ރ. މަޑުއްވަރީ ސުކޫލުގައި މި އަހަރުގެ ކުރީކޮޅުން ފެށިގެން ޕްރިންސިޕަލަކު ނެތި ހިންގާ މައްސަލައިގައި ސުވާލު ކުރުމަށް, އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފިއެވެ.
ޑރ. އައިޝަތުއާ ސުވާލު ކުރަން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު އެވެ.
އާދަމް ޝަރީފު މިނިސްޓަރާ ސުވާލު ކުރަން ހުށަހަޅުއްވާފައިވަނީ، މި އަހަރުގެ ކުރީކޮޅުން ފެށިގެން ޕްރިންސިޕަލެއް ނެތި މަޑުއްވަރީ ސުކޫލް ހިންގަމުންދާތީ، އެ ސުކޫލަށް ޕްރިންސިޕަލަކު ލިބޭނީ ކޮން ތާރީހަކުތޯ އާއި އެ ސުކޫލަށް ޕްރިންސިޕަލެއް ނުލިބިގެން އުޅެނީ ކީއްވެގެންތޯ ސާފު ކުރުމުގެ ބޭނުމުގައެވެ. އަދި މަޑުއްވަރީގެ އިތުރުން ޕްރިންސިޕަލުން ނުލިބޭ ރަށްރަށް، ނުވަތަ ޕްރިންސިޕަލުން ހަރުލުން ދަތި ރަށްރަށާމެދު ރާވާ ގޮތަކާ ބެހޭގޮތުންވެސް އާދަމް ޝަރީފު ސުވާލު ކުރައްވަން ވަނީ ހަމަޖައްސައިފައެވެ.
ޑރ. އައިޝަތު އަލީ އާ ސުވާލުކުރުމުގެ ނޯޓިސް ފޮނުވާފައިވާކަން ހާމަކުރައްވައި އާދަމް ޝަރީފު ވިދާޅުވީ، މިއަހަރުގެ މޭ މަހުން ފެށިގެން މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލަކު ނެތް ކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއް ކަމަށާއި، ހާއްސަ އެލެވެންސެއް ދީގެން ނަމަވެސް ރަށްރަށުގައި ރަނގަޅު ޕްރިންސިޕަލުން ތިބޭނެ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ޕްރިންސިޕަލުން ހަރުނުލާ ސަބަބު އެޑިއުކޭޝަން މިނިސްޓްރީން ބަލަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު