ދުނިޔެ

މަލާލާ ކައިވެނިކޮށްފި

އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކޮށްގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި ނޯބެލް ސުލްހައިގެ އިނާމު ވެސް ހާސިލުކޮށްފައިވާ މަލާލާ ޔޫސުފްޒާއީ ކައިވެނިކޮށްފިއެވެ.

ކައިވެނީގެ ފޮޓޯތަކާއެކު މަލާލާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އިއްޔެއަކީ ވަރަށްވެސް ހާއްސަ ދުވަހެއް ކަމަށެވެ. އެއީ އާއިލާއާއެކު ބާމިންގަމްގައި ދިރިއުޅެމުން އަންނަ ގޭގައި ބައިވެރިޔާ އާސިރު އާއެކު ކައިވެނީގެ ގޮށް މުޅި އުމުރަށް މަހާލަފައިވާ ކަމަށް ބުންޏެވެ.

މަލާލާގެ ކައިވެނީގެ ފޮޓޯތައް ނަގައިދީފައި ވަނީ ޖާނަލިސްޓް އަދި ފޮޓޯގުރާފަރެއް ކަމަށްވާ މަލާލާގެ ގާތް ރަހުމަތްތެރިޔާ މާލިން ފަޒެހީއެވެ.

ޕާކިސްތާނަށް އުފަން 24 އަހަރުގެ މަލާލާއަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ އަންހެން ކުދިންނަށް ތައުލީމު ދޭން ގޮވާލައި މަސައްކަތްކުރާތީ އޭނާގެ އުމުރުން 17 އަހަރުގައި ތާލިބާނުން ދިން ބަޑީގެ ހަމަލާގެ ސަބަބުންނެވެ. އދި އެ ހަމަލާގައި ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ހޯދަން ދިޔަ ގޮތަށް މަލާލާ ދިރިއުޅެމުންދަނީ އިނގިރޭސި ވިލާތުގަ އެވެ.

ޕާކިސްތާނުގައި ތައުލީމު އުނގެނުމުގައި ގެންގުޅޭ ޖިންސީ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑުއުފުލައި އދ.ގެ މައި މަރުކަޒުގައި މަލާލާ ތަގުރީރު ކުރީ އުމުރުން އެންމެ 16 އަހަރުގައެވެ. މަލާލާ ކުރަމުންދިޔަ މަސައްކަތަށް ހުރަސް އަޅައި ތާލިބާނުން ދިން ހަމަލާއާ ގުޅިގެން ޕާކިސްތާނުގައި ތައުލީމު އުނގެނުމުގައި ޖިންސީ ހަމަހަމަކަން ގާއިމުކޮށް ފުރަތަމަ ފަހަރަށް ގާނޫނެއް ފާސްކުރިއެވެ.

އޮކްސްފޯޑު ޔުނިވާސިޓީން ގުރެޖުއޭޓް ވެފައިވާ މަލާލާ ދަނީ އޭނާގެ ބައްޕައައެކު "މަލާލާ ފަންޑު"ގެ ނަމުގައި ޖަމިއްޔާއެއް ހިންގަމުންނެވެ. އެ ޖަމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައުލީމުން މަހުރޫމު ވަމުންދާ އަންހެން ކުދިންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.