''އަޅުގަނޑުމެންގެ މި ހިތްގައިމު ރާއްޖެއަށް، ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާމެދު، މިއިން ޒަމާނެއްގައި އަޅުގަނޑުމެން ބިރުނުގަންނަ މިންވަރަށް މިހާރު އެބަ ބިރުގަނޭ. މިއީ ތޯތޯ ވާހަކައެއް ނޫން، މިއީ އިލްމީ ހަގީގަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް,"

މިއީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުން ތަންކޮޅެކެވެ. ތެދެކެވެ.

ވިހަ ގޭސްތައް ޖައްވަށް ބޭރު ކުރުމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން މައްޗަށް ގޮސް, ދެކުނުތަނޑީގައިވާ ގަނޑުފެންތައް ވިރި, ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް ތިންގުނަ އިތުރުވެއްޖެއެވެ. ނަތީޖާއަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ މީޓަރެއް އުހުގައި އޮތް ރާއްޖޭގެ އެތައް ރަށެއް ގިރަމުން ގިރަމުން ގޮސް ރާއްޖޭގެ ޗާޓުން އެ ރަށްތައް ގެއްލިފައިވުމެވެ. މިގޮތަށް ގޮސް ދުނިޔޭގެ ޗާޓުން މުޅި ރާއްޖެ ފޮހެވިގެން ހިނގައިދާނެކަމުގެ ބިރު ދުވަހަކަށްވުރެ ދުވަހެއް ދަނީ ބޮޑުވަމުންނެވެ.

މިއީވެސް ތޯތޯ ވާހަކައެއް ނޫނެވެ.

މިދިޔަ އޮގަސްޓު މަހު އދ.ގެ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖުގެ ވޯކިން ގުރޫޕް (އައިޕީސީސީ) އިން ނެރުނު ރިޕޯޓުގައިވާ ގޮތުން 2030 ވަނަ އަހަރު އަންނަ އިރު, ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް އިތުރުވާނެއެވެ. މިއީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ އަވަސް މުއްދަތެކެވެ. މިކަމުގެ ސަބަބުން ގަނޑުފެންތަކުގެ ވިރުން އަވަސްވެ, ރާއްޖެ ފަދަ ކުރި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކާ ބޮޑު ވާނެއެވެ. މިހާރު ދުނިޔެ ހޫނުވަމުންދާ ރޭޓުން ދާނަމަ ގަރުނު ނިމޭއިރު, ދެ މީޓަރަށް އަދި 2150 ވަނަ އަހަރު ފަސް މީޓަރަށް ލޮނުގަނޑު އުފުލޭނެއެވެ. މާނަ ވަރަށް ސާފެވެ. އެދުވަހުން ރާއްޖޭގެ އެއްވެސް ރަށެއް ފެނުން މައްޗަކު ނޯންނާނެ އެވެ.

އދ. އާންމު މަޖިލީހުގެ 76 ވަނަ އާންމު ޖަލްސާގައި ރައީސް ސޯލިހުވެސް ފާޅުކުރެއްވީ އެ ކަންބޮޑުވުމެވެ.

"1.5 ޑިގްރީ ސެލްސިއަސް އާއި ދެ ޑިގްރީ ސެލްސިއަސްގެ ތަފާތަކީ މަރުގެ ހުކުމެއް އައުމާއި ނައުމާ ދެމެދު ހުރި ފަރަގު. އެހެންނަމަވެސް އެއް ހަގީގަތެއް އެބައޮތް. ކުދި ޖަޒީރާތައް ނެތިދަނީ މިއަދު އައި ތިމާވެށީގެ ސަބަބުން ކަމުގައިވާނަމަ, ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެ,"

ސްކޮޓްލެންޑުގެ ގްލާސްގޯގައި އިއްޔެ ފެށި ކޮޕް26 މުހިންމުވާ ސަބަބަކީ މިއީއެވެ. އެ ސަމިޓުގެ ބޭނުމަކީވެސް ދުނިޔޭގެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ތިރީގައި ހިފެހެއްޓުމަށް ގައުމުތަކުން ކުރާނެ ކަންކަން ކަނޑައެޅުމެވެ. އަދި އެކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެއްބަސްވާނެއެވެ.

މި ސަމިޓު ރާއްޖެއަށާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މުހިންމުވާ އިތުރު ސަބަބުތަކެއް އެބަހުއްޓެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ސަރުކާރުތަކާއި އަމިއްލަ ފަރުދުން މޫސުމަށް އިތުރު އަހައްމިއްޔަތު ކަމެއް ދޭން ވަނީ ފަށައިފައެވެ. އެގޮތުން ކޮވިޑަށްފަހު ގިނަ ގައުމުތަކުން އެ ގައުމުތައް އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު, ތިމާވެއްޓަށް އިސްކަންދީގެން އެނބުރި އައުން ވަރުގަދަކުރުމަށް ސަމިޓުގައި ބާރު އަޅާނެއެވެ.

ދެވަނަ ކަމަކީ ޔޫއެންއެފްސީސީސީގެ ތާރީހުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީ, 2015 ވަނަ އަހަރު ސޮއިކުރި ޕެރިސް އެގްރިމެންޓުގައި ކަނޑައެޅި ކަންތައްތަކުގެ ތެރެއިން ހާސިލު ކުރެވުނު ކަންކަމާއި ހާސިލުކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެކަންކަމަށް ސަމިޓުގައި ބާރު އަޅާނެއެވެ. ސަބަބަކީ އެކަންކަން ހާސިލުކުރުމަށް މިހާރުވެސް ލަސްވެފައިވާ ކަމަށް އދ.ގެ އެންވަޔަރަމަންޓް ޕްރޮގްރާމުން އިންޒާރު ދީފައިވުމެވެ.

މިއީ ބާރަ އަހަރަށްފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ފަހަރެވެ.

"ދިވެއްސަކަށް ދިރިނޫޅެވި, ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު, އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ," އދ.ގެ އާންމު މަޖިލީހުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު އެ ވިދާޅުވަނީ ރައީސެއްގެ ހައިސިއްޔަތުން ގައުމީ ވާހަކަފުޅެކެވެ. އެއްވެސް ގައުމަކަށް ދިރި ދެމި އޮވެވޭނީ އެންމެން ގުޅިގެން މި ވެށި ހިމާޔަތް ކޮށްގެންނެވެ. ކަނޑުގެ ލޮނުގަނޑުގެ އުފުލުން ހުއްޓުވިގެންނެވެ. މިދާ ސްޕީޑުގައި ދާނަމަ، 1.5 ޑިގްރީ އަކީ މިއަދު ރާއްޖެ ނެތިގެންދާ ޕޮއިންޓު ކަމަށް ވެދާނެ އެވެ. އެކަމަކު ދެން ކޮންގައުމެއް ހެއްޔެވެ؟ ލޮނުގަނޑު އުފުލޭ ސްޕީޑު ނުހުއްޓޭ ނަމަ ގައުމަކަށްފަހު ގައުމެއް ފެނުއަޑިޔަށް ދާނެ އެވެ.