އަންނަ އަހަރު 34 ބިލިޔަން ހަރަދު ކުރަން ހިމަނައި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ ހ. ގައިވާ ގޮތުގެމަތިން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައި ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ދަރަނި ނުވަތަ ޑެފިސިޓް ބަޖެޓެއް ކަމަށެވެ. އެއީ އުފެއްދުންތެރި ކަމުގެ ނިސްބަތުން 11.1 އިންސައްތަ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 24.3 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެ ކަމަށް މިހާރު ލަފާކުރެވޭ އާމްދަނީއާ އަޅައި ބަލާއިރު 23 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، 2022 ވަނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި ޕްލާސްޓިކް ބޭގް ޓެކުހެއް ތައާރަފުކުރުމާއި، ރިޒޯޓްތައް ހެދުމަށް އާ ރަށްތައް ދޫކުރުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް އިތުރަށް ފުޅާކުރުމާއި، ދިވެހިރާއްޖޭގެ ރަށްތަކުގައި ހިއްކޭ ބިމުގެ ވަކި އިންސައްތައެއް އާންމުންނަށް ވިއްކުމުގެ ސިޔާސަތު ތަންފީޒުކުރުން ހިމެނެއެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓް ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޓްރާންސްފަރ ކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސް ކުރަން ޖެހޭ 35.7 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ހޯދަން ޖެހޭ ފައިނޭންސިންގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައިވާއިރު އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ވަނީ ރޭވިފައެވެ. އަންނަ އަހަރު ރާއްޖެއިން ބޭރުގެ ފަރާތްތަކުން ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިނޭންސިން އަށް ބަލާއިރު، 200 މިލިއަން ޑޮލަރުގެ ޓްރެޒަރީ ސެކިއުރިޓީއެއް ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށް ވަނީ ރާވައިފައެވެ. އަދި 50 މިލިއަން އެމެރިކާ ޑޮލަރު އިނޮވެޓިވް ފައިނޭންސިން އިންސްޓްރޫމަންޓެއް މެދުވެރިކޮށް ހޯދުމަށްވެސް ވަނީ ހިމަނައިފައެވެ.

ބްލޫ، ގްރީން، ނުވަތަ ސޯޝަލް އިމްޕެކްޓް ބޮންޑެއް ވިއްކައިގެން ފައިސާ ހޯދުމަކީ މިކަމުގައި ހުރި ބައެއް އޮޕްޝަންތައް ކަމަށާއި، "މިފަދަ ބޮންޑަކުން މިވަގުތު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ހަލުވިކޮށް ފުޅާވަމުން އަންނަ އީއެސްޖީ އިންވެސްޓަރުން މެދުވެރިކޮށް ފައިނޭންސިން ހޯދުމަށް މަގުފަހިވެގެންދާނެ. މީގެ އިތުރުން ބަޖެޓު ސަޕޯޓުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު 2022 ވަނަ އަހަރު ހޯދުމަށް ރޭވިފައިވޭ،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ތެރޭގައި ދައުލަތުން ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ހަލުވި ވެ، ލޯނުން ހިންގާ މަޝްރޫއުތަކުގެ ޑިސްބަރސްމަންޓް އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާއި، އިންޑިއަން އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫއު ހިމެނޭ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރު ލޯނުން ހިންގާ މަޝްރޫއުތަކަށް 2.9 ބިލިއަން ރުފިޔާ ޑިސްބަރސްވާނެކަމަށެވެ.