ވާހަކަ

ވަކިވާން ޖެހުމުން - 14

އޮފީހުގެ މޭޒުދޮށުގައި، އެނބުރޭ ގޮނޑީގެ ލެނގޭ ބައިގައި ބޯ ޖައްސާލައިގެން އިން ޒިޔާދުގެ ސިކުނޑީގައި ހުއްޓުމެއް ނެތި ނޯޔާގެ ޖުމްލަ ރަނގަބީލު ޖަހަމުން ދިޔައެވެ. އޭނާގެ ކުޑަ އަންހެން ދަރިފުޅު އެ އެދެނީ އާދައިގެ ކުޑަ ކަމަކު ނޫނެވެ. މިއަދާ ހަމައަށް ދަރިފުޅު އެދުނު ކޮންމެ ކަމެއްވެސް އިތުރު ސުވާލެއް ނެތި ފުރިހަމަ ކޮށްދެމުން އައީ މިފަދަ ކަމެއް ދިމާވެދާނެ ކަމުގެ އެއްވެސް ވިސްނުމެއް ނެތިއެވެ.

ދަރިފުޅު އެ ބޮޑާ ހާކަނީ އޭނާގެ ޕާސަނަލް ސެކްރެޓަރީ، ހޯމް ސެކްރެޓަރީއެއްގެ މަގާމަށް ގެނެސްދިނުމަށް އެދިއެވެ. އެކަމަކު އެއީ ކޮންފަދައަކުން ވާނެ ކަމެއް ހެއްޔެވެ؟

ޝައުފާގެ އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް އޭނާއަކަށް ނޭނގެއެވެ. އަދި މީގެ ކުރިން ދުވަހަކުވެސް އެފަދަ ކަމެއް ދެނެގަންނާކަށް އޭނާ މަސައްކަތެއްވެސް ނުކުރެވެ. އޭނާއަށް، ޝައުފާއާ ދޭތެރޭ ހާއްސަ ގޮތެއް ބެހެއްޓޭކަން އޭނަ ގަބޫލު ކުރެއެވެ. އަދި އެއީ ކީއްވެގެން ކަންވެސް އޭނާއަށް އެނގެއެވެ. ޝައުފާގެ މިޒާޖުގައި ހުންނަ މަޑުމައިތިރި ހިތްހެޔޮކަމާއި ފުރަތަމަ ދުވަހުން ފެށިގެން ފެންނަމުންދާ ހީވާގިކަމަށް ކަމޭހިތައި އިހުލާސްތެރި، ތެދުވެރިކަމާއި އަމާނާތްތެރި ސިފަތަކުން ޝައުފާއަށް ހާއްސަ ކަމެއް، ހާއްސަ ގަދަރެއް ދެވުމަކީ ތޮއީއީ ކަމެކެވެ.

ޒިޔާދު، ނޯޔާގެ ޓިއުޝަން ޓީޗަރަކަށް ޝައުފާ ހަމަޖެއްސީ ވަރަށް ގިނަ ސަބަބުތަކެއް އޮތުމުންނެވެ. އެތައް ގޮތަކުން ވިސްނާފައެވެ. ނޯޔާއަށް އޯގާތެރިކަމާއި ލޯތްބާއެކު އުނގަންނައިދޭނެ އަދި އަދަބުއަހުލާގު ބުނެދީ ތަރުތީބުން ތަރުބިއްޔަތު ކުރުމަށް އެންމެ އެކަށީގެންވާ މީހަކަށް ޒިޔާދަށް ފެނުނީ ޝައުފާއެވެ.

އެންމެ ފުރަތަމަ ޝައުފާއާ އިންޓަވިއު ކުރި ދުވަހު، ޝައުފާ އުޅެނީ އެކަނި ކޮޓަރިއެއް ކުއްޔަށް ހިފައިގެން ކަމާއި ހުރިހާ ހަރަދެއްވެސް ކުރަނީ އެކަނި ކަމާއި އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީން ހުރިހާ ހަރަދެއް ހަމަޖައްސަން ޖެހޭކަން އޭނާއަށް އޮތީ އެނގިފައެވެ. ނޯޔާގެ ޓިއުޝަން ޓީޗަރަކަށް ޝައުފާ ހަމަޖެއްސީ އިތުރު އާމްދަނީއެއް ޝައުފާއަށް ލިބޭނެ މަގު ހޯދައިދިނުމުގެ އިތުރަށް ނޯޔާއަށް އެންމެ ފުރިހަމަ އިލްމަކާއި އަދަބާއި ސްލޫކު ބުނެދެވޭނީ ޝައުފާއަށް ކަން އޭނާއަށް ނުހަނު ބޮޑު އިތުބާރަކާއެކު ޔަގީންވާތީއެވެ.

ކަންތައްވީވެސް ހަމަ އެހެންނެވެ. އެކަމަކު ފަސް އަހަރު ވޭތިވެގެން ދިޔައިރު ޒިޔާދަށް ނުވިސްނި އޮތްކަމަކީ ޝައުފާގެ އަމިއްލަ ދިރިއުޅުމެއް އޮންނާނެކަމެވެ. އޭނާގެ މުވައްޒަފަކަށް ވުމަކުން ޝައުފާ އޭނާގެ އަޅަކަށް ވީއެއް ނޫނެވެ. އެހެން އެންމެން އެތިބީ އޭނާގެ އަޅަކަށް ޝައުފާ ހަދައިގެން މުޅި އުމުރަށް އޭނާގެ ބާނދީއަކަށް ވެގެން ޝައުފާ އައުމަށް އެދިގެންނެވެ. އެއްވެސް ގޮތަކުން އެއީ އެކަށީގެން ވާ ކަމެއް ނޫނެވެ. އެންމެ ފަހުން ޒިޔާދު ގޮތް ނިންމައިފިއެވެ. ހަމަޖެހުމުގެ ނޭވާއެއް ހަށިފުރައި ލުމަށްފަހު ޒިޔާދު މޭޒުމަތީގައި އުޅަބޮށި ވިއްދާލިއެވެ. އޭރު އޭނާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ.

"ދަރިފުޅާ ނޯޔާ… އަދި މާ އަވަސް ޝައު އާންޓީ ޝައުދައްތައަކަށް ހަދައިގެން ގެއަށް ގެންނަން… އެކަމަކު ދަރިފުޅު ޑެޑީގެ ލޯ ހުޅުވާލަދިނީ… ޑެޑީ ހީކުރީ ދަރިފުޅުގެ މަންމި ނޫން އެހެން އަންހެނަކު

ޑެޑީ އަކަށް ދުވަހަކުވެސް ހާއްސަ ނުވާނެއޭ… އެކަމަކު… ބޭބީގެ މަމީގެ ޖާގަ ނުދެވުނަސް ދެވަނަ ޖާގައެއް ޝައު ހޯދައިފި...." ޒިޔާދު ހިތާހިތާ ވާހަކަ ދެއްކިއެވެ. އަދި އުފާވެރި ގޮތަކަށް ހިނިތުންވެލަމުން ލޯމަރާލިއެވެ. ޒިޔާދު ބޭނުންވީ ކޮންމެވެސް ފޮނި ހިޔާލެއްގެ ގެއްލިގަތުމަށެވެ.

********

މެންދުރުގެ ހޫނަށް ވަރުބަލިވެގެން ނިދިފައި އޮތް ޝައުފާއަށް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވުނު ކަމުގެ ކުޑަވެސް ހިލަމެއް ނުވެއެވެ. ފުން ނިދީގައި ފުރޮޅިލަމުން ކައިރީގައި އޮތް ކަންނެޔޮ، ގަޔާ ކައިރިކޮށް އޭގައި ބާރަށް ބައްދާލިއެވެ.

ފަތިހުފަތިހާ ތެދުވެ ނަމާދުކޮށް ނިމިގެން އެގަޑީގައި ކިޔަން ޖެހޭ ޒިކުރު ކިޔަމުން ބަދިގެއަށް ގޮސް ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިންމުމަށްފަހު ޝައުފާ އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ތައްޔާރުވާން ފެށިއެވެ. ޝައުފާގެ ކޮންމެ ދުވަހެއްވެސް ފެށެނީ މިކަހަލަ ގޮތަކަށެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިމިގެން ޝައުފާ އަވަސްވެ ގަންނަނީ ފެންވަރައި ތާޒާވެގެން އޮފީހަށް ދިއުމަށެވެ. އޮފީހުން ގެއަށް އާދެވޭނެ އިރެއް ނޭނގޭނެތީވެ، ޝައުފާ އޮފީހަށް ދަނީ ރަނގަޅަށް ނާސްތާކޮށްގެނެވެ.

ވަރަށް މަދު ދުވަހެއްގައި އޮފީހުގެ މަސައްކަތް މެންދުރަށް ނިމެއެވެ. އެފަދަ ދުވަހެއްނަމަ ގެއަށް އައުމާއެކު ފެންވަރައިގެން އަވަސްވެ ގަންނަނީ މެންދުރު ނަމާދު ކުރުމަށެވެ. ނަމާދުން ނިމިގެން މަދު ދުވަހެއްގައި މެންދުރު ކެއި ނަމަވެސް އާއްމުކޮށް މެންދުރު ހުސްކޮށް ލިބެން އޮތިއްޔާ، ގަޑިއެއްހާއިރު ނިދުމަށް ޝައުފާ ހާއްސަ ސަމާލުކަމެއް ދެއެވެ. މިއަދަކީ ވެސް މެންދުރަށް އޮފީހުގެ މަސައްކަތް ނިންމާލެވުނު ދުވަހެކެވެ. ގެއަށް އައުމަށް ޝާމިންގެ އެހީ ހޯދީ އެގަޑިއަކީ ޝާމިންގެވެސް ލަންޗް ބްރޭކް ގަޑިއަށްވާތީއެވެ.

ޝައުފާ، ޝާމިންއަށް މެންދުރުގެ ކެއުމަށް ދައުވަތު ދިނީ ފަހަކަށް އައިސް އޭނާއަށް އެކަނި ކާން ފަސޭހަ ނުވީމައެވެ. ކެއުމުގައި ޝާމިން ބައިވެރިވިއެވެ. އެހެންކަމުން ޝައުފާއަށް ވަރަށް ރަނގަޅަށް ކެވުނެވެ.

ކައި ނިމިގެން ޝާމިން ދިޔައީ ގެއަށް ފެންވަރައި ހެދުން ބަދަލު ކުރުމަށެވެ. ބުރަ މަސައްކަތެއްގައި އުޅެފައި އައުމުން އޭނާގެ މުޅި ޔުނިފޯމް އޮތީ ކަޅުތެލާއި ގިރިހުން ހަޑިވެފައެވެ.

ޝާމިން ދިއުމުން އާންމު ގޮތެއްގައި ނިދަން ލައިއުޅޭ ހުދު ކުލައިގެ ޓީޝާޓާއި ކެމޮފްލާޖް ހަރުވާޅު ނަގައިގެން ޝައުފާ ވަނީ ފާހަނާއަށެވެ. ހެދުން ބަދަލުކޮށްގެން އައިސް އެނދުގައި އޮށޯވެލިތަނާހެން ޝައުފާގެ ލޯމެރެމުން ގޮސް ފުން ނިންޖެއްގެ ތެރެއަށް ގެބިއްޖެއެވެ. ނިދީގައި ފުރޮޅިލުމާއެކު ކައިރީގައި އޮތް ކަންނެޔޮ ނަގާ އޭގައި ބައްދާލިއެވެ. އަދި ފޮނި ހުވަފެނުގެ ތެރެއިން ހިނިތުންވެލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަގު ފިޔަވަޅުތަކެއްގައި އައިސް ޝައުފާގެ އެނދު ކައިރިއަށް ހުއްޓި ހުރި މީހާ ފަރުވާތެރިކަމާއެކު ޝައުފާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލާލިއެވެ. އަދި އެނަޒަރު ޝައުފާގެ މޫނާ ހަމައިން ހުއްޓިއްޖެއެވެ.

"ހާދަހާ މައުސޫމު މޫނެކޭ… އެއްވެސް ކުށެއް ނެތް ސާފު ތެދުވެރި… އެކަމަކު ކޮންފަދަ ވޭނެއް..!" ޝާމިން ހިތާހިތުން ބުނެލިއެވެ.

މިހާ ގާތުން އެއްވެސް ހުރަހެއް ނެތި ޝައުފާގެ މޫނު އޭނާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ދޮން ކުލައެއް ނެތަސް މޭކަޕުން ކުލަ އޮފްދާރު ކޮށްފައި ނެތަސް އަސްލު ގުދުރަތީ ރީތިކަމުގައި ޝައުފާ އެއްވަނައިގައި ގުނެވޭނެކަން ޔަގީނެވެ.

ކުއްލިއަކަށް ކުރީ ދުވަހުގެ ކަންތައް އޭނާގެ ސިކުނޑީގައި އެނބުރި ގަތެވެ. މީގެ މަހެއްހާ ދުވަސް ކުރިން އޭނަ ޑިޓޮކްސް ފުރިހަމަކޮށްފައި މާލެ އައި ދުވަހު މިގެއަށް އައުމުން ދިމާވި ކަންތައްގަޑުގެ އަސަރު އަދިވެސް އޭނާގެ ސިކުޑީގައި ތާޒާ ކަމާއެކު ހަރުލާފައި އެބަހުއްޓެވެ. ދާދި ދެންމެއަކު ވީކަމެއް ފަދައިން އެމަންޒަރުތައް ސިފަވާން ފެށިއެވެ. ތަފާތު އެކި ވާހަކަ ކިޔައިދެމުން ދިޔަ ޝައުފާއަށް އެވީގޮތް ހަނދާނަށް ސިފަވެގެން ދިޔައެވެ.

"ފުރަތަމަ ހުރީ ކުދިން ބަހައްޓަދޭ ކަހަލަ ގޭގޭގަ.. ހުރެގެން ޖޮބް ކުރަމުން ކުލި ދައްކަމުން ކިޔަވަމުން ސޭވްވެސް ކުރަމުން ދިޔައީ… މިތަން ކުއްޔަށް ނެގިތާ ދެއަހަރުވެދާނެ… އެކަނި އުޅެން ފެށި ފަހުން ވަރަށް ހިތްހަމަ ޖެހޭ ލައިފެއްގައި ޝައު އުޅެނީ… ލައިފްގައި ހުސްޖާގައެއް ހުރި ހެނެއް ހިއެއް ނުވޭ…އެކަމަކު…"

އެހިސާބަށް ބުނެފައި، ޝައުފާ ވާހަކަ ހުއްޓާލާ ފުންނޭވައެއް ލިއެވެ. އަދި އިސްޖަހާލައިގެން އެއްއިގިލި އަނެއް އިގިއްޔަށް ލައްވައި އަބުރަން ފެށިއެވެ. ކޮންމެވެސް ކަމަކާ ހާސްވި ކަހަލައެވެ.

ޝާމިން އަތުގައި ހުރި ކޮފީ ހުސްކުރި ޖޯޑު އެނދާ ދިމާލުން ފާރާ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓުމަށްފަހު ޝައުފާއާ ގާތަށް ޖެހިލިއެވެ. އިސްދަށަށް ޖަހައިގެން އިން ޝައުފާގެ ނިއްކުރިން ހިއްލާފައިވާ ދާ ތިކިތައް އޭނައަށް ކިތަންމެހާވެސް ރަނގަޅަށް ފެނުނެވެ.

"ޝައު ކޮންމެވެސް ކަމަކާ ވަރަށް ކަންބޮޑުވެ ހާސްވާހެން ހީވަނީ ކީއްވެ…؟ ކޮންމެވެސް ބޮޑު ކަމަކާ ބިރުގަންނަ ފާޑު ޖަހަނީ ކީއްވެ…؟ ޝައުގެ ތި އުފާވެރި ހިނިތުންވެފައި ހުންނަ މޫނުގެ ފަހަތުގައި ވަރަށް ބޮޑަށް ބިރުގެންފައިވާ ސިހިފައި ހުންނަ ތުރުތުރެއް އަޅާ މޫނެއް ފޮރުވިފައި ހުންނަހެން ހީވަނީ ކީއްވެ… މީ އަސްލު ހިއެއް ނޫން… އާނީ އަށް ވަރަށް ޔަގީން…" ޝާމިން މައްސަލައެއް ތަހުގީގު ކުރާ ފުލުހެއް ފަދައިން ވަރަށް ސާބިތުކަމާއެކު ވާހަކަ ދެއްކިއެވެ. ދެންވެސް ޝައުފާ އަނގައިން ނުބުނެ އެއިން ގޮތަށް އިނީއެވެ.

"ޝައުގެ މަންމަމެން ކޮބާ…؟ އެއްވެސް ވަރަކަށް ގުޅައި ވާހަކަ ދައްކާ ހަދާ ތަނެއް ނުފެނޭ… އަނެއްކާ ކޮންމެވެސް ކަމެއް ވެގެން ރުޅީތަ…؟"

މިފަހަރު ޝައުފާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިތަން ޝާމިނަށް ފެނުނެވެ. އަޖައިބެއް ކަހަލަ އަންހެނެކެވެ. ސިއްރުން ފުރިފައިވާ އެކަމަކު އޯގާތެރިކަމާއި ރަހުމާއި ކުލުނުން ބަރާވެފައިވާ ރީތި ހިތެއްގެ ވެރިއެކެވެ. ސަމާސާ ސަކަ މިޒާޖެއްގެ އެހެނަސް ވޭނާއި ރިހުމުން ކަޅިވެފައިވާ ނަފުސެކެވެ.

"އޭތް… ކިހިނެއްވީ… އަނެއްކާ މަށަށް އަހަން ނުޖެހޭ ވަރުގެ ސުވާލެއް ކުރެވުނީތަ…؟ ހަޝްހަޝް ވެފަ ތިއިނީޔޯ…؟"

ޝާމިން ޝައުފާގެ އަތުގައި ހިފައި ދަމާލަމުން ބުނެލިއެވެ. އެވަގުތު މީގެ ކުރިން ޝާމިނަށް ދުވަހަކުވެސް ޝައުފާގެ ކިބައިން ނުފެންނަ މަންޒަރެއް ސިފަވެގެން ދިޔައެވެ. ފުރިބާރުވެގެންގޮސް ބަޑި ފަޅައިގެން ދިޔަ ފަދަ ގޮތަކަށް ޝައުފާ ގިސްލަގިސްލާފައި ރޯންފެށުމުން ޝާމިންގެ ސިކުޑި ހާސްވެ ގޮތްހުސްވެއްޖެއެވެ.

އަނެއްކާ މިދިމާވީ ކިހާދެރަ ކަމަކާ ހެއްޔެވެ. މިއީ އޭނާ ހީކުރި ވަރަށް ވުރެ މާ މައުސޫމު ޟައީފު އަންހެނެކެވެ. ނިކަން ހަރުދަނާ ގަދަފަދަ މީހަކަށް ވެގެން އުޅޭ އިރު ޝައުފާގެ މިސިފަ އޮތީ ފަރުދާއެއްގެ ފަހަތުގައި ފޮރުވާފައެވެ.

"އޭތް… ޔާރައްބި… އަޅޭ…ކަނބުލޯ.."

ރޮއި ހަނާވަމުން ދިޔަ ޝައުފާ ގެނެސް އަތުގެ ތެރޭ ބޮޑިކޮށްލަމުން ޝާމިން ގޮވާލިއެވެ. ދެންވެސް ޝައުފާގެ ގިސްލުން މަޑެއް ނުވިއެވެ. އިރެއް އިރަކަށް ރުއިން ދިޔައީ ބާރު ވަމުންނެވެ.

"އަޅެ ހެޔޮނުވާނެ… ވީކަމެއް ބުނެބަލަ… މަށަކީ ވަރަށް ގަމާރު މީހެއް… ވީގޮތް ނުބުނަންޏާ ވިސްނައިގަންނާކަށް ނޭނގޭނެ… ހަމަ ތެދެއް މިބުނީ… ޔުއާނާ ރޮއިގެންވެސް މަގޭ ހިތަށް މިހާ ތަދެއް ނުވޭ…ޝައު އަކާ ފާޑެއްވެސް ނޫން… އޯމައި.. ހިތުގަ ޖެހިޖެހިފައި ރޮވެނީ... ޕްލީޒް… މަށަށްވެސް ރޮވިދާނެ…"

ޝައުފާގެ ބުރަކަށީގައި ފިރުމަމުން ޝާމިން ސުވާލު ކުރަމުން ގެންދިޔައެވެ. މަޑުމަޑުން ރުއިމުގެ އަޑު މަޑުވަމުން ގޮސް ހިދެމުންދާ ގިސްލުމަކަށް ޝައުފާގެ އަޑު ބަދަލު ވެއްޖެއެވެ. އަދިވެސް ޝައުފާ އިނީ ޝާމިންގެ މޭގައި ބޯޖައްސާލައިގެންނެވެ. ޝާމިންގެ އަތުގެ ތެރޭގައި އޮތް ޝައުފާގެ އަތްތިލައަށް މަޑުމަޑުން ފިތާލަމުން ވައިއަޑަކުން އޭނާ ޝައުފާއަށް ގޮވާލިއެވެ.

ސިހިގެން ދިއުމާއެކު އޭނާގެ ހިޔާލީ ވާފަށް ކަޑައިގެން ދިޔައީ ނިދިފައި އޮތް ޝައުފާގެ ކުކުރުމުގެ އަޑަށެވެ. އެދުވަހު އޭނާއަށް ޝައުފާ ކިޔައިދިން ވާހަކައަކީ އަނިޔާގެ އެއްވެސް ހައްދެއް ނެތް ހިތްދަތި ވޭންދެނިވި އަނިޔާއެއްގެ ވާހަކައެވެ. މިއުފާވެރި ހިނިތުންވުމަކުން އަނެކުންގެ ހަޔާތަށް އުޖާލާކަމާއި އަލިކަން ގެނެސްދޭ އަންހެންކުއްޖާގެ އެވަރުގެ ވޭނެއް އޮވެދާނެކަމެއް އެއްވެސް މީހަކު ހިތަކަށް ނާރާނެއެވެ.

ނިދީގައި އަނެއްކާވެސް ޝައުފާ ކުކުރަމުން ކޮންމެވެސް އެއްޗެއް ކިޔާލި އަޑު ޝާމިނަށް އިވިއްޖެއެވެ. މިފަހަރު އޭނައަށް ސާފުކޮށް އެބަސްތައް އިވުނެވެ. އަސްތާއެވެ. ޝައުފާ އެއޮތީ ބިރުވެރި ހުވަފެނެއްގެ ތެރޭގައެވެ. އޭނާ އަވަހަށް ކުރިއަށް ޖެހި ޝައުފާގެ ކޯތާފަތުގައި ދެއިގިލިން މަޑުމަޑުން ޖަހާލިއެވެ.

އެއާއެކު… ޝާމިނަށް ޝައުފާގެ ކޯތާފަތުގައި އިގިލިން ދެފަހަރަކު ޖެހުނު ކަމެއް ނޭނގެއެވެ. ހަމަ ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި ވިދުވަރެއްހާ ހަލުވިކޮށް އައި އަތެއް ޝާމިންގެ މޫނުގައި ބާރު އެތިފަހަރެއް ޖަހައިފިއެވެ. ވިސްނާނުލައި ހުރި ޝާމިން ދިޔައީ ސިހިގެން ގޮސް ޝާމިނަށް ފަހަތަށް ޖެހިލެވުނެވެ.

"ގައިގަ އަތްނުލާ…!" ބުން ގަދަ އަޑަކުން ޝައުފާ ހަޅޭއްލަވައިގަތުމާއެކު ތެދުވެ އެނދުގައި އިށީނެވެ. އަދި ސިހުން އެކުލެވިފައިވާ ބިރުގެންފައިވާ ލޮލަކުން ޝާމިނަށް ބަލާލިއެވެ.

"އައްދެ… މަރާލަން ޖެހި އެތިފަހަރެއްތަ…؟ ނޫނޭ… ބާރުވެސް އެބަހުރި އިނގޭ…"

ޝާމިން މޫނުގައި ފިރުމަމުން ހެވިފައި ހުރެ އަހާލިއެވެ. އަދިވެސް ނޭވާހާސްވެ ދާހިއްލާފައި އިން ޝައުފާގެ ލޮލުން ފެންނަމުން ދިޔަ ބިރުގަތުމާއި ސިހުމަކަށް ބަދަލެއް ނާދެއެވެ.

(ނުނިމޭ)