ދުނިޔެ ހޫނުވާ ވާހަކައަކީ އާވަހަކައެއް ނޫނެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން މިއަދާ ހަމައަށްވެސް ދައްކަމުން އަންނަ، ނަމަވެސް އަޅައި ނުލެވި އޮތް ބޮޑު މައްސަލައެކެވެ. ދުނިޔެ ހޫނުވުމާއި މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ ގެއްލުން އެންމެ ބޮޑަށް ތަހައްމަލުކުރަން ޖެހޭ އެއްބަޔަކީ، ކުދި ޖަޒީރާތަކެއްގައި ދިރިއުޅެމުން އަންނަ ދިވެހީންނެވެ. ރާއްޖޭގައި 1،190 ރަށް އޮތް އިރު، އޭގެ ތެރެއިން ގިނަ ރަށްތަކަކީ، ކަނޑުގެ ލޮނުގަނޑަށް ކުޑަކުޑަ ތަންކޮޅެއް އުހުގައި ހުރި ރަށްތަކެކެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނޭއިރު، އެކަށީގެންވާ ހައްލެއް ނުލިބިއްޖެ ނަމަ ރާއްޖެ ނެތިގެން ހިނގައިދާނެ ކަމަށް އެންވަޔަރަމަންޓް އެނަލިސްޓުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެ އަޑު ރާއްޖެއިން އަންނަނީ ކެނޑި ނޭޅި ދުނިޔެއަށް އިއްވަމުންނެވެ. އެކިއެކި ފޯރަމްތަކުގައްޔާއި، ސަމިޓްތަކުގައި ދިވެހިންގެ އަޑު، ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކަށް އިއްވައިދީ، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ރާއްޖެ ފަދަ ކުދި ގައުމުތަކަށާއި މުޅި ދުނިޔެއަށް ވެސް އޮތް ނުރައްކާ އަންނަނީ ބުނެދެމުންނެވެ.

އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ސީއެންބީސީއަށް ވިދާޅުވި ގޮތުގައި، މިހާރުވެސް މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި 90 ޕަސަންޓް ރަށްރަށަށް އުދަ އަރައެވެ، 97 ޕަސަންޓް ރަށް ގިރައެވެ. އަދި އޭގެ ތެރެއިން 64 ޕަސަންޓް ރަށްރަށް ވަރަށް ބޮޑަށް ގިރާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މިއީ ހައްތާވެސް ނުރައްކަލުގެ ސިގްނަލެކެވެ.

ދުނިޔެ ހޫނުވެ، ގައުމުތައް ނެތިގެން ދިއުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް، ކުރެވުނު އެންމެ ހާއްސަ މަސައްކަތަކީ، ފްރާންސްގެ ޕެރިސްގައި 2015 ވަނަ އަހަރު ބޭއްވުނު ބައްދަލުވުމުގައި 200 ގައުމަކުން ސޮއިކޮށް ހަދާފައިވާ އެއްބަސްވުމެވެ. އެ އެއްބަސްވުމުގެ އަމާޒަކަށް ހަދާފައިވަނީ ޖައްވުގެ ހޫނުމިން 1.5 ޑިގްރީއަށްވުރެ މައްޗަށް ދިޔަނުދިނުމަށް މަސައްކަތް ކުރުމެވެ. އެއީ 1.5 ޑިގްރީއަށް ވުރެ ޖައްވުގެ ހޫނުމިން މައްޗަށް ގޮސްފި ނަމަ ދެކުނުތަނޑީގައިވާ ގަނޑުފެންތައް ވިރި, ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ކުދި ޖަޒީރާތައް ޣަރަގުވެދާނެތީއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކުރިއާ އަޅައި ބަލާއިރު ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް މިހާރުވެސް ތިންގުނަ އިތުރެވެ.

މިދިޔަ އޮގަސްޓު މަހު އދ.ގެ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖުގެ ވޯކިން ގުރޫޕް (އައިޕީސީސީ) އިން ނެރުނު ރިޕޯޓުގައިވާ ގޮތުން 2030 ވަނަ އަހަރު އަންނަ އިރު, ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް އިތުރުވާނެއެވެ. އެ ރިޕޯޓުގައިވާ ގޮތުން މިހާރު ދުނިޔެ ހޫނުވަމުންދާ ރޭޓުން ދާނަމަ މި ގަރުނު ނިމޭއިރު, ދެ މީޓަރަށް އަދި 2150 ވަނަ އަހަރު ފަސް މީޓަރަށް ލޮނުގަނޑު އުފުލޭނެއެވެ. އެ ދުވަހުން ރާއްޖެ ފަދަ ބިންތިރި ގައުމުތައް ފެނުން މަތީގައި ފެންނާކަށް ނޯންނާނެއެވެ.

ދުނިޔެ ހޫނުވުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހޭނީ، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި އެންމެ ގިނައިން ފޮސިލް ފިއުލްސް ނުވަތަ ވިހަ ގޭސް ޖައްވަށް ބޭރުކުރަނީ ޗައިނާއިންނެވެ. ދެވަނައިގައި އެމެރިކާ އޮތް އިރު އަވަށްޓެރި އިންޑިއާ އޮތީ ލިސްޓުގެ ތިން ވަނައިގައެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާނަމަ އެންމެ އާބާދީ ބޮޑެތި، އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތަކެވެ. ކާރުހާނާތަކާއި ވެހިކަލްތައް ގިނަ ގައުމުތަކެވެ. މި ގައުމުތަކުން އެކުގައި، މަސައްކަތްކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރެވިއްޖެ ނަމަ އެކަމުގެ އަސަރު މުޅި ދުނިޔެއަށްވެސް ކުރާނެއެވެ. އެކަމުން ތަފާތު ފެންނަ ރަނގަޅު ނަތީޖާއެއް ނެރެވޭނެއެވެ. އެގައުމުތަކުން އިޔާދަކުރަނިވި ހަކަތައަށް ބަރޯސާ މިންވަރު އިތުރުކޮށް ތިމާވެއްޓާއި ރަށްޓެހި ގޮތްތައް އިހުތިޔާރުކޮށްފިނަމަ، ކޮޕް 26ގެވެސް މައިގަނޑު އަމާޒު ކަމުގައިވާ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަލްއަށް ވުރެ ދަށުގައި ބެހެއްޓުމަަށް އެހީއަކަށް ވެގެންދާނެއެވެ.

ދުނިޔެ ހޫނުވުމާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުޑަ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އަންނަނީ ނަމޫނާ ދައްކަމުންނެވެ. އިޔާދަކުރަނިވި ހަކަތައަށް ބޮޑު ހޭދައެއް ދިވެހި ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް 48 ރަށެއްގައި އިޔާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމްތައް ގާއިމުކޮށް އަންނަނީ ބޭނުން ކުރަމުންނެވެ. އަމާޒަކީ 2030 އަންނަންވާއިރަށް ނެޓް ޒީރޯގައުމަށް ރާއްޖެ ހެދުމެވެ. ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގައިވެސް ރާއްޖެ ވަނީ ނަމޫނާ ދައްކާފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހުން ފެށިގެން 8 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެއަށް ވަނީ އެތެރެކުރުން މަނާކޮށްފައެވެ. އަމާޒަކީ 2023ގެ ނިޔަކަށް ސިންގަލް ޔޫސްޑް ޕްލާސްޓިކާއި ދުރު ވެއްޓެއް ގާއިމުކުރުމެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި އަޅައި ބަލާއިރު ރާއްޖެއިން ވިހަ ގޭސްތައް ޖައްވަށް ދޫކުރާ މިންވަރު މަދެވެ. އެހެނެއްކަމަކު، ދުނިޔެ ހޫނުވުމުގެ ގެއްލުން، އެންމެ ބޮޑަށް ކުރާ ގައުމަކަށް ރާއްޖެ ވާނެއެވެ. އެހެން ގައުމުތަކުން އަންދާ ތެލާއި ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ޝިކާރައަކަށް ކުށެއް ނެތް ރާއްޖެ މިއަދު މިވަނީ ވެފައެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނަތީޖާއެއްގެ ގޮތުން އުފެދޭ ބޮޑެތި ބިޔަ ރާޅުތަކުގެ ޝިކާރައަކަށްވެ ބިރުވެރިކަމުގެ ތެރޭގައި އޮންނަން ޖެހޭ ގައުމަކަށް މި ކުޑަކުޑަ ރާއްޖެ މި ވަނީ ވެފަ އެވެ.