އަންނަ 2022 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.

ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، މާލިއްޔަތު ކޮމެޓީ އާއި އިގްތިސޯދީ ކޮމެޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމެޓީއަކުންނެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް ހަމަޖެއްސީ، ކޮމިޓީ މެމންބަރުންގެ އިއްތިފާގުންނެވެ.

މީގެ ކުރީ ދެ އަހަރު ވެސް ބަޖެޓު ކޮމިޓީގެ މުގައްރިރެއްގެ ގޮތުގައި ހުންނެވީ ނާޝިޒެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގެ ބަހުސް ކުރިއަށްދާއިރު ބަޖެޓަށް ބަހުސް ކުރުމަށް މަޖިލީޖުގެ ކޮންމެ މެންބަރަކަށް 22 މިނެޓް ދޭން މަޖިލީހުގެ އާއްމު ކޮމެޓީންވެސް މިއަދު ވަނީ ފާސްކޮށްފައެވެ. ކޮމެޓީން ފާސްކުރީ ބަޖެޓު ބަހުސްގެ މަރުހަލާގައި 15 މިނެޓް ކޮންމެ މެންބަރަކަށް ދިނުމަށްފަހު، ކޮމެޓީން ބަޖެޓު ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށެވެ.

މީގެ އިތުރުން ބަޖެޓާ ބެހޭގޮތުން މަޖިލީހުގައި ވާހަކަ ދެއްކެވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ. މިނިސްޓަރަށް ކަނޑައަޅާފައިވާ ވަގުތު ޖަލްސާގެ ރިޔާސަތުން އެކި ވަގުތުތަކަށް ބަހާލައިގެން ދިނުމަށްވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ސަރުކާރުން 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.