ކ. މާފުށީގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް އަމަލުތައް ހިންގަމުންދާ ކަމުގެ ޝަކުވާ ލިބިގެން މާފުށީ ކައުންސިލުން އިންޒާރު ދީފިއެވެ.
މާފުށި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރަށުގެ އަތިރިމައްޗާއި ހުސްބިންތަކުގައި، ގާޑިޔާ ނުވަތަ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ރަށުގައި ވޯޓާ ސްޕޯޓްސް ފަދަ ހިދުމަތްތަކުން ފީ ނެގުމާ ގުޅޭ އުސޫލާ އެއްގޮތަށް ކުއްޔަށް ދޫކޮށްފައިވާ ވިޔަަފާރި ބިންތަކުގައި ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހިންގަމުންދާ ކަމަށެވެ.
ކައުންސިލުން ބުނީ ގިނަ ބިންތަކުގައި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް، އިސްލާމީ މުޖުތަމައެއްގައި ކުރުމަށް ބަލައިނުގަނެވޭނެ ފަދަ އަމަލުތައް ހިންގަމުންދާ ކަމުގެ ޝަކުވާ ރަށުގެ އާންމު ރައްޔިތުންގެ ފަރާތުން ލިބިފައިވާ އިރު، އެކަން ކައުންސިލަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ނަމާދު ގަޑިތަކުގައާއި ރޭގަނޑު 12 ގެ ފަހުން އަޑުގަދަކޮށް، ބާރަށް ލަވަޖެހުމާއި ކައުންސިލުގެ ހުއްދަ ނެތި ބިންތަކާ އިންވެގެންވާ މަގުތައް ބަންދުކޮށް، އެތަނުގައި ގާނޫނާއި ގަވާއިދުތަކާއި އިސްލާމް ދީނާއި ދިވެހި ސަގާފަތަށް ފުށުއަރާ ފަދަ ޣައިރު މުސްލިމުންގެ ނުވަތަ ބޭރު ގައުމުތަކުގެ ދީނާ ގުޅޭ ދުވަސްތައް ފާހަގަކުރުމުންދާ ކަމަށެވެ. އަދި އިސްލާމީ ރިވެތި އަހުލާގުގެ ބޭރުން ވިޔަފާރި ބިންތަކުގައި އަމަލުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މާފުށީ ކައުންސިލުން ވަނީ އެއްބަސްވުމާ ހިލާފަށް ބިންތަކުގައި ކުރިއަށްގެންދާ ހަރަކާތްތައް ހުއްޓާލުމަށް އަންގައިފައެވެ. އަދި ބިންތައް ދޫކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމެއް އެ ބިމުގައި ކުރަންވާނީ ކައުންސިލަށް ލިޔުމުން ހުށަހަޅައި ލިޔުމުން ހުއްދަ ހޯދައިގެން ކަމަށާއި އެނޫން ގޮތަކަށް ބިންތައް ބޭނުންކުރާނަމަ އެއްބަސްވުމުގެ 11 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން އެއްބަސްވުން ބާތިލުކުރާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ޣައިރު ދީންތަކުގެ ދުވަސްތައް ފާހަގަކުރާ ކަމަށްބުނެ، ކައުންސިލުން އިންޒާރު ދީފައިވާ އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު 25ގައި ކްރިސްމަސް ދުވަސް ފާހަގަކުރަން އެ ރަށުގެ ގެސްޓް ހައުސްއެއްގައި ކްރިސްމަސް ގަހެއް ބެހެއްޓި މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި ފަހުން އެ ގަސް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު