އަންނަ 2022 ވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި، ކަނޑިތީމު ދާއިރާގެ ރައްޔިތުންނަށް އިތުރު ކަންކަން ހިމަނައި ދިނުމަށް އެދޭ ކަމަށާއި އެހެން ނޫންނަމަ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ކުރިއަށްދާން ޖެހިދާނެ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ބަހުސްގައި އޭނާގެ ދާއިރާއަށް ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ބަޖެޓަށް ވާހަކަ ދައްކާ އިރު، ވޭތުވެދިޔަ 2020 ވަނަ އަހަރާއި މިއަހަރުގެ ބަޖެޓުގައި ކަނޑިތީމު ދާއިރާއަށް ހިމަނާފައިވާ ކަންތައްތައް ފެށިފައިވޭތޯއާއި އެކަންކަމަށް އަމާޒުކޮށް ބަޖެޓުން ރައްޔިތުންނަށް ލިބެނީ ކޮން އުއްމީދެއްތޯ ބަލަންޖެހޭ ކަމަށެވެ.
ރައްޔިތުން ފޮނި އުއްމީދުތަކެއް ކުރި ނަމަވެސް ވޭތުވެދިޔަ ދެ އަހަރުގެ ނަތީޖާއަކީ ބަޖެޓުގައި ކަނޑިތީމު ދާއިރާއަށް ހިމަނާފައިވާ ކަންތައްތަކަށް އިހުމާލުވެފައިވުން ކަމަށް ވިދާޅުވިއެވެ.
އެކަން އެހެންވާންޖެހުނީ ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭ ބައެއްގެ އަތްމައްޗަށް ކަންތައްތައް ދޫކޮށްލާފައި އޮތުމުން ކަމަށާއި އެއީ ރައްޔިތުން އެންމެ ލޯބިވާ އެންމެ އިތުބާރުކުރާ އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މަޖިލިސް މެންބަރުންނަށް ބާރު ނެތް ގޮތަށް ކަންކަން އޮތުމުގެ ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ދާންޖެހޭ އެންމެ ބޮޑު ސަބަބު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ބަޖެޓުގައި ޖަހައިގެން ކުރި މަސައްކަތްތަކުންވެސް ކަނޑިތީމު ދާއިރާގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ހޯދައި ދެވިފައިނުވާ ކަމަށެވެ. އަދި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ހޯދައި ނުދެވޭ ދާއިރާތައް އޮތް ނަމަވެސް ބާރާއި ނުފޫޒު ހުރި މީހުން އެމީހުންގެ ދާއިރާތަކަށް އިންތިހާއަށް ކަންކަން ހަމަޖައްސައިދެމުންދާ ކަމަށް ވިދާޅުވިއެވެ.