މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ރާއްޖެ ފަދަ ނާޒުކު އަދި ފުދުންތެރިކަން ކުޑަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް 2015ގައި ވެފައިވާ ވައުދު ނުފުއްދާތީ ހިތާމަކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ތާރީހުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ, 2015 ވަނަ އަހަރު ސޮއިކުރި ޕެރިސް އެގްރިމެންޓުގައި 2020 ވަނަ އަހަރުގެ ފަހުން ތަރައްގީވަމުން އަންނަ ހުރިހާ ގައުމަކަށް އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައެވެ.
އދ.ގެ ތިމާވެއްޓާ ބެހޭ ކޮންފަރެންސް "ކޮޕް26"ގެ ވޯލްޑް ލީޑަސް ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޕެރިސް އެގްރީމެންޓާ އެއްގޮތަށް ގައުމުތަކުން އަމަލުކުރަމުން ނުދާތީ، އެ އެއްބަސްވުމުގައި ހުރި ކަންކަން ހާސިލުވުމާ ގާތަށް ވެސް ނުދާތީ މާޔޫސްވެވަޑައިގެން ދެރަފުޅުވާ ކަމަށެވެ.
"ހަމައެކަނި އެއްބަސްވުމަކުން ނުފުދޭ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނާޒުކު ގައުމުތަކަށް ދޭން އެއްބަސްވި ފައިސާ ދޭތޯ ކަށަވަރު ކުރެވޭނެ އުސޫލެއްވެސް އޮންނަން ޖެހޭ" ރައީސް ވިދާޅުވިއެވެ.
ޕެރިސް އެގްރިމެންޓުގައި ގައުމުތަކުން އެއްބަސްވި ބައެއް އެހެން ކަންކަމުގެ ތެރޭގައި ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ މިންވަރު މަދުކޮށް ބެލެންސް ކުރުމަށާއި ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަށް އަށްވުރެ ދަށްކޮށް 1.5 ޑިގްރީއަށް ލިމިޓްކުރަން މަސައްކަތް ކުރުން އަދި މަސައްކަތް ދާ ގޮތް ކޮންމެ ފަސް އަހަރަކުން މުތާލިއާ ކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު