ޚަބަރު

ކޮޕް 26ގެ އެއްބަސްވުންތައް ތަންފީޒުކުރުން ވިލަރެސްކުރުމުގެ މަސްއޫލިއްޔަތު ޝައުނާއަށް

އަލީ ޔާމިން

ކޮޕް26 ބައްދަލުވުމުގައި ގައުމުތަކުން އެއްބަސްވި ކަންކަން ތަންފީޒުކުރުމާ ބެހޭ މަޝްވަރާތައް ވިލަރެސްކުރުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ރާއްޖޭގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު މިނިސްޓަރު އާމިނަތު ޝައުނާ ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސްކޮޓްލޭންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ބައްދަލުވުމުގެ އެ މަސްއޫލިއްޔަތު މިނިސްޓަރު ޝައުނާއާ ހަވާލުކުރެއްވީ އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާ އަލޯކް ޝަރުމާ ކަމަށެވެ.

މި މަސައްކަތުގައި މިނިސްޓަރު ޝައުނާއާއެކު ސްޕެއިންގެ ނައިބު ރައީސް އަދި އިކޮލޮޖިކަލް ޓްރާންސިޝަން މިނިސްޓަރު ޓެރޭސާ ރިބެރާވެސް މަސައްކަތް ކުރައްވާނެއެވެ.

މަބްރޫކް ވިދާޅުވީ، އެ ދެބޭފުޅުންގެ މައިގަނޑު މަސައްކަތަކަށް ވާނީ، 2015 ވަނަ އަހަރު އެކުލަވާލި ޕެރިސް އެގްރީމެންޓުގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ހާސިލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ އޮނިގަނޑެއް އެކުލަވައިލުމާއި އެކަމުގެ އެއްބަސްވުމެއް އެކުލަވައިލުން ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހު ފަށާފައިވާ ކޮޕް26ގެ ބޭނުމަކީވެސް ދުނިޔޭގެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ތިރީގައި ހިފެހެއްޓުމަށް ގައުމުތަކުން ކުރާނެ ކަންކަން ކަނޑައެޅުމެވެ. އަދި އެކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެއްބަސްވުމެވެ.