މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އަރައިސިން ކުންފުންޏަށް ދޭންޖެހޭ ފައިސާއެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ދެހާސް ފަނަރަވަނަ އަހަރުގެ މެއި މަހު ދެވަނަ ދުވަހު އަރައިސިން ކުންފުނިން އެމްޓީސީސީއަށް ހުށަހެޅި ކޯޓޭޝަނަށް ބަލައި އެމްޓީސީސީގެ ހެޑް އޮފީސް އިމާރާތް ތަޅައި، އެތަން ސާފުކުރުމުގެ މަސައްކަތް އަރައިސިން ކުންފުންޏާ ހަވާލުކުރިއެވެ. އެރައިސިން ކުންފުނިން އެ މަސައްކަތް ކުރަމުން ދަނިކޮށް އެމްޓީސީސީން މަސައްކަތް ހުއްޓުވި ކަމަށާއި މަސައްކަތް ހުއްޓުވި ދުވަހާ ހަމައަށް އަރައިސިން ކުންފުނިން ކޮށްފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާ ހޯދުމަށް އެދި ތަކުރާރުކޮށް އެދުމުން ފައިސާ ދީފައިނުވާ ކަމަށް ބުނެ އަރައިސިން ކުންފުނިން ވަނީ 602،000 ރުފިޔާ ހޯދުމަށް އެދި 2018 ވަނަ އަހަރުގެ ޖެނުއަރީގައި އެމްޓީސީސީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން 2018ގެ ސެޕްޓެމްބަރު 19ގައި ހުކުމްކުރީ އަރައިސިން ކުންފުނިން އެދުނު ގޮތަށް ފައިސާގެ ބަދަލު ނަގައިދޭން އެމްޓީސީސީގެ މައްޗަށް އަމުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ސވިލް ކޯޓުން އެގޮތަށް ހުކުމްކުރީ މަސައްކަތުގެ ޖުމުލަ އަގުގެ ގޮތުގައި ކަނޑައެޅުނު 860،000 ރުފިޔާގެ ތެރެއިން 15 ޕަސަންޓު ފައިސާ ކަމަށްވާ 129،000 ރުފިޔާ އެމްޓީސީސީން އަރައިސިން ކުންފުންޏަށް ދައްކާފައިވާކަން އެނގެން އޮތުމުންނާއި، އެކަމަށް އެއްވެސް ފަރާތަކުން އިންކާރުކޮށްފައި ނުވުމުގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި އަރައިސިން ކުންފުނީގެ ފަރާތުން ހުށަހެޅި ތިން ލިޔުމަކީވެސް އޭގެ ޒާތުގައި އެއްބަސްވުމުގެ ދަށުން ދައުވާކުރާ ފަރާތުން ކުރި މަސައްކަތުގެ މިންވަރު ޝަރީއަތުގައި ސާފުކޮށް ނުދެވޭ ހެކިތަކަކަށް ވުމުންނެވެ.
ކިތާބީގެ ގޮތުގައި އަރައިސިން ކުންފުނިން ހުށަހަޅާފައިވަނީ ދެ ޓެކްސް އިންވޮއިސާއި، އެމްޓީސީސީގެ މުވައްޒަފެއްގެ ބަޔާނެވެ. އެ މުވައްޒަފުގެ ބަޔާނުގައި އޮތީ އަރައިސިން ކުންފުނިން ފުރިހަމަކުރީ ހަވާލުކުރި މަސައްކަތުގެ 12 ޕަސަންޓު ކަމަށެވެ.
ސިވިލް ކޯޓުން ކުރި އެ ހުކުމާދު ހިތްހަމަނުޖެހުމުން އަރައިސިން ކުންފުނިން ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހު އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެކުންފުނީގެ ފަރާތުން ހައި ކޯޓަށް އިސްތިއުނާފީ ދެ ނުކުތާއެއް ވަނީ ހުށަހަޅައިފައެވެ. ފުރަތަމަ ނުކުތާއަކީ އަރައިސިން ކުންފުންޏާ ހަވާލުކުރެވުނު އެމްޓީސީސީގެ ހެޑް އޮފީސް އިމާރާތް ތަޅައި އެތަން ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން އަރައިސިން ކުންފުންޏަށް ފުރިހަމަ ކުރެވިފައިވަނީ މުޅި މަސައްކަތުގެ 12 ޕަސަންޓުކަން މަދަނީ މިންގަނޑުތަކުން ޝަރީއަތަށް ބުރަވެވިފައިވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ އަރައިސިން ކުންފުނީގެ ފަރާތުން ޑޮކިއުމަންޓް އެވިޑެންސްގެ ގޮތުގައި ހުށަހަޅާފައިވާ ފޮޓޯތަކަށް ރިއާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކާ މެދު އަރައިސިން ކުންފުންޏާއި އެމްޓީސީސީން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު ހައި ކޯޓުން ހުކުމްކުރީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައި ކޯޓުން އެގޮތަށް ހުކުމްކުރީ އަރައިސިން ކުންފުންޏަށް މަސައްކަތުގެ 12 ޕަސަންޓަށް ވުރެ އިތުރަށް މަސައްކަތް ކުރިކަން ސާބިތުކޮށްދެވިފައި ނުވުމުންނާއި، އަރައިސިން ކުންފުނީގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކުން ވެސް 12 ޕަސަންޓަށްވުރެ އިތުރަށް މަސައްކަތް ކުރިކަން ސާބިތުނުވާތީއެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން މަޒީދެވެ.
ޚަބަރު
ޚަބަރު