބަލަހައްޓަންވާނެ ކަމަށް ހިމަނައި، އާންމު ދަތުރު ފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމުގެ ގަވާއިދު އާންމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އެކުލަވާލާފައިވާ އެ ގަވާދުގައި އަލިފާން ނިއްވާ ނިޒާމާއި، އަލިފާނުގެ ހާދިސާއަކުން ސަލާމަތް ވެވޭނެ ނިޒާމެއް، ޑިފެންސް މިނިސްޓްރީން ގަބޫލުކުރާ މިންވަރަށް ގާއިމުކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އަވަސްފަރުވާގެ ހިދުމަތްދިނުމަށް ބޭނުންވާ ފުރަތަމަ އެހީގެ ތަކެތި ހުންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ޖިސްމާނީ އުނިކަން އިހުސާސް ކުރަން ޖެހިފައިވާ މީހުންނާއި، ކުޑަކުދިންނާއި، މާބަނޑު އަންހެނުން، ފަސޭހަކަމާއެކު ބަހަށް އަރައި ފޭބުމުގެ އިންތިޒާމާއި، އިށީނދެ ތިބެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ހިދުމަތް ދިނުމަށް ބޭނުންކުރާ ބަހުގައި، ބަހަށް އަރައި ފައިބައި ދޮރާއި ބަހުގެ އެތެރެ ފެންނަ ގޮތަށް ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުންނަންވާނެއެވެ. އަދި ބަހުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީ ކެމެރާއިން ރެކޯޑުކުރެވޭ މަންޒަރުތައް ހަ މަސްދުވަހު ހިދުމަތްދޭ ފަރާތުން ރައްކާތެރިކޮށް ބަލަހައްޓަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މަސްތުގެ ހާލަތުގައި ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން ބަހަށް އެރުމަކީ ނުވަތަ ބަހަށް އެރުމަށް މަސައްކަތް ކުރުމަކީ މަނާކަމެއް ކަމަށް ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ. އަދި އެއްވެސް މައްސަލަ ދިމާވެގެން ބަހުގެ ހިދުމަތް މެދުކެނޑިއްޖެނަމަ، އަލުން ހިދުމަތް ފެށޭނެ ވަގުތު ބަޔާންކޮށް 30 މިނެޓުގެ ތެރޭގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބަހުގައި ދަތުރުކުރާ މީހުން އިތުރުވާ ވަރަކަށް، ބަހުގެ އަދަދު އިތުރުކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ބަހުގައި ދަތުރުކުރާ މީހުން އުފުލާ ލަގެޖުގެ ބަރުދަން ޖުމުލަ 30 ކިލޯއަށް ވުރެ ބަރުވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ބަހުގެ ހިދުމަތަކަށް ނަގާ އަގު ކަނޑައަޅާނީ، އެ ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތާއި ހިދުމަތް ދޭ ފަރާތާ ދެމެދު މަޝްވަރާ ކުރުމަށްފަހު، ހިދުމަތް ދިނުމަށް ލައިސަންސް ދޭ ފަރާތުންނެވެ.

ދިވެހިރާއްޖޭގައި އާންމު ދަތުރުފަތުރުގެ ގޮތުގައި ބަހުގެ ހިދުމަތް ދިނުމަށް ލައިސަންސް ނުވަތަ ހުއްދަ ނުނަގައި އެ ހިދުމަތް ދިނުމަކީ ކުށެކެވެ. މިފަދަ ކުށެއް ކުރި ފަރާތެއްގެ އަދަބަކީ 2،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

އޭގެ އިތުރަށް މި ގަވާއިދާ ފުރަތަމަ ފަހަރަށް ހިލާފުވާ ފަރާތެއް 500 ރުފިޔާއިން ޖޫރިމަނާ ކުރުމަށް، ދެވަނަ ފަހަރަށް ގަވާއިދާ ހިލާފުވާ ފަރާތެއް 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އަދި ތިންވަނަ ފަހަރު ގަވާއިދާ ހިލާފުވާ ފަރާތެއް 1500 ރުފިޔާއިން ޖޫރިމަނާކުރުމަށް ގަވާއިދުގައި ވަނީ ހިމަނައިފައެވެ. އަދި އެއަށްވުރެ އިތުރަށް އެފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެ ފަރާތެއްގެ ބަހުގެ ހިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގަވާއިދުގައި ސްކޫލު ބަހުގެ ހިދުމަތާ ބެހޭ އުސޫލުތައްވެސް ވަނީ ހިމަނައިފައެވެ.