އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން ސަސްޕެންޑް ކޮށްފައިވާކަން އެ ބޭންކުން ޔަގީންކޮށްދީފިއެވެ.

އެމްއައިބީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބޭންކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެމްއައިބީގެ ސީއީއޯ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެގޮތަށް ބޯޑުން ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބޯޑް މީޓިންގައި ކަމަށްވެސް ބުންޏެވެ.

ނަމަވެސް އޭނާ ސަސްޕެންޑްކޮށްފައިވަނީ ބަލަމުންދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ބޭންކުން ހާމަކޮށްފައެއްނުވެއެވެ.

ބޭންކުން ބުނީ ސީއީއޯ ސަސްޕެންޑް ކުރުމާ ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ސީއޯއޯ އަހުމަދު ރިޒާއާ ހަވާލުކުރެވިފައިވާ ކަމަަށެވެ.

ބޯޑަށް ނާންގައި 162،000 ޑޮލަރު (2.4 މިލިއަން ރުފިޔާ) އެހްތެޝާމް ނެގި މައްސަލައެއް ފެންމަތިވެ، އޭނާ ސަސްޕެންޑްކުރި ކަމުގެ އަޑުތައް މިދިޔަ ހަފުތާގައި ވަނީ ފެތުރިފައެވެ. ނަމަވެސް ބޭންކުން ވަނީ އެވާހަކަތައް މީގެ ކުރިން ދޮގުކޮށްފައެވެ.

އެމްއައިބީގެ އެމްޑީގެ މަގާމަށް އަބްދުލްމުހައިމިން ހަމަޖެއްސީ 2019 ވަނަ އަހަރެވެ. އޭނާއަކީ އިސްލާމިކް ފައިނޭންސިން ދާއިރާގެ ތަޖުރިބާކާރެކެވެ. ބަންގްލަދޭޝްއަށް އުފަން އަބްދުލް އެހްތެޝާމް ވަނީ މި ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވައިފައެވެ.

ދިވެހި ސަރުކާރާއި އައިސީޑީ ގުޅިގެން 2011 ވަނަ އަހަރު އުފެއްދި އެމްއައިބީ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕަބްލިކް ކުންފުންޏެކެވެ. އެ ބޭންކުން ވަނީ ކުންފުނީގެ 31 ޕަސެންޓު ހިއްސާ އާއްމުންނަށް ވިއްކައިފައެވެ.