ޖުމްހޫރިއްޔަތު ސީދާ ގޮތުން ރަމްޒުކޮށްދެނީ ފަރުދުން ނުވަތަ ރައްޔިތުން ކަމަށާއި ރައްޔިތުން ބިނާނުވެ، ޖުމްހޫރިއްޔަތު ބިނާ ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ވަކި ފަރުދެއް ނުވަތަ ވަކި ރަށެއް ފަރަގު ނުކޮށް، ސަރުކާރުން ދޭންޖެހޭ ހިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ އިޖުތިމާއީ އިންސާފު ކަމަށާއި ވޭތުވެދިޔަ ތިން އަހަރު ސަރުކާރުން މަސައްކަތްކޮށްފައިވާނީ އެ ހަމަ ހިފެހެއްޓުމަށް ކަމަށެވެ.
ޖުމްހޫރިއްޔަތަކީ ހުރިހާ އެންމެން އެކުވުމުން ކިޔާ ނަމެއް ކަމަށާއި ރައްޔިތުންގެ ވެރިކަމުގެ އެންމެ އަސާސީ ސިފައަކީ އެއީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ކައުންސިލުތަކަށް ގާނޫނީ ބޮޑެތި ބާރާއި އިހުތިޔާރާއި އިމްތިޔާޒުތައް ދެވިފައިވާ ކަމަށެވެ. އަދި ކައުންސިލް ބައްދަލުވުންތަކާއި ޖަޒީރާ ހޮޅުއަށީގެ ޒަރީއާއިން ރައްޔިތުންގެ ބަސް ކަންކަމުގައި ހޯދަމުންދާ ކަމަށެވެ. އަދި ނިންމުންތަކުގެ މަރުހަލާގައި އެ ބައްދަލުވުންތަކަށް ރިއާޔަތް ކުރާ ކަމަށާއި އެއީ ޖުމްހޫރިއްޔަތުގެ ހަގީގީ ބައިވެރިވުން ހިންގުމުގެ ތެރެއަށް ފޭދިގެންދާ ކަމެއް ކަމަށެވެ.
"ޖުމްހޫރިއްޔަތު ސީދާ ގޮތުން ރަމްޒުކޮށްދެނީ ފަރުދުން ނުވަތަ ރައްޔިތުން. އެ ރައްޔިތުން ބިނާނުވެ، ޖުމްހޫރިއްޔަތު ބިނައެއް ނުކުރެވޭނެ. މީހުން ބިނާކުރުމަކީ ވޭތުވެދިޔަ ތިން އަހަރުގެ މައިގަނޑު މަޝްރޫއުތަކުގެ އެންމެ ވަރުގަދަ ބިންގާ. ތައުލީމާއި ތަމްރީނާއި ސިއްހަތަކީ ފުރިހަމަ ރައްޔިތަކު ބިނާކުރުމުގެ ނާރެސް. އެ ރައްޔިތުންގެ ގާބިލުކަމާއި އަރާ އަރަފޯދުމާއި ކެރިފޯރުންތެރިކަން ބިނާވާނީ މީހުން މީހުންނަށް ހަދައިގެން. ދިރުންހުރި މުޖުތަމައަކާއި ޖޯރު ހުރި އިގުތިސޯދެއްގެ ފެށުމަކީ ތައުލީމާއި ހުނަރު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިހާރު އޭލެވެލްއަށް ކިޔަވައިދެމުން އަންނަ ކަމަށާއި ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށިފައިވާ ކަމަށެވެ. ސްޓޫޑަންޓް ލޯން ސްކީމް ފުޅާކުރެވި، އެއްދަންފަޅީގެ ތައުލީމީ ނިޒާމަށްޓަކައި 1000 އަށްވުރެ ގިނަ ކްލާސް ރޫމްގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު