ޚަބަރު

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މިރޭ، ޖަލްސާގައި ރައީސް ގައުމާ މުހާތަބު ކުރައްވާނެ

އައިޝަތު ނިއުޝާ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިރޭ ބާއްވާ ޖަލްސާގައި ރައީސް ސޯލިހު، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާނެ ކަމަށެވެ. އެގޮތުން މިރޭގެ ޖަލްސާގައި 117 ފަރާތަކަށް އެ އިނާމު އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި އެފަރާތަކުން ވަޒީފާ އަދާކުރި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަވާ ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަކީ، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރެގެން ވަޒީފާއަދާކުރި ކަމުގައިވީ ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ ކޮންމެ ފަރާތަކަށްވެސް އަރުވާ އިނާމެކެވެ.

ރައީސް އޮފީހުން ބުނީ، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އާންމުކޮށް ދެނީ، އަހަރަކު އެއްފަހަރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ. ނަމަވެސް މިއީ މި އިނާމަށް ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރަށްވެފައި، އަދި މިފަހަރު އެއް ޖަލްސާއެއްގައި ހުރިހާ ފަރާތްތަކަށް އިނާމު ނުދެވޭނެތީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ދިވެހީންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައިވެސް މި އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ.