ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ ހަތުރުވެރިކަމާއި އަދާވާތްތެރިކަން ނޫންކަން ދައްކަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ފާއިތުވި ތިން އަހަރު ޖުމްހޫރިއްޔަތުގެ މަގުގައި ސަރުކާރުން ހާއްސަ ކަންތައްތަކެއް ކުރަން ޖެހުނު ކަމަށެވެ. އެއީ ޑިމޮކްރަސީ އިއާދަކޮށް ހިފެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
"ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކީ ހަތުރުވެރިކަމާއި އަދާވާތްތެރިކަން ނޫންކަން ދައްކަން ޖެހޭ. އެއީ ވަކިވެގަތުމާއި ބައިބައިވެ މުޖުތަމައު ރޫޅި ދިއުން ނޫންކަން ލޯތަކަށް ފެންނަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީއަކީ މައިނޯރިޓީއާ އެކަހެރިވެގެން ދުރުގައި އޮތް ގާމަތީރަށްވެސް ޝާމިލުވާ ނިޒާމެއްކަން ދުނިޔެ ދަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. ދިވެހިންނަށް ޑިމޮކްރަސީ އާ ނަމަވެސް ދުނިޔެއަށް އެ ފިލާވަޅު ދަސްވެ ބާވެއްޖެ ކަމަށް ވިދާޅުވިއެވެ.
ހުރިހާ އެންމެންނަކީ އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ އަދި އެއް ފިކުރެއްގެ ބައެއް ނޫން ކަމަށާއި ނުރުހޭ އެތައް ކަމަކާއި އަހަން ބޭނުން ނުވާ އެތައް އަޑަކާއި ދެކެން ބޭނުން ނުވާ އެތައް މަންޒަރެއް އަބަދުވެސް މުޖުތަމައުން ފެންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑިމޮކްރަސީއެއް އެކުވެ ޝާމިލުވަނީ އެހުރިހާ ބައިތައް ހިމެނިގެން ކަމަށާއި ގަދަ އަޅައި ހިފަހައްޓަން ޖެހެނީ ހަމައެކަނި ގައުމިއްޔަތުގެ ބަހާތައް ކަމަށެވެ. އެއީ އިސްލާމް ދީނާއި މިނިވަންކަމާއި ސިޔާދަތާއި ތާރީހާއި އާދަކާދަ އާއި ބަހާއި ސަގާފަތް ކަމަށެވެ. އެއީ ހުރަސް ނުކުރެވޭނެ ރޮނގުތައް ކަމަށާއި އަދި ދޫ ނުދެވޭނެ ކަންކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.