ރާއްޖޭގެ މަސްވެރީންނާއި ދަނޑުވެރީން މިއަދު ތަހަމަލު މިކުރާ ނޭދެވޭ ކަންކަމަކީ މޫސުމީ ބަދަލުތަކުގެ ނަތީޖާ ކަމަށް މިނިސްޓާ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ "ވަން" އޮންލައިންގެ "އެކްސްކްލޫސިވް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ، ކްލައިމެޓް ޗޭންޖްގެ ސަބަބުން ރާއްޖޭގެ ފަރުތައް މަރުވުމާ ގުޅިގެން ދިމާވާ ކަންކަމުގެ ތެރެއިން އެެންވެރިކަމަށް އެކަމުގެ ސަބަބުން އަސަރު ކުރާ ކަމަށެވެ. އޭގެ އިތުރުން އެކަމުގެ ނޭދެވޭ އަސަދު ރާއްޖޭގެ ދަނޑުވެރިކަމަށް ކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޑެންގީ ހުން ވަކި ދުވަސްވަރެއް ނެތި މި ފަހަކަށް އައިސް ފެތުރެން ދިމާވާ ކަމަށް މިނިސްޓަރުޔ ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ހުރިހާ ކަމަކީ ވެސް މޫސުމީ ބަދަލުތަކާ ގުޅިގެން އަންނަ ކަންކަން ކަމަށެވެ.

ރާއްޖެއަށް ދިމާވާ ތިމާވެށީގެ މައްސަލަތައް ފާހަގަ ކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ، އެކަންކަން ހައްލު ކުރުމަށް ބޭނުންވާ ފައިސާ، ހިލޭ އެހީގެ ގޮތުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ހޯދުމުގެ މަސައްކަތް، ގްލަސްގޯގައި މާދަމާ ފަށާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26) ސަމިޓްގައި ކުރައްވާނެ ކަމަށެވެ.

މާދަމާ ފަށާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ފުރާވަޑައިގެންފަ އެވެ. މި ސަމިޓުގައި ރައީސް ސޯލިހު ތަގުރީރުވެސް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮޕް ސަމިޓަކީ ތިމާވެށީގެ މައްސަލަތަކާ މެދު މަޝްވަރާ ކޮށް ހައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ބޮޑު ސަމިޓެވެ. މި ފަހަރުގެ ސަމިޓުގައި ދުނިޔޭގެ 120 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިހާ ތަނަށް ވަނީ ޔަގީން ވެފަ އެވެ.