ދުނިޔޭގެ ގައުމުތައް އެއްބައިވެ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ރާއްޖެ ސަލާމަތްކޮށްދިނުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ސްކޮޓްލެންޑުގެ ގްލާސްގޯގައި އިއްޔެ ފެށި ތިމާވެށީގެ އެންމެ ބޮޑު ސަމިޓް، ކޮޕް26 އަށް ރާއްޖެއިން މެސެޖެއް ދެމުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނަ ވިދާޅުވީ، މޫސުމީ ބަދަލުތަކަކީ ރާއްޖެއިން ކޮންމެ ދުވަހަކުވެސް އެކަމަކާ ހަނގުރާމަ ކުރަމުންދާ ކަމެއް ކަމަށެވެ. މި ގަރުނު ނިމޭއިރު، މޫސޫމީ ގޮތުން ދުނިޔެއަށް ކުރިމަތިވާނެ ކަމަށް އަންދާޒާ ކުރި ކަންކަން ރާއްޖެއިން މިހާރުވެސް ތަޖުރިބާ ކުރަމުންދާ މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ފަރުތައް މަރުވެ، ރަށްތަކުގައި ފެންބޮޑުވެ، ފެނަށް ޖެހެމުންދާ އިރު، ދުވަހަކަށްވުރެ ދުވަހެއް މޫސުން އަންނަނީ ގޯސްވަމުން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ދުނިޔެއިން ކުރަމުން އަންނަ މަޝްވަރާތައް ބަލަން ރާއްޖެއަށް ނޯވެވޭނެ ކަމަށާއި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ދުނިޔެއިން އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށެވެ.

"ރާއްޖެއިން މިއަންނަނީ ކުރެވެން ހުރި މަސައްކަތެއް ކުރަމުން. އިރުގެ އަލިން ކަރަންޓް އުފެއްދުމަށް މިއަންނަނީ މަސައްކަތްކުރަމުން. އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް މިއަންނަނީ މަސައްކަތްކުރަމުން. ރާއްޖޭގެ ކަނޑުގެ ސަރަައްދުން އެންމެ މަދުވެގެން 20 ޕަސެންޓް މިދަނީ ހިމާޔަތްކުރަމުން. ރާއްޖެއަށް މިކަންކަން ވާ ނަމަ، މުޅި ދުނިޔެއަށްވެސް މިކަންކަން ވާނެ. މުޅި ދުނިޔެ އެކުވެ، ރާއްޖެ ސަލާމަތްކޮށްދީ.!.." މިނިސްޓަރު ޝައުނާގެ މެސެޖުގައި ވިދާޅުވި އެވެ.

ކޮޕް26ގެ ބޭނުމަކީވެސް ދުނިޔޭގެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ތިރީގައި ހިފެހެއްޓުމަށް ގައުމުތަކުން ކުރާނެ ކަންކަން ކަނޑައެޅުމެވެ. އަދި އެކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެއްބަސްވުމެވެ.