އޮންދިގޯގެ ޗެއާމަން މުހައްމަދު ޖުނައިދު، އެކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އޮންދިގޯގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ާއި ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އެމައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެމްޕީއެލްގެ ކުރީގެ ސީއީއޯ އަދި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި ޖުނައިދަށް ތުހުމަތުކޮށް އަންހެން މުވައްޒަފު ސޯޝަލް މީޑިއާގައި ލިއެފައިވާ ގޮތުގައި ވަޒީފާގެ މާހައުލުގައި އޭނާ އަށް ޖުނައިދުގެ ފަރާތުން ތަކުރާރުކޮށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި އެކަންތައް ބޮޑުވެ، ގަދަކަމުން ގައިގައި އަތްލައި ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކޮށްފައިވެއެވެ.
އެގޮތުން އޮފީހުގެ ރަސްމީ ގަޑީގައި އެ އޮފީހުގެ ޓްރެއިނިން ހޯލަށް ގެންގޮސް، ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެމުވައްޒަފު ކޮށްފައިވެއެވެ. އަދި އެތަނަކީ ކެމެރާ ހަރުކޮށްފައި ނެތް ތަނެއް ކަމަށްވެސް އޭނާ ލިޔެފައިވެއެވެ.
އޭނާ ބުނީ ޖިންސީ ގޯނާ އާއި ފުރައްސާރަތަކަށް ކެތްނުކުރެވިގެން މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެތަނުގެ ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ. އަދި މި މައްސަލަ ސޯޝަލް މީޑިއާގައި ލިޔުނީ ޖުނައިދު ބަދުނާމު ކުރަން ނޫން ކަމަށާއި އެކަން ކުރީ އިންސާފު ބޭނުންވާތީ ކަމަށް ވެސް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ޖުނައިދު "ވަން" އަށް މިއަދު ވިދާޅުވީ އެ މުވައްޒަފަކީ އޮފީހަށް ވަރަށް ގިނައިން ސަލާން ބުނާ މުވައްޒަފެއް ކަމަށެވެ. އެގޮތުން ސަލާން ބުނާ މިންވަރު ގިނަކަމުން އަހާލުމުން އޭޑީކޭގައި އެޑްމިޓްކޮށްފައި އޮތްކަމަށް ބުނި ކަމަށެވެ.
އެހެން ނަމަވެސް އޭޑީކޭއަށް ގުޅައި މައުލޫމާތު ސާފުކުރުމުން އެނގުނީ އެ މުވައްޒަފު އެންމެ ފަހުން އޭޑީކޭއަށް ދައްކާފައިވަނީ މީގެ ހަ މަސް ކުރިން ކަމަށެވެ. އަދި އެވާހަކަ އެ މުވައްޒަފާ ހިއްސާކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން ސޯޝަލް މީޑީއާގައި އޭނާއާ ގުޅޭ ޖިންސީ ގޯނާގެ ދޮގު ވާހަކަތަކެއް ފެތުރީ ކަމަށެވެ.
ޖުނައިދު ވިދާޅުވީ އެ މުވައްޒަފަށް ލޯބީގެ މެސެޖެއްވެސް ކޮށްފައި ނުވާނެ ކަމަށާއި އަދި އެފަދަ ވާހަކައެއްވެސް ދައްކާފައި ނުވާނެ ކަމަށެވެ. އެކަންކަމަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އަންހެން މުވައްޒަފު އެތަނުގައި މަސައްކަތް ކުރިއިރު، އޭނާ އޮފީހަށް ނާންނަ ދުވަސްތަކާ އެކުގައި މުސާރަ ޝީޓް ހަދައި، އެ ދުވަސްތަކަށްވެސް މުސާރަ ނަގާފައިވާ ކަމަށެވެ. އެކަން އެނގުނީ މައްސަލައާ ގުޅިގެން އެޗްއާރު ސިސްޓަމް ބެލުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖުނައިދު އިތުރަށް ވިދާޅުވީ އޭނާއަށް މިހާރު 55 ވެފައިވާ ކަމަށާއި އެމްޕީއެލް އަދި ކަސްޓަމްސްގައި އުޅުނު އިރުވެސް ދުވަހަކުވެސް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ އަޑެއްވެސް އަރާފައިނުވާނެ ކަމަށެވެ. އެހެން ނަމަވެސް ފަރުވާކުޑަ މުވައްޒަފުންނަށް އަބަދުވެސް ކަންކަން ރަނގަޅު ކުރުމަށް ބުނާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު