ޚަބަރު

ދިވެހިން "ކްލައިމެޓް ރެފިއުޖީން"ނަށް ވުމުގެ ބިރު އެބައޮތް: ރައީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިން "ކްލައިމެޓް ރެފިއުޖީން"ނަށް ވުމުގެ ބިރު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ކޮޕް 26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތު ލީޑާސް އެޓް ދަ ވޯލްޑް ލީޑާސް ސަމިޓުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ހައްގު ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށާއި ދިވެހިން "ކްލައިމެޓް ރެފިއުޖީން"ނަށް ވުމުގެ ބިރު އެބައޮތް ކަމަށެވެ.

ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާ ނުލައި ދިވެހިންނަށް ވެސް ދިރިއުޅެން ހައްގު ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހަންމަލު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށާއި ފާގަތިކަމަށް މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ. އަދި ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް ނިސްބަތުން މަދުކަމުގައިވީ ނަމަވެސް ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތްކޮށް، އެކަމަށް މީހުން އަހުލުވެރި ކުރުމުގައި އިސްނަގައި އެހެން ގައުމުތަކަށް ނަމޫނާ ދައްކަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް ޒީރޯ ގައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަޒުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެހެން ގައުމުތަކުން އެކަހަލަ އަޒުމެއް ކަނޑަނާޅަނީ ކީއްވެގެންތޯ ސުވާލުކުރައްވައިފައެވެ.

ކޮމަންވެލްތު ބައްދަލުވުމުގައި ރާއްޖެ ފަދަ ކުދި ގައުމުތަކުން މޫސުމާބެހޭ ނުރައްކާތަކުން ސަލާމަތްވުމަށް ކުރަން ކަނޑައަޅައިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ "ކްލައިމެޓް ފައިނޭންސް" ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ގޮވާލައްވައިފައެވެ. އަދި މިހާރު އޮތް "ކްލައިމެޓް ފައިނޭންސް" ހޯދުމަށް ކުރަންޖެހޭ ބުރަ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކޮމަންވެލްތުން މިފަދަ ކަންކަމުގައި އިސްނަގައި ބޭނުން ޖެހިފައިވާ ގައުމުތަކަށް "ކްލައިމެޓް ފައިނޭންސް" ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި "ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް" ގެ މަސައްކަތް އިތުރަށް ފުޅާކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮޕް 26ގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަރޯސާވަމުންދާ ކަމަށާއި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ކޮޕް 26ގެ ބައްދަލުވުމުގައި ރަނގަޅަށް ގޮތް ނިންމެވުމަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ ކޮޕް 26ގެ ބައްދަލުވުމުގައި ރަނގަޅު ނިންމުންތައް ނުނިންމިއްޖެ ނަމަ، އިތުރު އެތައް ބިލިއަން މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އޭގެތެރޭގައި މުޅި ރާއްޖޭގެ ރައްޔިތުން ހިމެނޭ ކަމަށެވެ.