ރާއްޖޭގެ ބާޒާރުގައި އާންމުކޮށް ވިއްކާ ހަޕް ސެންގް ކްރީމް ކްރެކާ ބިސްކޯދު ކެއުން ރައްކާތެރިކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެލޭޝިއާގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތުން އެ ބިސްކޯދު ކެއުން ރައްކާތެރި ކަމަށް ނިންމާފައިވާ ކަމަށެވެ. ހަޕް ސެންގް ކްރީމް ކްރެކާ ބިސްކޯދަކީ މެލޭޝިއާގެ އުފެއްދުމެކެވެ.
އެ ބިސްކޯދުގައި ހިމެނޭ ކެންސަރަށް މަގުފަހިކުރުވާ މާއްދާ "އަކްރިލަމައިޑް" ހިމަނާފައިވަނީ ޔޫރަޕިން ޔޫނިއަނުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ކަމަށާއި ރާއްޖެ އިމްޕޯޓުކުރާ ކެއުމަށް ބޭނުންކުރާ އެއްވެސް ޕްރޮޑަކްޓަކުން ސިއްހަތަށް ގެއްލުންވާނަމަ އެކަން އާއްމުކުރާނެ ކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.
ބޭރުގެ ބައެއް ނޫސްތަކުން މީގެ ކުރިން ރިޕޯޓު ކޮށްފައިވަނީ ހަޕް ސެންގް ކްރީމް ކްރެކާ ބިސްކޯދުގައި އަކްރިލަމައިޑް މަތީ އަދަދަކަށް ހިމަނާފައިވާ ކަމަށެވެ. އަދި އެ ބިސްކޯދު ކެއުމުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ.
ނޫސްތަކުގައި އެ ވާހަކަ ރިޕޯޓު ކުރުމާއެކު ހަޕް ސެންގް ބިސްކޯދު އުފައްދާ ކުންފުނިން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ސިންގަޕޫރުގެ ސަރުކާރުން ވެސް ވަނީ އެ ބިސްކޯދު ކެއުމުން މައްސަލައެއް ނެތްކަމަށް ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު