ރާއްޖޭގެ ބޭހުގެ އަގުތައް ހުރީ ސަރަހައްދީ ގައުމުތަކާ އަޅާމަލާއިރު 75.9 ގުނަ މަތިކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ބަޖެޓުގައިވާ ކަންތައްތައް މެންބަރުންނަަށް އޮޅުންފިލުއްވައި ދެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، 2018 ވަނަ އަހަރު ވޯލްޑް ބޭންކުން ތައްޔާރުކޮށްފައިވާ ހެލްތު ސެކްޓާ ސްޕެންޑިން ރިވިއުގައި ފާހަގަކޮށްފައިވާ ގޮތުން ސަރަހައްދުގެ ގައުމުތަކާ އަޅާބަލައި އިރު، ރާއްޖޭގެ ބޭހުގެ އަގުތައް ހުރީ 75.9 ގުނަ މަތިކޮށް ކަމަށެވެ.
އަދި އާސަންދަ ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމުގެ އިތުރުން މާލީ ރައްކާތެރިކަން އިތުރުކޮށްދިން ނަމަވެސް އެ ނިޒާމަކީ ލިމިޓެއް ނެތި ހުޅުވާލާފައި އޮންނަ ނިޒާމެއްކަމުން، އިސްރާފަށް މަގުފަހިވާ ބައެއް ނުރަނގަޅު އާދަތަކަށް މަގުފަހި ކުރުވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.