ވާހަކަ

ވަކިވާން ޖެހުމުން - 12

ތަނަވަސް ސިޓިންރޫމްގެ މޭޒުގެ އެއް ފަރާތުގައި ހުރި ގޮޑިއެއްގައި، މަޑު ފިޔާތޮށިކުލައެއްގެ ފްރޮކެއްގައި އިން ވަށް ބޯޅައެއް ކަހަލަ ކުޑަ އަންހެނަކުއްޖާ އޭނާގެ އަތުގައި އޮތް ބާބީ ފަންސުރު އަނބުރަމުން ބޮޑު ދޮރާ ދިމާލަށް ކަނދުރާ ދަމަދަމާފައި ބަލަމުން ގެންދިޔައެވެ. ހީވާ ގޮތުން އޭނާ އެއިނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ.

"ދަރިފުޅާ… ނޯޔާ… އަދި ކިރިޔާ ތިންގަޑި ސާޅީސް ފަހެއް ވީ… މިސް ދުރުވާނީ ހަތަރެއް ޖެހީމައެއް ނޫންތަ…؟"

ބޮޑު ކޮޓަރި ހުރަސްކޮށް އަމިއްލަ ނިދާ ކޮޓަރިއާ ދިމާލަށް ދިޔަ ޒިޔާދު އޭނާގެ ދަރިފުޅަށް ބަލާލަމުން ބުނެލިއެވެ.

"ލައްބަ… މިސް އަންނަން ޖެހޭ ގަޑިއަކީ ހަތަރެއް… އެކަމަކު ނޯގެ މިސް އަބަދުވެސް ގަޑިއަށްވުރެ ކުރިން ދުރުވެއޭ…"

ޒިޔާދުގެ މުޅި ދުނިޔެއަކީ ނޯޔާއެވެ. ކިތަންމެ އެކަނިވެރި ދިރިއުޅުމެއް ވޭތު ކުރަން ޖެހުނަސް ނޯޔާގެ ބޯމައްޗަށް ދޮންމަންމައެއްގެ ހިޔާ އެޅެން އޭނާ ބޭނުމެއް ނުވެއެވެ. ނޯޔާއަކީ ހަމައެކަނި ދަރިފުޅެއް ނޫނެވެ. އެންމެ ފުރަތަމަ ފެނިލުމާއެކު އެމީހަކަށްޓަކައި ހިތާއި ޖާނުން ގުރުބާންވެވުނު ޒުލްފާގެ ދިރިހުރި ނިޝާނަކީވެސް ނޯޔާއެވެ. ޒަވާޖީހަޔާތުގެ އުމުރު ކިތަންމެ ކުރު ވިޔަސް ޒުލްފާގެ ފުރާނައިން ގުރުބާންވެގެން އޭނާއަށް ދިން މިހަދިޔާ އަގުނުކުރެވޭނެއެވެ. ބަލިވެ އިނުމަކީ ޒުލްފާގެ ސިއްހަތަށް ގެއްލުންހުރި ފުރާނައަށް ހުރި ނުރައްކަލެއްކަން އޭނާއަށް އޮތީ ނޭނގިއެވެ. އެއީ ޒުލްފާ ބޭނުންވި ގޮތެވެ. މިދަރިފުޅަށް އޭނާ ބޭނުންވެފައި ހުރިވަރު ޒުލްފާއަށް އެނގެއެވެ. އެހެންކަމުން ޑޮކްޓަރުންގެ އިރުޝާދާއި އިންޒާރާ ދެކޮޅަށް ޒުލްފާ މިދަރިފުޅު ދުނިޔެއަށް ގެނައީ އަމިއްލަ ފުރާނައާ ކުޅެގެންނެވެ. ޑޮކްޓަރުން ވަރަށް މަސައްކަތް ކުރިއެވެ. ވިހެއުމުގެ ތެރޭގައި ކޮންމެވެސް އެކެއްގެ ފުރާނައަށް ނުރައްކާވުން ވަރަށް ގާތްވާނެ ކަމަށް ޒުލްފާއަށް ކުރިންވެސް އޮތީ ނަސޭހަތް ދެވިފައެވެ. އެކަހަލަ ހާލަތެއް ދިމާވެއްޖެނަމަ ދަރިފުޅު ސަލާމަތް ކުރުމަށް ޒުލްފާ އޮތީ އެދިފައެވެ. އެންމެ ފަހުން ވިހެއުމުގެ ތެރޭގައި ޒުލްފާ ސަލާމަތްކުރުމުގައި ޑޮކްޓަރުން ނާކާމިޔާބުވީއެވެ.

ނޯޔާގެ ހުރިހާ ސިފައެއްހެން ވައްތަރީ މަންމައާއެވެ. ހީވަނީ ޒުލްފާގެ ޅަދުވަހުގެ ދިރިދިރި ހުންނަ ތަސްވީރެއްހެނެވެ. އުޅުމާއި ވާހަކަ ދެއްކުމާއި ބައެއް ކަހަލަ ބަސްތައް ބުނުމުގެ އިތުރަށް ގަޔާވާ އަދި ނުރުހޭ ކަންތައްވެސް ޒުލްފާއެކޭ އެއްގޮތެވެ.

ޒިޔާދުގެ އާއިލާއިން ޒުލްފާ ނިޔާވުމުން އަވަހަށް ތެޅިގަތީ ޒިޔާދު އެހެން މީހަކާ ދެވޭތޯއެވެ. ކުރިންވެސް އެ އެންމެން ޒިޔާދުގެ ކައިވެންޏާ ދެކޮޅެވެ. ޒުލްފާގެ ތަފާތު ރީތިކަމުގެ ސަބަބުން ޒިޔާދު ލޮލާއި ހިއްސު އަނދިރިވެ އައްސިވިޔަސް އެފަދަ ރަށްފުށުގެ އަންހެނަކާ އެއްގޮތަކަށްވެސް އެމީހުން ގަބޫލެއް ނޫނެވެ. ނޯޔާއަށް މަންމައެއްގެ ލޯބި ހޯދައިދޭން ޖެހޭނެކަމަށް ބުނެ ޒިޔާދަށް އެކިގޮތްގޮތުން ބުނެދީ ހަނދާންކޮށް ދިނުމުގެ އިތުރަށް އެތައް އަންހެން ކުދިންނަކާ ޒިޔާދު ބައްދަލު ކުރުވިއެވެ. އެހެންނަމަވެސް ޒިޔާދު އެކަމަކަށް އެއްބަހެއް ނުވިއެވެ. ނޯޔާއަށް އެއްވެސް ކަމަކުން މަދުވާކަށް ޒިޔާދު ނޭދެއެވެ.

ޒިޔާދު ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށްފަހު ގަމީސް ބަދަލުކޮށްލިއެވެ. ޓީޝާޓާއި ޖީންސްގައި ޒިޔާދު ފެންނަނީ އުމުރަށްވުރެ ހަނގުކޮށެވެ. ސާޅީހުގެ ފަހު އަހަރުތައް ގުނާ މީހަކަށް ވިޔަސް ޒިޔާދުގެ ސިފަ އާއި އުޅުމުން އުމުރުގެ އެދޮށީކަމެއް ނުފެނެއެވެ.

ކޮޓަރިން ނުކުތުމަށް ހުޅުވި ދޮރުން ބޭރަށް އެޅި ފިޔަވަޅު ހުއްޓުވާލީ ކުރިމަތިން ފެނުނު މަންޒަރެވެ. ނޯޔާގެ ހެވިދިއްލިފައިވާ މޫނެވެ. ނޯޔާއާ ދާދި ގާތުގައި ހުރި ގޮޑިއެއްގައި އިން ޝައުފާ ކޮންމެވެސް ވާހަކައެއް ބުނުމުން އެކަމާ ނޯޔާ އިނީ ވަރަށް އުފާވެފައިކަން އެނގެއެވެ.

"މިއަދު ކޮންކަހަލަ ސިއްރެއް ބުނާ ދުވަހެއްތަ…؟ ހީވަނީ ކޮންމެވެސް ބޮޑު ވާހަކައެއް ހެން… ނޯ ވެއިޓް ކުރާތާ ކިތަންމެ އިރެއް…" ނޯޔާ އާއި ޝައުފާ ޒިޔާދުގެ އަޑު އިވިފައި ބަލައިލިއެވެ.

"ޑެޑީއަކަށް ނުކެރޭނެ ޝާ އާންޓީ ކައިރީ ބުނާކަށް… މިހާރު ދެން ނޯ ކޮއްކި އަމިއްލައަށް މިބުނީ ޝާއާންޓީ މިގެއަށް މުޅީން އަންނާށޭ… ކޮއްކި ކުރިންވެސް ޑޭޑީ ގާތު ބުނިން ޝާ އާންޓީ މިގެއަށް ގެންނާށޭ… އެކަމަކު ޑެޑީ އެވާހަކައެއްވެސް ނުބުނަމެއްނު…"

ނޯޔާގެ ވާހަކަ އިވުމުން ޒިޔާދުގެ މޫނުގެ ކުލަ ފަޑުވެގެން ދިޔައެވެ. ނޯޔާ އެވަރުން ޝައުފާ ނައިސްގެން އިނީ ކީއްވެގެންކަން މިހާރު އޭނާއަށް އެނގިއްޖެއެވެ. ނޯޔާގެ މައުސޫމު ބަހުރުވައިން އެބުނާ ވާހަކަ އޭނާއަށް ކިތަންމެހާވެސް ރަނގަޅަށް އެނގެއެވެ. ވިސްނެއެވެ. އެކަމަކު އެއީ އޭނާއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ޝައުފާއަކީ އޭނާގެ ޕާސަނަލް ސެކްޓްރީކަން ގައިމެވެ. އެކަމަކު ނޯޔާ އެބުނާ ގޮތަށް ޝައުފާ މިގޭ މީހަކަށް ހަދާނީ ކިހިނެއް ހެއްޔެވެ. ޝައުފާގެ މޫނަށް ބަލާލަންވެސް ނުކެރިފައި ހުރި ޒިޔާދަށް ޝައުފާގެ އަޑު އިވުނީ ގާތް ގޮތަކަށެވެ.

"ނޯޔާ ދައްކާ ވާހަކައާ މެދު މާބޮޑަށް ހާސްވާކަށް ނުވާނެ… އެއީ ނޯގެ ޑްރީމްސް… ދޯ ނޯޔާ…؟"

ޝައުފާ ނޯޔާގެ ކުޑަ އަތުގައި ހިފާލިއެވެ. ވަރަށް ފަސޭހައިން ޝައުފާގެ އެވާހަކައަށް ނޯޔާ އެއްބަސްވިއެވެ. އެކަމާ ޒިޔާދަށް ހަމަޖެހުމެއް ލިބި އުފާވާސް ވިއެވެ. އޭނާ ހީކުރި ގޮތާއި މުޅިން ތަފާތެވެ. ހަމައެހެންމެ މައުލޫ ބަދަލުކޮށްލަން ޝައުފާ މާބޮޑަށްވެސް ހުށިޔާރެވެ.

ދުވަހުގެ ފިލާވަޅު މުޠާލިއާ ކުރަން ފެށުމުގެ ކުރިން ދުއާ ކިޔުމަށް ޝައުފާ، ނޯޔާއަށް ހަނދާންކޮށްދިނެވެ. ދުއާއަށްފަހު ޝައުފާ، ފިލާވަޅު ބުނެދޭން ފެށިއެވެ، ނޯޔާގެ ފަރުވާތެރިކަމާއި ފިލާވަޅަށް ސަމާލުވެއިންވަރު ފެނުމުން ޒިޔާދަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.

ފިލާވަޅު ބުނެދިނުމަށްފަހު އެއާ ގުޅޭ މަސައްކަތް ނޯޔާއާ ހަވާލު ކުރުމަށްފަހު ޝައުފާ ގޮނޑިން ތެދުވިއެވެ.

"ނޯގެ ޑެޑީއާ ވާހަކައެއް ދައްކަން މިދަނީ… މިސް އަންނަންވާއިރަށް ތި ސުވާލުތަކަށް ޖަވާބުދީ… ނޭނގޭ ނުވަތަ ނުވިސްނޭ ނަންބަރެއް ނަމަ ނުނިންމާ ބާއްވާ…"

ނޯޔާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި އަވަހަށް ފަންސުރު ނަގައިގެން ކަރުދާހުގައި ޖަވާބު ލިޔަން ފެށިއެވެ.

ޝައުފާ މަޑުމަޑުން ގޮސް ޒިޔާދު އިން ސޯފާގެ އެއްފަރާތުގައި ހުއްޓިލިއެވެ. އަތުގައި އޮތް ފޯނުން ކޮންމެވެސް ވިޔަފާރިއެއްގެ ހިސާބު ނިންމަން އިން ޒިޔާދަށް ޝައުފާ އައިސް ހުއްޓުނު ކަމެއްވެސް ނޭނގުނެވެ.

"ޒިޔާދު…" ޝައުފާގެ އަޑު އިވުމުން ޒިޔާދު ސިހިފައި ބަލާލިއެވެ. އަދި ހިނިތުންވެލަމުން ޝައުފާއަށް އިށީނުމަށް ސޯފާ ދެއްކިއެވެ.

"ހީވަނީ ނޯޔާ ދެއްކި ވާހަކައަށް ކަންބޮޑުވެފަ އިންހެން.." ޝައުފާ ސޯފާއެއްގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. އެވާހަކައަށް އެއްބަސްވުމުގެ ގޮތުން ޒިޔާދު ބޯޖަހާލިއެވެ.

"އެއީ އެހާބޮޑު ވާހަކައެއް ނޫނޭ… ޝައު އަކަށް މިގެއަށް ބަދަލެއް ނުވެވޭނެއެއްނު… ނޯޔާ އެބުނަނީ ކޮން މާނައެއްގައި ކަން ނޭނގުނަސް އެނގޭވަރަކީ ނޯ އެކަނި އުޅެން ޖެހޭތީ ދެރަވެ ފޫހިވާކަން…" ޝައުފާ ވާހަކަ ދެއްކިއެވެ.

"ނޯޔާއަކީ ވަރަށް ވިސްނުން ތޫނު ހިޔާލު ތަނަވަސް ކުއްޖެއް… އެގޮތަށް އެކަހަލަ އައިޑިޔާ އަންނަނީ އަސްލު ޒިޔާދު ތިގޮތަށް އެކަނި އުޅޭތީ… ޒިޔާދުދެކެ ނޯ ވަރަށް ލޯބިވޭ… އެހެންވެ ޒިޔާދަށް އެކުވެރިޔަކު ހޯދައިދޭ ހިތުން ނޯޔާ އެކަހަލަ ވާހަކަ ދައްކަނީ…"

ޒިޔާދު ބޯހަލުވާލިއެވެ. އެއީ އޭނާއަށްވެސް އެނގޭ ވާހަކައެކެވެ. އެކަމަކު ނޯޔާއަށް އެއްވެސް ކަމަކުން ދަތި ވާނެފަދަ ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ޝައުފާއަށް އޭނާގެ މިވިސްނުން ކިތަންމެހާވެސް ކަމުދިޔައެވެ. އަދި ނޯޔާއަށް ވިސްނައިދޭނެ ކަމަށް އެއްބަސްވިއެވެ.

ޝައުފާ ތެދުވެގެން ދިޔައީ ނޯޔާ ގޮވަން ފެށުމުންނެވެ. "އެހާ ކަންބޮޑު ނުވެ ހަމަޖެހިލާ… ޝައު ނޯޔާއަށް ވިސްނައިދޭނަން…" ޝައުފާ ވައުދުވިއެވެ.

*****^********************^***

މިއަދަކީ ބޮޑު ދުވަހެކެވެ. ހާއްސަ ދުވަހެކެވެ. ދިގުލައިގެން ދިޔަ، އެންމެ ސާދަ ދުވަހުގެ އިންތިޒާރަށް ނިމުމެއް އަންނަ ދުވަހެވެ… ހެނދުނުއްސުރެ ޝައުފާ އޭނާގެ ކޮޓަރީގެ އެކި ކަންތައްތަކުގައި ހޭލަމޭލަވެގަނެގެން އުޅެއެވެ. އަދު ހަވީރުގެ ފްލައިޓުން އެ އަންނަ މީހާގެ މޫނު ދުށުމަށް އޭނާ ވަނީ ކެތްމަދުވެފައެވެ.

ޝާމިނަށް އެންމެ މީރުހެން ހީވާ ދެތިން ވައްތަރެއްގެ ކާއެއްޗެއްވެސq ޝައުފާ ތައްޔާރު ކުރިއެވެ. ކޮޓަރީގެ ތަރުތީބު ބަދަލުކުރިއެވެ. އެނދުގެ މިލަފޭއްޔާއި ފަލަނގުފޭއްޔަށް ދާނދެން ބަދަލުކުރި އިރު އެއާ ގުޅޭ ރީތި ކަވަރު ބާލީހަށް ލެއްވިއެވެ. މޭޒުމަތި ޒީނަތްތެރި ކުރުމަށް ބެހެއްޓިފައި ހުރި މެރިޓޭޓް ލޭމްޕަށް މީރުވަސްދުވާ އެސެންޝަލް އޮއިލް އަޅައި ދިއްލިއެވެ. ހަވީރު ހަތަރުގަޑި ބަޔަށް ފެންވަރައި ތާޒާ ވެލައިގެން ދާދި ދެންމެއަކު ފޮޅުނު މަލެއްހެން ފަރިވާން ފެށިއެވެ.

ޝާމިނަށް އެންމެ ރީތިކުލަތަކުން ކުލައެއްގެ މިޑީއެއް އޭނާ މިއަދަށްޓަކައި ފެއްސީ އެންމެ ރީތި ގަޔަށް ހެޔޮވަރު ގޮތަކަށް ފެޝަން ޑިޒައިނަކަށެވެ.

ވިލުނޫކުލަ އާއި ފެހިކުލައެއްގެ މަންޒަރުތަކެއްގެ ފޮއްޗަކުން ފަހާފައިވާ މިޑީގައި އުނަގަޑާ ދިމާލުން ފަހަތަށް ހުރި ރިބަން ބަންދުން ޓައީއެއް ޖެހުމަށްފަހު އިސްތަށިގަޑު ފުނާއަޅައި ފުރަގަހަށް ދޫކޮށްލިއެވެ. ލޮލުގައި އަދުން އަޅައި ތުންފަތުގައި ކުލަހާކައި އާދައިގެ ކުޑަގޮތަކަށް މޭކަޕް ކޮށްލުމަށްފަހު ސެންޓް ޖެހިއެވެ. މިހާރު އޭނާ އެހެރީ ފޯން ރިންގުވުމުގެ އިންތިޒާރުގައެވެ.

ހަތަރުގަޑި ފަންސަވީސް މިނެޓްވިތަނާ ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑު އިވިއްޖެއެވެ. މިގަޑީގައި އެއައީ ކޮންފަދަ މީހެއްބާވައެވެ. އޭނާ ހިތްހަމަނުޖެހިފައި ތުންތަޅުވައިގަތެވެ. އަނެއްކާވެސް ޓަކި ޖެހި އަޑު އިވިއްޖެއެވެ.

ދޮރު ހުޅުވާލި ވަގުތު ރިންގްވި ފޯނަށް ދެވުނު ނަޒަރުން ޝައުފާގެ ކަޅި ދޮރު ކުރިމަތީ ހުރި މީހާގެ މޫނުން ކައްސާލިއެވެ. ހަމަ އެންމެ ފަހަރަކު ރިންގްވެފައި ފޯން ކެޑިއްޖެއެވެ. ހުޅުވިދޮރާއި މެހްމާނު މަތިން ހަނދާންވެފައި ޝައުފާ އަވަހަށް އެދިމާއަށް ސަމާލުކަން ދިނެވެ.

"…ޝަޝަޝާމިން… ވަޓް އަ ހިއުޖް ސަޕްރައިޒް… އޯމައި.. ޔާރައްބީ… މިއީ ކާކު…؟ ވާހް… މާޝާالله… ސުބްޙާނަالله…"

ދޮރު ލައްޕާލަމުން އެތެރެއަށް ވަދެ ލޮލުގައި ހުރި އަވި އައިނު ނަގަމުން ހިނިތުންވެލުމަކާ އެކު ޝައުފާއާ ދިމާލަށް ދެއަތް ހުޅުވާލި، ހުދުކުލައިގެ ބޮޑެތި ރޮގުދެމި ގަމީހާއި ޖީންސްގައި ހުރި ޝާމިން ފެނުމުން ޝައުފާއަށް ރޮއިގަނެވުނެވެ. ހަމައެންމެ ސާދަ ދުވަސްތެރޭ އެވަރު ބަދަލެއް ފެނުމުން އޭނާގެ ތަލިން ކުޅު ހިކިއްޖެއެވެ. ދެހަފުތާ ކުރިން ފުރައިގެން ދިޔަ ޝާމިނާއި މިހާރު އޭނާގެ ކުރިމަތީގައި އެހެރަ ޝާމިނު އެއީ އެކަކު ކަމަށް ގަބޫލު ކުރަން ހަމަ ވަރަށް ދައްޗެވެ.

"ވަރަށް ތަފާތު ދޯ…!"

"ވަރަށް ވަރަށް ހަމަ ވަރަށް… ރީތި ހޭންޑްސަމް…"

"އޯލް ދަ ކްރެޑިޓް ގޯސް ޓު ޔޫ މައި ޑަރލިން… ނައު ގިވް މީ އަ ހަގް... މެޑަމް ޝައު…!"

ޝާމިނާ ކަރާ ކަރު ޖައްސައި ސަލާމް ކޮށްލި ވަގުތު ޝައުފާގެ އެސްފިޔަތައް ތެމުނެވެ. އުފަލުން ގޮސް ހިތްފުރިގެން އައީއެވެ… ހަމަ އެހެންމެ ޝާމިންގެ ހާލަކީވެސް އެއީއެވެ. ޝާމިންގެ އެސްފިޔަތަކުގައިވެސް ތެތްކަމެއް ހުއްޓެވެ. އެއީ އުފަލުގެ ކަރުނައިގެ ތެތްކަމެވެ.

(ނުނިމޭ)