ލާމަރުކަޒީ ނިޒާމަކީ ވަކިވަކިވެ ބައިބައިވުމަށް ހުޅުވޭ ދޮރަކަށް ވެގެންނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޖުމްހޫރީ ހަޔާތުން ރާއްޖެ ކަޑައްތު ކުރި 54 އަހަރުގެ ތެރެއިން ފާއިތުވި ތިން އަހަރު އެންމެ ބޮޑު އިސްކަމެއްދިން އެއްކަމަކީ ލާމަރުކަޒީ ނިޒާމަށް ކަމަށެވެ.
"ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތަކަކީ ޖުމްހޫރިއްޔަތު ހެދިފޯދުމަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަސް. އަތޮޅުތަކުގެ ކުރިއެރުމާއި ތަރައްގީއަށް އޮތް އެންމެ ބޮޑު ގޮންޖެހުން. އަމިއްލަ ކަންކަމުގައި ބަސްބުނެ، ރައްޔިތުންނަށް ގޮތް ނިންމެން ޖެހޭ. އެކަމަށް އެޅޭ ކޮންމެ ހުރަހަކީ ޖުމްހޫރިއްޔަތު ފައްކާވުމަށް ކުރިމަތިވާނެ ގޮންޖެހުމެއް އަދި އަންނާނެ އުނިކަމެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ކައުންސިލްތަކަށް ގާނޫނީ ބޮޑެތި ބާރާއި އިހުތިޔާރާއި އިމްތިޔާޒުތައް ދެވިފައިވާ ކަމަށެވެ. އަދި ކައުންސިލް ބައްދަލުވުންތަކާއި ޖަޒީރާ ހޮޅުއަށީގެ ޒަރީއާއިން ރައްޔިތުންގެ ބަސް ކަންކަމުގައި ހޯދަމުން އަންނަ ކަމަށެވެ.
"ނިންމުންތަކުގެ މަރުހަލާގައި އެ ބައްދަލުވުންތަކަށް ރިއާޔަތް އެބަ ކުރެވޭ. މިއީ ޖުމްހޫރިއްޔަތުގެ ހަގީގީ ބައިވެރިވުން ހިންގުމުގެ ތެރެއަށް ފޭދިގެންދާ ކަމެއް. ނަމަވެސް ލާމަރުކަޒީ ނިޒާމަކީ ވަކިވަކިވެ ބައިބައިވުމަށް ހުޅުވޭ ދޮރަކަށް ވެގެންނުވާނެ. ލާމަރުކަޒީ މިފެށުން ކުރިއަށް އޮތީ ފައްކާވެ ފުރިހަމަ ވަމުން ދިއުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދޭ އަނެއް ފަށަލައަކީ ސަރަހައްދީ ތަރައްގީ ކަމަށާއި ރިއުޅޭ ސަރަހައްދާ ގާތުން ފެންވަރު ރަނގަޅު ޒަމާނީ ސިއްހީ ފަރުވާ ލިބިދިނުމަކީ މިފަށަލައިގެ ފެށުން ކަމަށެވެ.
"ރާއްޖޭގެ ފަސް ސަރަހައްދަކުން ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިއްބައިދިނުމަށް ކުރެވޭ މަސައްކަތާއި ހޭދައަކަށް ހުއްޓުމެއް ނާދޭ. ބޮޑެތި ބައެއް އޮޕަރޭޝަންތައް ކުރުމާއި ސްޕެޝަލިސްޓް ހިދުމަތްތައް މާލެ ނައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސިއްޖެ. އަދި މޮބައިލް ލެބޯޓްރީ ހިދުމަތާއި ނަފުސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެވިއްޖެ. ނަފުސާނީ ބަލިތަކަށް އާސަންދައިން ފަރުވާ ކުރެވޭނެ ގޮތް ހެދިއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރައިމަރީ ހެލްތުކެއާގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ތަންފީޒުވާން ފަށާނެ ކަމަށާއި ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތްކުރާއިރު، ރަނގަޅު ކުރަން ވަރަށް ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.