ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު އަންނަ އަހަރު ކަނޑައަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން، މިނިސްޓަރު ވިދާޅުވީ، އާސަންދަ ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމުގެ އިތުރުން، މާލީ ރައްކާތެރިކަން އިތުރުކޮށްދިން ނަމަވެސް، މި ނިޒާމަކީ ލިމިޓެއް ނެތި ހުޅުވާލާފައި އޮންނަ ނިޒާމެއްކަމުން، އިސްރާފަށް މަގުފަހިވާ ބައެއް ނުރަނގަޅު އާދަތަކަށް މަގުފަހި ކުރުވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެތަކެއް ދިވެހި ރައްޔިތުންނެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލުވެގެން ދިޔަ ނަމަވެސް، އެންމެ ފަރުދަކުވެސް ބާކީ ކުރުމެއް ނެތި، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާނެ ކަމަށެވެ. އެގޮތުގެމަތިން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޖުމުލަ 3.1 ބިލިއަން ރުފިޔާ ކަނޑއަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ސިއްހީ ހިދުމަތް ކަށަވަރުކުރުމަށްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު އާސަންދަ ސްކީމަށް 731 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާ ކަމަށެވެ.