އިސްލާމީ ތާރީޚު

ރަޙުމަތުގެ ނަބިއްޔާގެ މައްކީ ޙަޔާތްޕުޅު: ކެތްތެރިވެވަޑައިގެން ސާބިތުކަމުގައި ހުންނެވުމުގެ ނަމޫނާއެއް - 3

އަބްދުﷲ ފާރޫގް ހަސަން

(1 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ފުރާނަފުޅަށް ބަޔަކު ގެއްލުމެއްދީފާނެތީ أبــو طـالـب ގެފާނު ވަރަށްބޮޑަށް ބިރުފުޅުގެންވަޑައިގަންނަވައެވެ. ރޭގަނޑު ޝިޢުބުގައި މީހުން ފާރަޔަށް ބައިތިއްބަވައެވެ. ރޭގަނޑު އަވަހާރަފުޅު ލައްޕަވާ ގަޑިޖެހި ހުރިހާ ބޭކަލުން އަވަހާރަފުޅަށް އޮށޯވެވަޑައިގަންނަވާން ފެއްޓެވުމުން، އިތުރު ސާހިބާގެ އަރިހުގައި އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެވަޑައިގަންނަވަން ވިދާޅުވެއެވެ. އެކަމަކު އެހެންމީހުން ނިދުމުން أبــو طـالـب ގެފާނު ތެދުވެވަޑައިގެން އިތުރު ސާހިބާގެ ދާންމަތިކޮޅު ބަދަލުކޮށްލައްވައެވެ. އިތުރު ސާހިބާގެ ދާންމަތިކޮޅުގައި أبــو طـالـب ގެފާނުގެ ބޭފުޅަކު ނުވަތަ އަޚަކު ނުވަތަ ބޮޑުބޭބެ ވިދާޅުވާ ބޭކަލަކު ބާއްވަވައިފައި އެބޭކަލެއްގެ ތަންމަތިކޮޅަށް ކައުސާހިބާ ބަދަލުކުރައްވައެވެ. ދުޝްމިނުންގެ ޖާސޫސަކަށް އިތުރު ސާހިބާގެ ފުރާނަފުޅަށް ގެއްލުމެއްދިނުމުގެ ފުރުސަތު ލިބުނަ ނުދެއްވުމަށްޓަކައެވެ. މިގޮތުގައި ފުރިހަމަ ތިންއަހަރު ވޭތުވިއެވެ. އެނުރައްކާތެރި އަދި ނުސިޔާނު ދުވަސްވަރުވެސް އިތުރުސާހިބާ އެކަލޭގެފާނުގެ ހެޔޮކަމުގެ ދައުވަތު ކުރިޔަށް ގެންދެވިއެވެ. ޙުރުމަތްތެރި މައްސަރުތަކުގައި ބޭރަށްނުކުމެވަޑައިގެން ބޭރުން މައްކާއަށް އަންނަ މީހުންނަށް ދީނުގެ ދަޢުވަތު ދެއްވަމުން ގެންދެވިއެވެ.

ނަބީކަމުގެ ދިހަވަނަ އަހަރުގެ މުޙައްރަމްމަހުގެ ތެރޭގައިވަނީ ވަރަށް މުހިންމުކަމެއް ހިނގައިފައެވެ. އަރަހުށި މާތް اللّـه ޤުރައިޝުންގެ އަނިޔާވެރިކަމުގެ ފަތްތަކުގެ މައްޗަށް ކަތުރުފަނި ފާކުރައްވައި ގެފުޅުގައިހުރި ފަތުގައިވާ އަނިޔާވެރިކަމުގެ ހުރިހައި ވާހަކަތަކެއްވަނީ ކައިހުސްކޮށްފައެވެ. އެކިއެކި ވަންހަތަކުގައިހުރި ފަތްތަކުގައިހުރި މާތް اللّـه ގެ ހުރިހައި އިސްމުފުޅުތަކެއްވަނީ ކައިފައެވެ. މިއަނިޔާވެރި ޢަހުދު އުވުނީވެސް ނަބީކަމުގެ ދިހަވަނަ އަހަރުގެ މުޙައްރަމްމަހުގެ ތެރޭގައެވެ. ޤުރައިޝުންގެ ތެރޭގައި އެންމެފުރަތަމަ ދުވަހުއްސުރެ މިފަތާ ނުރުހޭ ބަޔަކުވެސް ތިއްބެވެ. އެފަދަ ބަޔަކު ނުކުމެ އެފަތްތައް ވީދައި އެއަނިޔާވެރި ޢަހުދު އުވައިލައި هـاشــم ވަންހައާއި مطّلـب ވަންހައިގެ އެންމެން ޝިޢުބުންނެރެ އިހުއުޅުއްވިގޮތަށް އުޅުއްވަން އަންގައިފައި ގޭގެޔަށް ފޮނުވީއެވެ. (عبـدالمــالك مجـاهـد)

މިހެޔޮކަމުގައި އިސްނެންގެވީ ޢާމިރު ބިން ލުއައްޔުވަންހައިގެ هشام بــن عـمــرو އެވެ. ދެން އޭނާއާ ބައިވެރިވީ زهيــر بـن أبـى أمـيّــة المـخــزومـى (އޭނާގެ މައިކަނބަލަކީ عـاتـكة بنت عبـدالمطّـلب އެވެ.) އާއި، مطعـم بـن عـدى އާއި أبـوالبـختـرى بـن هشام އާއި، ذمعــة بـن الأسـود އެވެ. މީގެތެރެއިން هشام بــن عـمــرو އާއި، زهيــر بـن أبـى أمـيّــة ފަހުން އިސްލާމްވެވަޑައިގެންނެވިއެވެ. مطعـم بـن عـدى މަރުވީ ކާފިރުކަމުގައެވެ. أبـوالبـختـرى އާއި ذمعــة ޤަތުލުވީ ބަދުރު ހަނގުރާމައިގައެވެ. (صـلاح الـدّيــن)

هـاشــم ވަންހައާއި مطّلـب ވަންހައިގެ ބޭކަލުން ޝިޢުބުން ނުކުމެވަޑައިގެންނެވިތަނާ ހަވަނަޔަށްވީމަހު أبــو طـالـب ގެފާނު އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު އަވަހާރަވުމުން هـاشــم ވަންހައިގެ ވެރިޔަކަށްވީ أبــو لـهـب އެވެ. އެއީ ޖައްލާދަކަށް ފަނޑިޔާރުކަން ލިބުންފަދަ ކަމެކެވެ. އޭނާ އެންމެފުރަތަމަވެސް އިތުރު ސާހިބާ ޢާއިލާއިން ބޭރުކޮށްލިއެވެ. ޢަރަބީންގެ އިޖްތިމާޢީ ޙަޔާތުގައި މީހަކު ޢާއިލާއިން ބޭރުކޮށްލުމަކީ ކާޅުބައިގަނޑެއްގެ ތެރެޔަށް ކުކުޅުފިޔޮކެއް ދޫކޮށްލުންފަދަ ކަމެކެވެ. أبــو طـالـب ގެފާނު އަވަހާރަވީތާ ތިންވަނަޔަށްވީދުވަހު ވަނީ އިތުރު ސާހިބާގެ ވަފާތެރި ޚިދުމަތްތެރި އެހީތެރި އަނބިކަނބަލުން أمّ المـؤمـنـين السّــيّدة خـديـجــة رضـى اللّـه عنــهــا ވެސް ފުރައުއްތަވެފައެވެ. މި ދެ ހާދިސާއަކީ އިތުރު ސާހިބާގެ އިސްތަށިފުޅަށް މުސީބަތުގެ ފަރުބަދައެއް ކުދިކުދިވުންފަދަ ކަމެކެވެ. އިސްލާމީ ތާރީޚުގައި އެއަހަރު ފާހަގަކުރެވެނީ ހިތާމައިގެ އަހަރުގެ ނަމުންނެވެ.

ޠާއިފުގެ ދަތުރުފުޅު

ކައުސާހިބާ صلّــى اللّـه عليـه وسلّـم މައްކާގައި ކުރެއްވި ދަޢުވަތުގެ މަސައްކަތްޕުޅު އެހައިތަނަށް ގެންދެވުނުއިރު އިތުރު ސާހިބާޔަށް ޔަގީންވެވަޑައިގެންނެވީ މައްކާގެ ބިންގަނޑު، ދުވަހެއް ދުވަހަކަށް ދެރަވަމުން ފަގީރުވަމުން އަންނަކަމެވެ. އެބިމުގެ ވިޔަނަކަން ކުޑަވަމުން ނެތެމުން އަންނަކަމެވެ. މައްކާގެ ބިމުން އިންސާނިއްޔަތުގެ ބަހާރަށް އެވަގުތަށް ލިބޭންހުރި ހުރިހާ މޮޅު މުޑުވައްތަކެއް ލިބިހަމަވެއްޖެކަމެވެ. އެހެންކަމުން އިތުރު ސާހިބާ ވިސްނައިވަޑައިގެންނެވީ މައްކާއިން ބޭރަށް އިސްލާމީ ދަޢުވަތާއިގެން ނުކުމެވަޑައިގެންނެވުމުގެ ވަގުތު އަތުވެއްޖެކަމުގައެވެ. ވިސްނުންފުޅު ތޫނު ދާޢީއަކު ހެޔޮކަމަށް ދަޢުވަތު ދެއްވުމުގައި ދިހަވަރަކަށް އަހަރު ހޭދަކުރައްވާއިރު އެބިމަކުން އެވަގުތަށް ލިބިވަޑައިގަންނަވާނެ "ބޭނުންތެރި" އަފްރާދުން ވާނީ ލިބިވަޑައިގެންފައެވެ. އެބަޔަކުވާނީ އެދަޢުވަތަށް ލައްބައިކައޭ ދަންނަވައި އިޖާބަދީފައެވެ. ދެން ބާކީ ތިބޭނީ އެދަޢުވަތެއްގެ ޢަދުއްވުންނެވެ. އެވަގުތަށް ބޭނުންހިފޭފަދަ ޖައުހަރެއް ނެތްމީހުންނެވެ. އެހެންކަމުން ދާޢީއެއްގެ ހަކަތައާއި ބުންވަރު އިސްރާފުކޮށްލެއްވުމަށްވުރެ ބޮޑަށް އެދެވިގެންވަނީ އެއަށްވުރެ ވިޔަނަ ބިމެއް ފެނިވަޑައިގަންނަވާތޯ ބެއްލެވުމެވެ. މަސައްކަތްޕުޅުގެ ވެށި ބަދަލުކޮށްލެއްވުމެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް މައްކާގެ ބޮޑުންގެ ކިބައިން އެވަގުތު ފެނިވަޑައިގަންނަވަމުންދިޔަ ސުލޫކާއި އެކިއެކި މަންޒަރުތަކުގެ ސަބަބުން ގަސްދުކުރެއްވީ ދަޢުވަތުގެ ވެށި ބަދަލުކުރެއްވޭތޯ ޠާއިފަށް ދަތުރުފުޅެއް ކޮށްލެއްވުމަށެވެ. ފަހަރެއްގައި ޠާއިފުގެ ބިމުގައި ޙައްޤުގެ އޮށް މުޑުވައްކުރެއްވޭތޯ ބައްލަވައިލެއްވުމަށްޓަކައެވެ. ޠާއިފަކީ ޢަރަބިކަރައިގެ ވަރަށް މުހިންމު ރަށެކެވެ. މާތްވެގެންވާ މައްކާއާ ސާޅީސްފަސްވަރަކަށް މޭލު ދުރުގައި އޮންނަ ރަށެކެވެ. މައްކާ ފިޔަވައި ޢަރަބިކަރައިގައި އޮތް އެންމެބޮޑު ރަށެވެ. ވަރަށް ފެހި ސަރަޙައްދެކެވެ. ފެން ތިޔާގި، ހިޔާލިބޭފަދަ ގަސްގަހާގެހިގިނަ ބިމެކެވެ. ބަގީޗާތަކާއި ދަނޑުފަނގުތައް ގިނަރަށެކެވެ. ޢަރަބިކަރައިގެ ނިސްބަތުން ފިނި ރަށެކެވެ. އެރަށުގެ މީހުންނަކީ އަތްމަތި ތިޔާގި، ފޯރުންތެރި ބަޔެކެވެ. ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި އަޅުވެތިވުމުގައި ވަރުގަދަޔަކަށް ހައްޔަރުވެފައިތިބި ބަޔެކެވެ. މުދާވެރިކަން ބޮޑުވުމަކީ ވަރަށްގިނަފަހަރަށް ހެއްދެވި ފަރާތް ހަނދާންނެތޭ ކަމެކެވެ. އަޚްލާޤީ އަގުތަކާ ދުރަށް ފަހަތަށް ފޭދޭކަމެކެވެ. އެދުވަސްވަރު ޠާއިފުގައި ކަންއޮތީ އެގޮތަށެވެ. މައްކާގެ މީހުންނަކީ ކޮންމެވެސް މިންވަރެއްގެ އަޚްލާޤީ ކަންފުޅެއްވެސް ހުރިބައެކެވެ. ޤައުމީ ސިޔާސަތުގައި އެމީހުނާ މަތިވެފައިއޮތް ޒިންމާތަކާއި، ދީނީ ޤިޔާދަތުގެ ސަބަބުންނެވެ. އަނެއްކޮޅުން ޠާއިފުގެ މީހުންގެ ކިބައިގައި އެފަދަ އެއްވެސް ޝުޢޫރެއް ނުހުރެއެވެ. ހަމައެއާއެކު ސޫދުކެއުން އާންމުވުމުގެ ސަބަބުން އެމީހުންގެ ކިބައިންވަނީ ރަނގަޅު އިންސާނީ އިޙުސާސުތައް ނެތިފައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ޠާއިފުގެ ޙާލަތު ފުރިހަމަޔަށް ދެނެވަޑައިގަންނަވައެވެ.

މިހުރިހައިކަމެއް އެނގިވަޑައިގެން ހުންނެވުމާއެކުވެސް ކައުސާހިބާ صلّــى اللّـه عليـه وسلّـم ޠާއިފަށް ވަޑައިގެންނެވީ ޠާއިފުގެ މަޝްހޫރު ޤަބީލާއެއްކަމުގައިވާ ޘަޤީފުވަންހައިގެ މީހުންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވުމަށްޓަކައެވެ. އެތަނަކުން ޤުރައިޝުންގެ ބާރަށް ލޮޅުމެއް އަރުވައިލެއްވޭފަދަ ތަނެއް އިސްލާމީ ތަޙުރީކާ ގުޅައިލެއްވޭތޯ ބެއްލެވުމަށްޓަކައެވެ. ޠާއިފުގެ ޙިމާޔަތް ލިބިވަޑައިގެންފިކަމުގައިވާނަމަ އިސްލާމީ ދަޢުވަތުގެ މިޝަން އިތުރަށް ހަލުއިކޮށްލެއްވެވޭނެތީއެވެ. މައްކާގެ މީހުންގެ ދެކޮޅުވެރިކަން ކުޑަކުރެއްވޭނެތީއެވެ. ޠާއިފުގެ ބޮޑުންނަކީ މައްކާގެ އަޝްރާފުންގެ ވިޔަފާރީގެ ބައިވެރީންނެވެ. ޙަލީފުންނެވެ. އާދަޔާ ޚިލާފު ޙާލަތެއްގައި މީހަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ޙަލީފު ޤަބީލާއަކުން އެހީތެރިވުމަކީ ޢަރަބީންގެ އިޖްތިމާޢީ ދިރިއުޅުމުގައި ލާޒިމުކަމެކެވެ. އިތުރު ސާހިބާއަކީ ޤުރައިޝީއެކެވެ. އެހެންކަމުން ޘަޤީފުވަންހަ އިސްލާމްވެއްޖެ ކަމުގައިވާނަމަ ޤުރައިޝުންނަށް އެކަމާ ވިސްނަން މަޖުބޫރުވާނެއެވެ.

މައްކާއެކޭ އެއްފަދައިން ޠާއިފަކީވެސް ޢަރަބިކަރައިގައި ދީނީ އަހަންމިއްޔަތުވެސް ލިބިފައިވާ ރަށެކެވެ. އަރަބީން އަޅުކަންކުރާ ހުބަލު ހުންނަނީ މައްކާގެ ޙަރަމްފުޅުގައެވެ. މުޝްރިކު ޢަރަބީންގެ ދެވަނަޔަށް އެންމެބޮޑު ބުދުކަމުގައިވާ ލާތަ ހުންނަނީ ޠާއިފުގައެވެ. މައްކާގައި ޠާއިފުގެ ޤަބީލާތައްވަނީ ޢާއިލީގޮތުން ވަރަށްބޮޑަށް ގުޅިފައެވެ. މައްކާގެ ބޮޑުންގެ މިލްކިއްޔާތުވެސް ޠާއިފުގައި ވަރަށްގިނައެވެ. އެހެންކަމުން ޠާއިފު އިސްލާމީ ތަޙުރީކުގެ ދާއިރާއަށް ގެންނެވިއްޖެކަމުގައިވާނަމަ އެކަންވާނީ ސިޔާސީގޮތުންނާއި އިޤުތިޞާދީގޮތުންވެސް ނުހަނު ބޮޑު ކާމިޔާބީއަކަށެވެ.

މި މުހިންމު އިސްތިރާތީޖީ ދަތުރުފުޅުގައި ނުފޫޒުހުރި ޤުރައިޝީ ޞަޙާބީއަކު ބައިވެރިއެއް ނުކުރައްވައެވެ. އަރިހުގައި ގެންދެވީ زيــد بــن حــارثــة رضى اللّـه عنــه އެވެ. ދަތުރުކުރެއްވީވެސް ހިންގަވައިފައެވެ. އެ ދަޢުވަތުގެ ދަތުރުފުޅުގެ ވާހަކައިގެ އަޑުއަރައި މަޝްހޫރުވިޔަ ނުދެއްވުމަށްޓަކައެވެ.

ޠާއިފުގައި ދިރިއުޅޭ ޤަބީލާތަކުގެ ތެރެއިން ދެވަނަޔަށް އެންމެބޮޑު ޤަބީލާއަކީ ބަނީ މާލިކެވެ. އެއީ ހަވާޒިނުވަންހައިގެ ޙަލީފުންނެވެ. އިއްތިޙާދީންނެވެ. އިތުރު ސާހިބާގެ ޠާއިފުގެ ދަތުރުފުޅުގައި ބަނީ މާލިކުގެ މީހުންނަކާ ނުގުޅުއްވައެވެ. އެހައިތަނަށް ހަވާޒިނުވަންހައިގެ އެކަކުވެސް އީމާންވެފައި ނުވާތީއެވެ. ޤަބީލީ އުސޫލުތައް ނިޔާކުރާގޮތުން ހަވާޒިނުވަންހައިގައި އެއްވެސްވަރަކަށް އިސްލާމީ ދަޢުވަތު ނުފެތުރެނީސް ބަނީ މާލިކުގެ ސަރުދާރުން އިސްލާމްދީން ގަބޫލުކުރާނަމަ ހަވާޒިނުވަންހަޔާ ގުޅަންޖެހެއެވެ. އެއީ ނަތީޖާއަކާ ހަމަޔަށްދިޔުމުގެ ކުރީން ނިންމަންޖެހޭ ކަމެކެވެ. އެހެންކަމުން ހަވާޒިނުވަންހައިގެ މީހުން ވާހަކަފުޅު ދެއްކެވުމުގެ ކުރީން ބަނީ މާލިކާ ވާހަކަފުޅު ދެއްކެވުމަކީ އެމުހިންމު އިސްތިރާތީޖީ ދަތުރުފުޅަށް ނޭދެވޭ އަސަރެއް ފޯރައިފާނެކަމަކަށް ވާތީއެވެ. (ޡުފަރު އަޙްމަދު އަޘަރީ)

އެދުވަސްވަރު ޠާއިފުގެ ވެރިކަމުގައިތިބީ عـمــرو بــن عـوف ގެ ތިންދަރީންނެވެ. عبـد يـاليــل އާއި، مسعـود އާއި، حبـيـب އެވެ. އެތިންމީހުންކުރެ އެކަކު ކާވެނިކޮށްގެން އުޅުނީ ޤުރައިޝުވަންހައިގެ އަންހެނަކާއެވެ. ބަނޫ ޖުމަހުގެ އަންހެނަކާއެވެ. އެހެންކަމުން ކޮންމެވެސް މިންވަރެއްގެ ބަލައިލުމެއް އޮންނާނެކަމުގެ އުންމީދެއްވެސް ކުރެއްވެވުނެވެ.

ކައުސާހިބާ صلّــى اللّـه عليـه وسلّـم އެތިންމީހުނާ ވާހަކަފުޅު ދެއްކެވިއެވެ. ޙައްޤު ދީނުގެ ދަޢުވަތު ފެތުރުއްވުމުގައި އެބައިމީހުންގެ ޙިމާޔަތަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންގެ ފަރާތުން ލިބިވަޑައިގެންނެވީ ވަރަށް ހުތުރު ޖަވާބެކެވެ.

އޭގެތެރެއިން އެކަކު ދެންނެވިއެވެ. "اللّـه ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވައިފިނަމަ އަޅުގަނޑު އެކަލާނގެ ގެފުޅުގެ އުރަކޮޅު ވީދައިލާނަމެވެ."

ދެވަނަ މީހާ ދެންނެވިއެވެ. "އަޅެ މާތް اللّـه އަށް ރަސޫލުކަމާއިގެން ފޮނުއްވަން ކަލޭގެފާނު ނޫން އެހެންމީހަކު ލިބިވޮޑިނުގެންނެވީހެއްޔެވެ؟"

ތިންވަނަ މީހާ ދެންނެވިއެވެ. "މާތް اللّـه ގަންދެމެވެ. އަޅުގަނޑު ކަލޭގެފާނަކާ ވާހަކަޔެއް ނުދައްކާނަމެވެ. އެހެނީ ކަލޭގެފާނަކީ ތިޔަ ވިދާޅުވާ ފަދައިން މާތް اللّـه ގެ ރަސޫލެއްކަމުގައިވާނަމަ ކަލޭގެފާނާ ސުވާލުކޮށް ޖަވާބުދީ ހެދުންވާނީ ވަރަށް ބޭއަދަބީ ކަމެއްކަމުގައެވެ. ކަލޭގެފާނު މާތް اللّـه ގެ ރަސްކަންފުޅާމެދު އިތުރުފުޅެއް ހައްދަވާނަމަ، ތިޔަފަދަ ދޮގުވެރިޔަކާ ވާހަކަދައްކާވަރަށްވުރެ މަގޭ ޤަދަރު މާބޮޑެވެ."

(ނުނިމޭ)