އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 37 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު 25 ބިލިއަން ރުފިޔާއަށް ކުޑަ ކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދާ ބަޖެޓު ބަހުސްގައި، މި ކަމަށް ގޮވާލެއްވީ، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

ސަލީމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާ އިރު، 9.7 ބިލިއަން ނުވަތަ 10 ބިލިއަން ރުފިޔާ ދަރަނިވާނެ ކަމަށް ސަރުކާރުން ލަފާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް ހުރި ކަންތައްތަކަށް ބަލައި އިރު ބަޖެޓް 14 ނުވަތަ 15 ބިލިޔަނުން ދަރަނިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ކޮވިޑުގެ ތެރޭގައި ރާއްޖޭގެ ދަރަނި ބޮޑުވެގެން ދިޔަނަމަވެސް، ކޮވިޑުގެ ހާލަތުން ރާއްޖެ އާންމު ހާލަތަކަށް މިހާރު އައިސްފައިވާ އިރު، ދަރަނި ކުޑަ ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ބަޖެޓް ހުށަހަޅާފައި ވަނީ ކޮވިޑުގެ ހާލަތުގައި ދަރަނި އޮތް މިންވަރަށް ކަމަށާއި އެއީ ރައްޔިތުންނަށް އުފުލޭނެ ބުރައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ކުރިއަށް އޮތް ރަމަޟާން މަހު ތަކެތީގެ އަގު މައްޗަށް ދިޔުން އެކަށީގެންވާ ކަމެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދުނިޔޭގެ މާކެޓުގައި ތަކެތީގެ އަގު މިހާރުވެސް މައްޗަށްދާ އިރު، ކުރިއަށް އޮތްތަނުގައިވެސް ތަކެތީގެ އަގު އިތުރަށް މައްޗަށްދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ދުނިޔޭގެ މާކެޓުގައި މުދަލުގެ ފްރައިޓް ބޮޑުވެ 9000 ޑޮލަރަށް ކޮންޓެއިނަރެއްގެ އަގު އަރާފައިވާ އިރު، ކުރިއަށް އޮތްތަނުގައި 15،000 ޑޮލަރަށް އަރާނެ ކަމަށް ބައެއް ދިރާސާތަކުން ދައްކާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވައްޓާލައި ޑޮލަރުގެ އަގު 20 ރުފިޔާއަށް ދިއުމަކީ ތަކެތީގެ އަގު މައްޗަށް ދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ބަޖެޓުގެ ދަރަނި ބޮޑުވި ވަރަކަށް ތަކެތީގެ އަގު މައްޗަށްދާނެކަން އެގެންޖެހޭކަން ފާހަގަކުރައްވައި ސަލީމު ވިދާޅުވީ، ޑޮލަރުގެ އަގު ނުހިފެހެއްޓިގެން އުޅެނީ ޑޮލަރު ނުލިބިގެން ނޫން ކަމަށާއި ބަޖެޓުގެ ދަރަނި ބޮޑުވެގެން ކަމަށެވެ. ބޭނުން ވަރަކަށް ޑޮލަރު ގަންނަން ލިބޭ ކަމަށާއި ރާއްޖެއަށް ބޭނުންވާ ވަރަަށް ޑޮލަރު ވަންނަކަން އެކަމުން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަންތައްތައް ހައްލު ހޯދުމަށް ދައުލަތުގެ އިސްވެރިންނަށްކުރާ ހަރަދު ކުޑަކޮށް މުޅި ދައުލަތުގެ ހަރަދު ކުޑަކުރުމާއެކު ރާއްޖެއަށް ފައިސާ ލިބޭ ނިސްބަތުން ކަންކަން ކުރަން ބަޖެޓުގައި ހިމަނަންޖެހޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް 25 ބިލިއަނަށް ކުޑަކޮށް އަލުން މަޖިލީހަށް ހުށަހަޅަން ސަލީމް ވަނީ ގޮވާލައްވައިފައެވެ.