މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުވުމަށާއި އެކަންކަމުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ދަ ގްލޯބަލް ސެންޓާ އޮން އެޑެޕްޓޭޝަން (ޖީސީއޭ) އާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސްގެ 26 ވަނަ ބައްދަލުވުން (ކޮޕް26) ޖަލްސާގެ ހަވާސާގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. ޖީސީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެޓްރިކް ވާކޫއިޖެން އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މޫސުމަށް އަންނަ ބަދަލުތަކަށް ރާއްޖެ ހޭނުމަށް ޖުމްލަ 200 މިލިއަން ޔޫއެސް ޑޮލަރުގެ މަޝްރޫއުތަކެއް އެކުލަވާލުމަށް ޖީސީއޭ މެދުވެރިކޮށް ފައިސާ ހޯދައި ހިންގުމަށް ރާވާފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަރާތުން ޕެރިސް އެގްރިމެންޓަށް ހުށަހެޅި ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަން (އެންޑީސީ)ގައި ހިމެނޭ އެޑެޕްޓޭޝަން ލަނޑުދަނޑިތައް ހާސިލުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތު ކުރުމުގައި ރާއްޖެ އިސް ދައުރެއް އަދާކުރުމަށް ކްލައިމެޓް ވަލްނަރަބްލް ފޯރަމް އަދި ވީ20 މެދުވެރިކޮށް ކުރާ މަސައްކަތްތަކަށް އެހީ ހޯދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި ފެނުގެ ވަސީލަތްތަކަށާއި ރާއްޖޭގެ ރަށްރަށަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ޖީސީއޭ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ދަ ގްލޯބަލް ސެންޓާ އޮން އެޑެޕްޓޭޝަނަކީ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ހޭނުވުމަށް 2018 ވަނަ އަހަރު ނެދަލޭންޑްސްގެ ރޮޓާޑޭމްގައި އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު