ކައިވެނިކޮށްގެން ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުން ގެވެށި އަނިޔާކޮށްގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 713 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ނެރެފައިވާ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ތަފާސް ހިސާބު ދައްކާ ގޮތުން، އިނދެގެން އުޅެ މީހާ ނުވަތަ ވަރިކޮށްފައިވާ މީހާގެ ފަރާތުން އަނިޔާ ލިބިގެން 217 މައްސަލައެއް މި ކުއާޓަރުގައި ވަނީ އެ އޮތޯރިޓީ އަށް ހުށަހަޅައިފައެވެ.

ދެން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މައިންބަފައިން ނުވަތަ ބެލެނިވެރިއެއްގެ ގޮތުން ކުއްޖާއާ ހަވާލުވާ މީހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ ރިޕޯޓެވެ. އެގޮތުން ފާއިތުވި ތިން މަސްދުވަހު މިފަދަ 119 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.

  • ކައިވެނިކޮށްގެން ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންގެ ފަރާތުން އަނިޔާ ލިބުނު: 217 މައްސަލަ
  • މައިންބަފައިން ނުވަތަ ބެލެނެވެރިއެއްގެ ގޮތުން ކުއްޖާއާ ހަވާލުވާ މީހާ ނުވަތަ ބަލަދުވެރިއެއްގެ ގޮތުން ކުއްޖާ ބަލައިބޮޑުކުރުމުގެ ޒިންމާ އުފުލާ މީހުންގެ ފަރާތުން އަނިޔާ ލިބުނު: 119 މައްސަލަ
  • ނަސަބުގެ ގޮތުން ނުވަތަ ގާތްތިމާގެ ގޮތުން ނުވަތަ ކައިވެނީގެ ސަބަބުން އާއިލީ ގޮތުން ގުޅިފައިވާ މީހުންގެ ފަރާތުން އަނިޔާ ލިބުނު: 103 މައްސަލަ
  • ޒާތީ ގުޅުމެއްގެ ސަބަބުން އަނިޔާ ލިބުނު: 16 މައްސަލަ
  • އެއް ގެއެއްގައި އެކުގައި ދިރިއުޅޭ މީހުން ނުވަތަ އެކުގައި ގިނަ ދުވަހު އުޅުނު މީހުންގެ ފަރާތުން އަނިޔާ ލިބުނު: ހަތަރު މައްސަލަ
  • ގޭގައި ދަރިން ބެލުމަށް ނުވަތަ ގޭގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން އަނިޔާ ލިބުނު: ތިން މައްސަލަ
  • ގެވެށި ގުޅުން ނޭނގޭ: ދެ މައްސަލަ

މި އަހަރުގެ ތިންވަނަ ކުއާޓާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖުމްލަ 157 ކުދިންނާއި މީހުންނަށް ގެވެށި އަނިޔާ ލިބިފައިވެ އެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކުރެވުނު ހަ ބާވަތުގެ ގެވެށި އަނިޔާގެ އަމަލުތަކުގެ ތެރޭގައިީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީގޮތުން އަނިޔާ ކުރުމުގެ 105 މައްސަލަ، ޖިސްމާނީ އަނިޔާ ކުރުމުގެ 80 މައްސަލަަ، ބިރުދެއްކުމުގެ 66 މައްސަލަ، ގޯނާކުރުމުގެ 46 މައްސަލަ ހިމެނެ އެވެ.

މި މައްސަލަ ތަކަކީ އެއްބާވަތަށް ވުރެ ގިނަ ބާވަތްތަކެއްގެ ގެވެށި އަނިޔާ އާ ގުޅޭ މައްސަލަތަކެއް ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އަނިޔާ ލިބުނު މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ކުދިންވެސް ހިމެނެ އެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެއްވެސް ބާވަތެއްގެ އަނިޔާ ދިނުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.