އިސްލާމްދީނާ އެއްގޮތަށް ކުދިންނާއި ދަރިވަރުން ތަރުބިއްޔަތުކޮށް، ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ އިސްލާމްދީން އެންމެ ބޮޑަށް ބާރު އަޅަނީ އެންމެންނަކީ އަހުންނާއި އުހުންތުން ކަމުގައި ވުމަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައް ފެންނާނެ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަމަކީ އިސްލާމްދީނާ އެއްގޮތަށް ކުދިން އަދި ދަރިވަރުންގެ ކިބައިގައި އަށަގަންނަވަން ޖެހޭ ކަންތައް ކަމަށެވެ.

އޭނާ ވިދާޅުވީ އިސްލާމްދީނާ އެއްގޮތަށް ކުދިންނާއި ދަރިވަރުން ތަރުބިއްޔަތުކޮށް، އެގޮތުގައި ތިބުމަށް ބާރުއަޅަން ވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އިސްލާމީ ސިފަތަށް ކަމަށްވާ ހިތްހެޔޮކަމާއި އަޅައިލުން، ދަރިވަރުންގެ ކިބައިގައި އަށަގަންނަވަން ޖެހޭނެ ކަމަށާއި އެ ދަރިވަރުންނަކީ މާދަމާގެ މުސްތަގުބަލު ކަމަށްވެސް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިސްލާމްދީނުން ގެނެސްދެނީ ދިރިއުޅުމުގައި ދިމާވާ ކަންކަމުގެ ހައްލު ކަމަށާއި ދީނުން ދަސްކޮށްދޭ ފިލާވަޅުތަކުގެ ބޭނުން ހިފައި ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ދިމާވާ ދަތި އިމްތިހާނުތަކުން އަރައިގަނެވޭނެ ޖީލެއް ބިނާކުރުމަކީ ހަމައެކަނި ބެލެނިވެރިންނާއި މުދައްރިސުންގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ އެންމެން މަސައްކަތްކޮށްގެން ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރުންކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ މުޖުތަމައު ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ކަންކަންކަމުން ހުރިހާ ރައްޔިތުން ވެސް ދުރުވާން ޖެހޭ ކަމަށެވެ. އަދި އިސްލާމްދީނުގެ އަގީދާ ބަލައިގަތުމަކީ ދިވެހީންނަށް ލިބުނު އެންމެ ބޮޑު ނަސީބެއް ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލްގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.