ޝާމިނާ ކަރާ ކަރު ޖައްސައި ސަލާމް ކޮށްލި ވަގުތު ޝައުފާގެ އެސްފިޔަތައް ތެމުނެވެ. އުފަލުން ގޮސް ހިތްފުރިގެން އައީއެވެ. ހަމަ އެހެންމެ ޝާމިންގެ ހާލަކީވެސް އެއީއެވެ. ޝާމިންގެ އެސްފިޔަތަކުގައިވެސް ތެތްކަމެއް ހުއްޓެވެ. އެއީ އުފަލުގެ ކަރުނައިގެ ތެތްކަމެވެ.
"އަސްލު… ހިތަކަށް ނާރާ މިހެން މިކަން ކުރެވިދާނެއެކޭ… ދުވަހަކުވެސް މިގޮތަށް ހުއްޓައެއް ނުލަން… ބޭސްވެސް ލިބުނީ ހަމަ އެންމެ ތިން ދުވަހު… ދެން ނުލިބުނު… ފުރަތަމަ ރޭ ވަރަށް ވޭނުގައި ހާލެއްގައި ތެޅުނީ… ބޭސް ލިބޭތޯވެސް އެތަކެއް ކަމެއް ކުރިން… އެކަމަކު ހިތަށް އެރީ މަށަށް ވާނެއޭ... ކީއްވެހޭ ނުވާންވީ… އެހެން މީހުނަށްވެސް ކުރެވެއޭ… ހެވޭ ކިތަންމެ ވޭނެއްގައި އޮންނަން ޖެހުނަސް ކިތަންމެ ތަދެއްވިޔަސް މިފަހަރު ކެތްކުރާނީއޭ…"
ޝާމިން އިނީ ޝައުފާގެ އެނދުގެ އެއްފަރާތުގައި އިށީނދެ ސައިޑްކަބަޑުގައި ބުރަކަށި ޖައްސާލައިގެންނެވެ. ހަމަ ދެންމެއަކު ޝައުފާ ގެނެސްދިން ހޫނު ކަޅުކޮފީތަށިން އަރަމުންދާ އާތްވާއި އޭގެ ވަހުން ޝާމިންގެ ހަށިގަނޑަށް ތާޒާ ކަމެއް ވެރިވަމުންދިޔައެވެ.
"ކައުންސެލަރުސްވެސް ހައިރާންވެގެން އެވާހަކަ ކޮންމެ ދުވަހަކު ދައްކާނެ… މިއީ ހަތަރު ވަނަ ފަހަރުވިއްޔަ… މިފަހަރު ނޫނީ ކޮންމެ ފަހަރަކުވެސް އެކޮޅަށް ގޮސް ހަމަ ނުޖެހި އެތަނުން ނުކުންނަން ތެޅިގަންނަނީ… ދެން ބެންގަލޯރުގައި ތެޅިތެޅި ޗުއްޓީ ހަމަކޮށްލަނީ…"
ކޮފީތަށިން އެތިފޮދެއް ބޯލަމުން ޝާމިން ކިޔައިދިނެވެ. ބެންގަލޯރުގެ ދަތުރުގެ ވާހަކައެވެ. ޝައުފާ ވަރަށް ފަރުވާތެރިކަމާ އެކު އެވާހަކަތައް އަޑުއަހަމުން ދިޔައެވެ.
"ތެދަށް ބުނަންޏާ ކިރިޔާވެސް ހަމަނިންޖެއް ނިދުނީ ތޭރަ ވަނަ ދުވަހުގެރޭ… އެވެސް ދެތިން ގަޑިއިރު... އަދިވެސް ނިދުމުގެ ކަންތައް މުޅިން އޯކޭ ނުވޭ… އެކަމަކު އެއްވެސް ބޭހެއްގެ އެހީއެއް ބޭނުމެއް ނޫން… ބުރަކޮށް އުޅެން ފެށީމަ ރަނގަޅުވާނެ…"
ޝާމިންގެ ބަދަލުވެފައިވާ ސިފައާ މެދު އަދިވެސް ހައިރާންވެފައި އިން ޝައުފާ އޭނާގެ އަތުގައި ހުރި ޖިންޖާ ލެމަން ސައިތަށިން ކޯވަރެއް ބުއިމަށްފަހު ޝާމިންއާ ސުވާލުކޮށްލިއެވެ.
"އަޅެ… ތިހާ ރީތި ވީ ކިހިނެއްތަ…؟ ހަމަ އަސްލުވެސް ޝާމިން ވަރަށް ވަރަށް ރީތި… ހީވަނީ ކޮންމެވެސް ފިނި ގައުމެއްގެ މޮޑެލްއެއްހެން…"
ޝައުފާގެ މިތައުރީފަށް ޝާމިނަށް ބާރަށް ހީނގަނެވުނެވެ. އަދި އެއްފައި މައްޗަށް އަނެއްފައި އެއްލައިގެން ސީދާ ޝައުފާއާ މޫނާއި މޫނު ދިމާވާ ގޮތަށް އިށީނދެ ހަމަޖެހިލިއެވެ.
"ފޭކް ތައުރީފު ކުރާނެ ކަމެއް ނެތް…"
ޝާމިން އުފާވެރި ރާގެއް ތުބުން ފުމެލަމުން މަޖާ ވައްތަރެއް އަނގައަށް ހަދާލިއެވެ.
"މަށެއް ނޫނޭ ރީތީ… ތިމާގެ ރީތިކަން ޝައުއަށް އެނގޭބާ…؟ އަސްލުވެސް މިއަދު ކޮންމެވެސް ތަފާތު ގޮތެއް…" ޝާމިންގެ މިވާހަކައަށް ޝައުފާ ދެލޯ އަޅާލިއެވެ.
"ބޯއިފްރެންޑާ ބެހޭގޮތުން ކިޔައިދޭންވީ… މިހާރު މަގޭ ނޭނގޭ އެއްވެސް އެއްޗެއް ނެތެއްނު… ދެން ކިޔައިދޭންވީ ޝައު…"
ޝައުފާ ރަކި ފާޑަކަށް ހިނިތުންވެލިއެވެ. އަދި އެއްފަރާތަކަށް މޫނު އަނބުރާލަމުން ބުނެލިއެވެ.
"ނަސީބު ވަރަށް ދެރަ… ސްކޫލްގައި އުޅުނު ދުވަސްވަރުވެސް ތިކަހަލަ ބިރަކާ ދިމާނުވޭ… މިހާރުދެން ހިތަށް އަރާ ތިވެސް ކުރަން ވެއްޖެ ކަމެކޭ… އެކަމަކު ޝައު އަކަށް ތިމީހުން ތިވާ ލޯބިވާކަށް ނޭނގެއޭ… ދެން ކިހިނެއް އެކަހަލަ ކަމެއް ކުރާނީވެސް…"
ޝައުފާގެ ވާހަކަ އިވިފައި ޝާމިން ހަމަ ރަނގަޅަށްވެސް ދެލޯބޮޑުކޮށްލިއެވެ.
"ދޮގެއް… ހަމަ އެއްވެސް ބޯއިފްރެންޑެއްވެސް ނެތޭ ތިބުނަނީ… ގަބޫލުކުރަން ހާދަ ފަސޭހަ ނޫން ވާހަކައެކޭ…"
ޝާމިން ޝައުފާގެ ހިނިތުންވެފައިވާ މޫނަށް ބަލައިލިއެވެ. މިއަދު އެމޫނުން އޭނާއަށް ތަފާތު ރީތި ކަމެއް ފާހަގަ ކުރެވެނީ ކީއްވެގެން ބާވައެވެ.
"ހަމަ އަސްލުވެސް ތެދެއް... ޒިމޫ ގާތު އަހާބަލަ… ޒިމޫ މެރީ ކުރިއިރުވެސް އޭގެ ފަހުންވެސް ވަރަށް ވިސްނައިދޭނެ… ކަމުދާ މީހަކު ހޯދަން ޓްރައި ކުރާށޭވެސް ކިޔާނެ…" ޝައުފާ ހެމުންހެމުން ވާހަކަ ދެއްކިއެވެ.
"ދެން ޝައުގެ ވަރަށް ބޯއި ރައްޓެހިން ގިނަވާނެ… އޭގެ ތެރެއިންވެސް މީހަކު ސެޓް ކުރަން އުޅެބަލާށޭ ޒިމޫ ކިޔާނެ…"
"ޖޮބް ލިބުނު ފަހުން ޒިޔާދުބޮސްއާ ބެހޭގޮތުންވެސް ބޮޑު ދިރާސާއެއް ޒިމޫ ކުރި… އަބަދު ކިޔާނެ ޒިޔާދު ޝައުއަށް ބަލަނީ އެހެން ލޮލަކުންނޭ… ޝައު ބުނަން ޒިޔާދުގެ ސިއްރު ވަގު ލޮލެއް ހުންނަނީހޭ ޝައުއަށް ބަލަން އެލޯ ބޭނުން ކުރާތީހޭ އެހެން ކިޔަނީ… މާފަހުން އެނގުނީ ޒިމޫ އެކިޔަނީ ލޮލުގެ ވާހަކައެއް ނޫންކަން..." ޝައުފާ ހެމުން ހެމުން ކިޔައިދިނެވެ.
"އަސްލު ރަށުގައި އުޅުނުއިރު ވަރަށް ކުދިން ދިމާކޮށް ހެދި… އެކަމަކު އެކަހަލަ ކަމެއް ކޮށްފިއްޔާ ބައްޕަ ކޮށްލާނެވަރު ހިތަށް އަރާފައި އޭރު ނުކެރުނީ…"
ޝައުފާގެ އަޑު މަޑުވެފައި ރާގަށް ފިނިކަމެއް އައިކަން ޝާމިނަށް ފާހަގަ ކުރެވުނެވެ.
"އެހެންނޫނަސް އޭރުވެސް ލޯބި ނުވެވޭކަން އެނގޭ… ދެން ލައިކް ވާ ކަހަލަ ކުއްޖަކާވެސް ދިމާނުވޭ ވިއްޔަ… ދެން އައީ މާލެ…"
ޝައުފާ ވާހަކަ މެދުކަޑާލުމަށްފަހު، ފުން ނޭވާއެއް ލިއެވެ. އަދި އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ފުރަތަމަ ހުރީ ކުދިން ބަހައްޓައިދޭ ކަހަލަ ގޭގޭގަ... ހުރެގެން ޖޮބް ކުރަމުން ކުލި ދައްކަމުން ކިޔަވަމުން ސޭވްވެސް ކުރަމުން ދިޔައީ… މިތަން ކުއްޔަށް ނެގިތާ ދެއަހަރުވެދާނެ… އެކަނި އުޅެން ފެށި ފަހުން ވަރަށް ހިތްހަމަ ޖެހޭ ލައިފެއްގައި ޝައު އުޅެނީ… ލައިފްގައި ހުސްޖާގައެއް ހުރި ހެނެއް ހިއެއް ނުވޭ…އެކަމަކު…"
އެހިސާބަށް ބުނެފައި، ޝައުފާ ވާހަކަ ހުއްޓާލައި ފުންނޭވައެއް ލިއެވެ. އަދި އިސްޖަހާލައިގެން އެއްއިގިލި އަނެއް އިގިއްޔަށް ލައްވައި އަނބުރަން ފެށިއެވެ. ކޮންމެވެސް ކަމަކާ ހާސްވި ކަހަލައެވެ.
ޝާމިން އަތުގައި ހުރި ކޮފީ ހުސްކުރި ޖޯޑު އެނދާ ދިމާލުން ފާރާ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓުމަށްފަހު ޝައުފާއާ ގާތަށް ޖެހިލިއެވެ. އިސްދަށަށް ޖަހައިގެން އިން ޝައުފާގެ ނިއްކުރިން ހިއްލާފައިވާ ދާ ތިކިތައް އޭނައަށް ކިތަންމެހާވެސް ރަނގަޅަށް ފެނުނެވެ.
"ޝައު ކޮންމެވެސް ކަމަކާ ވަރަށް ކަންބޮޑުވެ ހާސްވާހެން ހީވަނީ ކީއްވެ…؟ ކޮންމެވެސް ބޮޑު ކަމަކާ ބިރުގަންނަ ފާޑު ޖަހަނީ ކީއްވެ…؟ ޝައުގެ ތި އުފާވެރި ހިނިތުންވެފައި ހުންނަ މޫނުގެ ފަހަތުގައި ވަރަށް ބޮޑު ބިރުގެންފައިވާ ސިހިފައި ހުންނަ ތުރުތުރެއް އަޅާ މޫނެއް ފޮރުވިފައި ހުންނަހެން ހީވަނީ ކީއްވެ… މީ އަސްލު ހިއެއް ނޫން… އާނީ އަށް ވަރަށް ޔަގީން…"
ޝާމިން މައްސަލައެއް ތަހުގީގު ކުރާ ފުލުހެއް ފަދައިން ވަރަށް ސާބިތުކަމާ އެކު ވާހަކަ ދެއްކިއެވެ. ދެންވެސް ޝައުފާ އަނގައިން ނުބުނެ އެއިން ގޮތަށް އިނީއެވެ.
"ޝައުގެ މަންމަމެން ކޮބާ…؟ އެއްވެސް ވަރަކަށް ގުޅައި ވާހަކަ ދައްކައި ހަދާ ތަނެއް ނުފެނޭ… އަނެއްކާ ކޮންމެވެސް ކަމެއް ވެގެން ރުޅީތަ…؟"
މިފަހަރު ޝައުފާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިތަން ޝާމިނަށް ފެނުނެވެ. އަޖައިބެއް ކަހަލަ އަންހެނެކެވެ. ސިއްރުން ފުރިފައިވާ އެކަމަކު އޯގާތެރިކަމާއި ރަހުމާއި ކުލުނުން ބަރާވެފައިވާ ރީތި ހިތެއްގެ ވެރިއެކެވެ. ސަމާސާ ސަކަ މިޒާޖެއްގެ އެހެނަސް ވޭނާއި ރިހުމުން ކަޅިވެފައިވާ ނަފުސެކެވެ.
"އޭތް… ކިހިނެއްވީ… އަނެއްކާ މަށަށް އަހަން ނުޖެހޭ ވަރުގެ ސުވާލެއް ކުރެވުނީތަ…؟ ހަޝްހަޝް ވެފައި ތިއިނީޔޯ…؟"
ޝާމިން ޝައުފާގެ އަތުގައި ހިފައި ދަމާލަމުން ބުނެލިއެވެ. އެވަގުތު މީގެ ކުރިން ޝާމިނަށް ދުވަހަކުވެސް ޝައުފާގެ ކިބައިން ނުފެންނަ މަންޒަރެއް ސިފަވެގެން ދިޔައެވެ. ފުރިބާރުވެގެންގޮސް ބަޑި ފަޅައިގެން ދިޔަ ފަދަ ގޮތަކަށް ޝައުފާ ގިސްލަ ގިސްލާފައި ރޯންފެށުމުން ޝާމިންގެ ސިކުޑި ހާސްވެ ގޮތްހުސްވެއްޖެއެވެ.
އަނެއްކާ މިދިމާވީ ކިހާދެރަ ކަމަކާ ހެއްޔެވެ. މިއީ އޭނާ ހީކުރި ވަރަށް ވުރެ މާ މައުސޫމު ޟައީފު އަންހެނެކެވެ. ނިކަން ހަރުދަނާ ގަދަފަދަ މީހަކަށް ވެގެން އުޅޭ އިރު ޝައުފާގެ މިސިފަ އޮތީ ފަރުދާއެއްގެ ފަހަތުގައި ފޮރުވައިފައެވެ.
"އޭތް… ޔާރައްބި… އަޅޭ… ކަނބުލޯ..."
ރޮއި ހަނާވަމުން ދިޔަ ޝައުފާ ގެނެސް އަތުގެ ތެރޭ ބޮޑިކޮށްލަމުން ޝާމިން ގޮވާލިއެވެ. ދެންވެސް ޝައުފާގެ ގިސްލުން މަޑެއް ނުވިއެވެ. އިރެއް އިރަކަށް ރުއިން ދިޔައީ ބާރު ވަމުންނެވެ.
"އަޅެ ހެޔޮނުވާނެ… ވީކަމެއް ބުނެބަލަ… މަށަކީ ވަރަށް ގަމާރު މީހެއް… ވީގޮތް ނުބުނަންޏާ ވިސްނައިގަންނާކަށް ނޭނގޭނެ… ހަމަ ތެދެއް މިބުނީ… ޔުއާނާ ރޮއިގެންވެސް މަގޭ ހިތަށް މިހާ ތަދެއް ނުވޭ... ޝައު އަކާ ފާޑެއްވެސް ނޫން… އޯމައި... ހިތުގައި ޖެހިޖެހިފައި ރޮވެނީ... ޕްލީޒް… މަށަށްވެސް ރޮވިދާނެ…"
ޝައުފާގެ ބުރަކަށީގައި ފިރުމަމުން ޝާމިން ސުވާލު ކުރަމުން ގެންދިޔައެވެ. މަޑުމަޑުން ރުއިމުގެ އަޑު މަޑުވަމުން ގޮސް ހިދެމުންދާ ގިސްލުމަކަށް ޝައުފާގެ އަޑު ބަދަލު ވެއްޖެއެވެ.
އަދިވެސް ޝައުފާ އިނީ ޝާމިންގެ މޭގައި ބޯޖައްސާލައިގެންނެވެ. ޝާމިންގެ އަތުގެ ތެރޭގައި އޮތް ޝައުފާގެ އަތްތިލައަށް މަޑުމަޑުން ފިތާލަމުން ވައިއަޑަކުން އޭނާ ޝައުފާއަށް ގޮވާލިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ