އއ. މަތިވެރީގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓުހައުސްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިއީ ޖާބިރުގެ ގެސްޓްހައުސްގައި ރޯވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޖާބިރުގެ ގެސްޓްހައުސް ކާސާ މިއާގައި ބަޔަކު ރޯކޮށްލުމުން ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އޭގެ ފަހުން މަރާމާތަށް ބަންދުކުރުމަށްފަހު، މިފަހަރު ރޯވެފައިވަނީ އަލުން ގެސްޓްހައުސް ހުޅުވުމަށް މަސައްކަތްކުރަނިކޮށެވެ.
މަތިވެރި ކައުންސިލް މެމްބަރު ހުސައިން ނިހާން "ވަން" އަށް މިއަދު ވިދާޅުވީ ޖާބިރުގެ ގެސްޓުހައުސް، ކާސާ މިއާގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ރޭ ދަންވަރު ލިބިފައިވާ ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ގެސްޓްހައުސްއަށް ކަރަންޓު ދިނުމަށް ހުރި ޕެނެލް ބޯޑު ހުންނަ އިމާރާތުގައި ކަމަށް ވިދާޅުވިއެވެ.
މިފަހަރުވެސް ބަޔަކު ރޯކޮށްލިކަމަށް ތުހުމަތުކުރަމުންދިޔަ ނަމަވެސް، ނިހާން ވިދާޅުވީ ބަޔަކު ގަސްތުގައި ގެއްލުންދީފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިފަދަ ކަމަކީ ކަރަންޓު ޝޯޓަކުންވެސް ދިމާވެދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރޭ ހިނގި އެ ހާދިސާއާ ގުޅޭގޮތުން ޖާބިރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ގެސްޓްހައުސްއަށް ބަޔަކު ކިތަންމެ ގެއްލުމެއް ދިން ނަމަވެސް، އެ ގެސްޓުހައުސް ވަރަށް އަވަހަށް ހުޅުވައި ހިންގާނެ ކަމަށް ޖާބިރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު