މާލެ ސަރަހައްދުގައި ހައުސިން ޔުނިޓުތައް އެޅުމަކީ މުޅިން ހައްލެއް ނޫން ކަމަށާއި ބިން އުފެއްދުމާއި އުފެދިފައި ހުރި ބިންތައް ގުޅުވައިލުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް ތާށިފިލުވުމަށް ވަރަށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށެވެ.
"ގްރޭޓާ މާލެ ސަރަހައްދުގައި މިހާރު އެޅުމަށް މަސައްކަތް ކުރެވެމުން މިދާ ހައުސިން ޔުނިޓުތަކަކީ މުޅިން ހައްލެއް ނޫން. ބިން އުފެއްދުމާއި އުފެދިފައި ހުރި ބިންތައް ގުޅުވާލުން މުހިންމު،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ކުރިއަށް އޮތް ތަނުގައި ހޭދަކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
ރައީސް މިގޮތަށް ވިދާޅުވެފައިވާ އިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 600 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އެގޮތުން އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައިވާ ގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް 4000 ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ހޭދަކުރާނެއެވެ. ނޭޝަނަލް ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އަލަށް ފަށާ ހައުސިން ޔުނިޓުތަކަށާއި ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ މަޝްރޫއުތަކަށް 449 މިލިއަން ރުފިޔާ ހޭދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.