ޚަބަރު

ހިތާދޫ އާއި ކިނޮޅަސް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އައިޝަތު ނިއުޝާ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ބ. ހިތާދޫ އާއި ރ. ކިނޮޅަސް ބަނދަރު ހަދަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 15،252 ކިއުބިކް މީޓަރުގެ (މެދު ދިޔައިން ފެށިގެން 3.0- މީޓަރު ހަމަވާ ވަރަށް) ބަނދަރު ފުން ކުރުމާއި، 31،726 ކިއުބިކް މީޓަރުގެ (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަރަށް) ބަނދަރަށް އިތުރުކުރާ ބައި ފުން ކުރުމާއި، 1،920 ކިއުބިކް މީޓަރުގެ (މެދު ދިޔައިން ފެށިގެން 4.0- މީޓަރު ހަމަވާ ވަރަށް) ބަނދަރަށް ވަންނަ ނެރު ފުންކުރުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުންވެސް 162 މީޓަރު ގްރޮއިން ޖެހުމާއި، 285 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 65 މީޓަރު ރިވެޓްމެންޓް ޖެހުމުގެ އިތުރުން 186 މީޓަރު ސްކޯރިން އެޕްރޮން ޖެހުން ހިމެނޭ ކަމަށެވެ. އަދި ދެ ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 160 މީޓަރު ކޮންކްރީޓް ކާބް ޖެހުމާއި، 186 މީޓަރު އެއްގަމު ތޮށި ޖެހުމުގެ އިތުރުން ދިހަ މޫރިން ބޮއި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 18 މަގު ބައްތި ހަރުކުރުމާއި 1663.36 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

އެމްޓީސީސީން 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫއަކީ 45،124،961.61 (45.1 މިލިއަން) ރުފިޔާގެ މަޝްރޫއެކެވެ.

ހައުސިން މިނިސްޓްރީން ބުނީ، ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 14،929.60 ކިއުބިކް މީޓަރުގެ (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަރަށް) ބަނދަރު ފުން ކުރުމާއި، 4،101 ކިއުބިކް މީޓަރުގެ (މެދު ދިޔައިން ފެށިގެން 4.0- މީޓަރު ހަމަވާ ވަރަށް) ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި، 22 މީޓަރު ގްރޮއިން ޖެހުމާއި، 70 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 425 މީޓަރު ސޭންޑް-ފިލް ބްރޭކް ވޯޓާ ޖެހުމުގެ އިތުރުން 90 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ހަތަރު ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 350 މީޓަރު އެއްގަމު ތޮށި މަރާމާތުކޮށް ޖިއޯޓެކްސައިލް ޖެހުމާއި، ފަސް މޫރިންގް ބޮއި ހަރުކުރުން ހިމެނޭ ކަމަށެވެ. އަދި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އެރުމަށް ބުރިޖެއް އެޅުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ރޭމްޕް ހެދުމާއި، 18 މަގު ބައްތި ހަރުކުރުމުގެ އިތުރުން 1750 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެމްޓީސީސީން 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ 17،705،837.20 (17.7 މިލިއަން) ރުފިޔާގެ މަޝްރޫއެކެވެ.

މި ދެ ކޮންޓްރެކްޓުގައި ވެސް ހައުސިން މިނިސްޓްރީގެ ފަރާތުން ސައިކުރެއްވީ، ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.