މެޝިންތަކަށް މައްސަލައެއް ދިމާވެ، އައިޖީއެމްއެޗުގައި ލޭގެ ޓެސްޓުތައް ހެދުން މެދުކަނޑާލައިފިއެވެ.
އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ލެބޯޓަރީއިން ދެމުން އަންނަ އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށް މިއަދު ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން ލޭގެ ޓެސްޓުތައް ހެދުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
އެހެންކަމުން މައްސަލަ ހައްލުކުރެވެންދެން މާދަމާއިން ފެށިގެން އެ ހޮސްޕިޓަލުން ހަދަމުން ގެންދިޔަ އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތަކާއި އެހެނިހެން ހޮސްޕިޓަލުތަކުން އެ ހޮސްޕިޓަލަށް ފޮނުވާ ލޭގެ ޓެސްޓުތައް ހެދުން ހުއްޓާލައިފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ އެ މެޝިންތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުން ކަމަށެވެ.
މެޝިންތައް ހަލާކުވުމާ ގުޅިގެން މިއަދު ޓެސްޓު ހެދުމަށް ސާމްޕަލް ނެގި ފަރާތްތަކުގެ ޓެސްޓުތައް ހެދިފައި ނުވާ ކަމަށެވެ. އެހެންވެ މިއަދުގެ ޓެސްޓުތައް ހެދިފައިނުވާތީ އައުޓްޕޭޝަންޓް ލޭގެ ޓެސްޓް ހައްދަން ރިކުއެސްޓުކޮށް، ސާމްޕަލް ދީފައިވާ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ނަމަވެސް ވިނަވި ހިދުމަތްދޭ އެހެން ލެބޯޓަރީތަކުން އެ ޓެސްޓުތައްް ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު