މުނިފޫހިފިލުވުން

ގެވެށި އަނިޔާ ލިބި އެކްޓްރެސް ޕޫނަމް ޕާންޑޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްފި، ފިރިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް

މޮޑެލް އަދި އެކްޓްރެސް ޕޫނަމް ޕާންޑޭ އަށް ގެވެށި އަނިޔާ ލިބި ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދޭން ފަށައިފިއެވެ. މިމައްސަލައިގައި އޭނާގެ ފިރިމީހާ ސޭމް ބޮމްބޭ ވަނީ ހައްޔަރުކޮށްފައެވެ.

މުމްބާއީ ފުލުހުން މީޑިއާއަށް ބުނީ ޕޫނަމްގެ ފިރިމީހާ ސޭމް ބޮމްބޭ ހައްޔަރުކޮށްފައިވަނީ ޕޫނާމް ޕާންޑޭއަށް ގެވެށި އަނިޔާކުރި މައްސަލައިގައި ކަމަށާއި އޭނާގެ މައްޗަށް އިންޑިއާގެ ޕީނަލް ކޯޑު އައިޕީސީގެ ދަށުން ކޭހެއް ފައިލުކުރެވިފައިވާ ކަމަށެވެ. ސޭމް ކޮށްފައިވާ އަނިޔާތަކުގެ ސަބަބުން ޕޫނަމްގެ ބޮލަށާއި ލޮލާއި މޫނުމައްޗަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައިކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައިވެސް ޕޫނަމް ވަނީ ފިރިމީހާ ސޭމް އާ ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓު ކޮށްފައެވެ. މިދިޔަ އަހަރު ކައިވެނިކޮށް ހަނީމޫނަށް ގޯއާގައި އުޅުމުގެ ތެރޭގައި ސޭމް އޭނާއަށް ޖިންސީ ފުރައްސާރަ އާއި އަނިޔާގެ އިތުރުން އިންޒާރުދީ ހަދާފައިވާތީ ޕޫނަމް ވަނީ ގޯއާގެ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ސޭމް ހައްޔަރުކުރި ނަމަވެސް ޖެހިގެން އައި ދުވަހު ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލައިފައެވެ. އޭގެފަހުން ޕޫނަމް ވަނީ ފިރިމީހާ ސޭމް އާ އެކު ކޮށްފައިވާ ކައިވެނި ނިންމާލުމަށް ވިސްނާފައިވާ ކަން މީޑިއާގައި ހާމަކޮށްފައެވެ. ނަމަވެސް ދެފަރާތުން އަނެއްކާވެސް ވާހަކަދައްކައި މައްސަލަތައް އެއްފަރާތް ކޮށް އެގުޅުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕޫނަމް އަދި ސޭމް ކައިވެނިކޮށްފައިވަނީ ރަށްޓެހިވެގެން ތިން އަހަރު ދުވަހު އެކުގައި އުޅުމަށްފަހުގައެވެ.

ޕޫނަމް ބޮލީވުޑަށް ނުކުމެފައިވަނީ އޭނާގެ ފުރަތަމަ ފިލްމު 2013ވަނަ އަހަރު ނުކުތް ''ނަޝާ'' އިންނެވެ.