ޚަބަރު

ފޯކަސްއަކީ ވައުދުތައް ފުއްދުން، ކޮވިޑުން ގެއްލުނު މުއްދަތު ބަހަނާއަކަށް ބެލެވޭކަށް ނެތް: ރައީސް

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަން ޖެހެނީ މި ފަސް އަހަރަށްވީ ވައުދުތައް ފުއްދައި ނިންމުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ މަސްއޫލިއްޔަތަކީ ކޮވިޑުގެ ބަލިމަޑުކަމުން އެންމެން ސަލާމަތްވުމަށް މަސައްކަތް ކޮށްދިނުން ކަމަށެވެ. ކުރެވުނު މަސައްކަތުގެ ސަބަބުން ރާއްޖެއަކީ މިއަދު އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިފައިވާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދު ހުޅުވާލެވި، މަސައްކަތް ފެށި، އާ އާންމު ހާލަތަށް ރުޖޫއަވުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިއަހަރު ނިމޭއިރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި ކުރެވޭ އަންދާޒާތަކުން ފަތުރުވެރިކަން އަންނަ އަހަރުވެސް ދާނީ އިތުރަށް ކުރިއަށް ކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އިގުތިސޯދީ އަދި މާލީ ދިރާސާތަކުގެ މާހިރުން ރާއްޖެއާ މެދު ކުރާ އުންމީދު ވަރަށް ބޮޑު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ މައިގަނޑު ފޯކަސް ސީދާ ކުރަންޖެހެނީ މި ފަސް އަހަރަށްވީ ވައުދުތައް ފުއްދައި ނިންމުމަށް. 2022 ވަނަ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ހުށަހެޅީ އެ މިސްރާބަށް ވާސިލުވުމުގެ އަމާޒުގައި. ކޮވިޑް-19 އިން ގެއްލުނު ދިގު މުއްދަތަކީ ބަހަނާއެއްގެ ގޮތުގައި ބެލޭކަށް ނެތް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރު އިޖުތިމާއީ ދާއިރާއަށް ހާއްސަ އިސްކަމެއް ބަޖެޓުގައި ދެވިފައިވާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާކުރުމަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ބަޖެޓު ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ނަފުސާނީ ބަލިތަކާ މެދު ނަފުސުތައް ހޭލެވެން ފެށިއިރު އޭގެ ފަރުވާ ހޯދުންވެފައި އޮތީ ވަރަށް ބޮޑު ދަތި ކަމަކަށް. އައިޖީއެމްއެޗުން އެޕޮއިންޓްމެންޓެއް ހަދައިގެން ޑޮކްޓަރަށް ދެއްކުމަށް ކުރަން ޖެހޭ އިންތިޒާރު ދިގު. މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން މި ހިދުމަތް ވެސް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރެވެމުން. މާލޭގެ އިތުރުން އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމު އަންނަ އަހަރު ފެށޭނެ. ޓާޝަރީ ހޮސްޕިޓަލުތަކުގައި މެންޓަލް ހެލްތު ޔުނިޓުތައް ތަރައްގީ ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގޯނާ އާއި އަނިޔާގެ މައްސަލަތައް ވަޅުލެވި ހިނދިގެން ދާދިއުމަށް މިހާރު ނިމުން އަންނަން ފަށާފައިވާ ކަމަށެވެ. ހޭލުންތެރިކަން އިތުރުވެ މައްސަލަތައް ފެންމަތިކޮށް، ރިޕޯޓުކުރުމުގެ ހިތްވަރާއި އާދަ އަށަގަންނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.