ޚަބަރު

މަޖިލީޙަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅާފައިވަނިކޮށް މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކޮށްފި

މުހައްމަދު އިޝާން

ރ. މަޑުއްވަރީ ސުކޫލުގައި މި އަހަރުގެ ކުރީކޮޅުން ފެށިގެން ޕްރިންސިޕަލަކު ނެތި ހިންގާ މައްސަލައިގައި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މި މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ އާ ސުވާލު ކުރަން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

އާދަމް ޝަރީފު މިނިސްޓަރާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައިވަނީ، މި އަހަރުގެ ކުރީކޮޅުން ފެށިގެން ޕްރިންސިޕަލެއް ނެތި މަޑުއްވަރީ ސުކޫލް ހިންގަމުންދާތީ، އެ ސުކޫލަށް ޕްރިންސިޕަލަކު ލިބޭނީ ކޮން ތާރީހަކުތޯ އާއި އެ ސުކޫލަށް ޕްރިންސިޕަލެއް ނުލިބިގެން އުޅެނީ ކީއްވެގެންތޯ ސާފު ކުރުމުގެ ބޭނުމުގައެވެ. އަދި މަޑުއްވަރީގެ އިތުރުން ޕްރިންސިޕަލުން ނުލިބޭ ރަށްރަށް، ނުވަތަ ޕްރިންސިޕަލުން ހަރުލުން ދަތި ރަށްރަށާމެދު ރާވާ ގޮތަކާ ބެހޭގޮތުންވެސް އާދަމް ޝަރީފު ސުވާލު ކުރައްވަން ވަނީ ހަމަޖައްސައިފައެވެ.

ޑރ. އައިޝަތު އަލީ އާ ސުވާލުކުރުމުގެ ނޯޓިސް ފޮނުވާފައިވާކަން ހާމަކުރައްވައި އާދަމް ޝަރީފު ވިދާޅުވެފައި ވަނީ، މި އަހަރުގެ މޭ މަހުން ފެށިގެން މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލަކު ނެތް ކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއް ކަމަށާއި، ހާއްސަ އެލަވެންސެއް ދީގެން ނަމަވެސް ރަށްރަށުގައި ރަނގަޅު ޕްރިންސިޕަލުން ތިބޭނެ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ޕްރިންސިޕަލުން ހަރުނުލާ ސަބަބު އެޑިއުކޭޝަން މިނިސްޓްރީން ބަލަން ޖެހޭ ކަމަށެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނު ކޮށްފައެވެ. މަޑުއްވަރީގެ އިތުރުން ވެސް ވަނީ 12 ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކޮށްފައެވެ.

އެޑިއުކޭޝަނުން ބުނީ، ޕްރިންސިޕަލްގެ މަގާމަށް ކުރިމަތިލާ ފަރާތަކީ، ޓީޗިން ސާވިސް ތިނަކުން މަތީ މަގާމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ސްކޫލް ހިންގުމުގެ ދާއިރާއިން ރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް ހަތަރެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުމުގެ އިތުރުން ކިޔަވައިދިނުމުގެ ރޮނގުން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.