އޭނާ ކުޑައިރު، ބައްޕަގެ ފިލްމު ސެޓުތަކަށް ވަނުން މަނާކޮށްފައި އޮތް ކަމަށް ބޮލީވުޑް ތަރި ޖީތެންދުރާގެ ދަރިފުޅު އަދި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނެފިއެވެ.

އެކްތާ އެހެން ބުނީ، ހިންދޫންގެ ދިވާލީއާއި ގުޅުވައިގެން ކަލާސް ޓީވީން ގެނައި ކަޕިލް ޝަރުމާ ޝޯގެ ހާއްސަ އެޕިސޯޑުގައި ބައިވެރިވެ، ދެއްކި ވާހަކައެއްގެ ތެރެއިންނެވެ.

އެކްތާ ބުނީ، ބައްޕައަކީ އޭނާ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. އަދި ކުޑައިރު ބައްޕައާއެކު ފިލްމުތަކުގައި އެކްޓުކުރާ ބަތަލާއިންނާ އަދި ބައްޕައާއެކު ހީ ސަމާސާކޮށް ހަދައި މީހުންނަށް އޭނާ ހަސަދަލާ ކަމަށް ބުންޏެވެ. އަދި އޭރު އޭނާގެ ކުރިމަތީ ބައްޕައާއެކު އިތުރު މީހަކަށް ފަސޭހައިން މަސައްކަތް ނުކުރެވޭ ކަމަށްވެސް ބުންޏެވެ.

''އަހަރެން އަންނަ ރުޅިން ބަތަލާއިންގެ ގައިގާ ޖަހާފާނެ ކަމަށް ހީވެދާނެތީ ސެޓުތަކަށް ވަނުން އަހަންނަށް މަނާކުރި'' އެކްތާ ކުޑައިރުގެ ހަނދާންތަކާއެކު ބައްޕައަށް އޮންނަ ލޯބި ހިއްސާކޮށް ވާހަކަ ދައްކަމުން ބުންޏެވެ.

ޖީތޭއަކީ ފިލްމު އިންޑަސްޓްރީގައި 50 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ. 1967 ވަނަ އަހަރު ނުކުތް ''ފަރްޒު'' އިން ވިދާލި ޖީތޭ ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 1976ގެ ފިލްމު ''ނާގިން'' 1977 ގައި ރިލީޒްކުރި ''ދަރަމް ވީރު' 1983ގެ ''ހިންމަތުވާލާ'' 1984ގެ ''ތޮހޮފާ'' އަދި 1990ގައި ނުކުތް ''ތާނޭދާރު'' ހިމެނެއެވެ. އެންމެފަހުން ޖީތޭ ފިލްމެއްގައި މަސައްކަތްކޮށްފައި ވަނީ 2013 ވަނަ އަހަރު ނުކުތް ''މަހާބާރަތު އައުރު ބަރުބަރީކު''ގައި ހާއްސަ ފެނިލުމަކުންނެވެ.

މިދިޔަ އަހަރު ޖީތޭ ވަނީ އެކްތާގެ ޕްރޮޑަކްޝަން ހައުސް އޭއެލްޓީ ބާލާޖީގެ ޑިޖިޓަލް އުފެއްދުމެއް ކަމުގައިވާ ''ބާރިޝް'' ކިޔާ ޝޯއެއްގައިވެސް ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައެވެ.