ރާއްޖެ އައުމުން އެކަމަށް މަރުހަބާ ކިޔައި، ތައާރަފު ވެލި ހިސާބުންވެސް ގައުމީ ޓީމުގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ފުރަތަމަވެސް ބުނީ "އިނގިރޭސި ރަނގަޅަށް ނޭނގޭ،" ކަމަށެވެ. އެއީ އުނދަގޫ ކަމަކަށް ވާ ނަމަވެސް، ކޯޗު މޮރިއޭރޯގެ "ބަހުރުވައަކީ ފުޓުބޯޅަ"އެވެ. މޮރިއޭރޯގެ ޝައުގު ފުޓުބޯޅަ އާއި ގުޅެނީ ޔޫރަޕްގެ އެންމެ ފުޓުބޯޅަ ގައުމުތަކުންނެވެ. އެންމެ ވަރުގަދަ ލީގުތަކުންނެވެ. "ލަނޑު ޖަހާ ކުޅުންތެރިންޔާގެ ބޫޓް ސާފުކޮށްދޭ،" އައިކޯނިކް ސެލެބްރޭޝަނުން މޮރިއޭރޯ އިޓަލީ އަށް މަގުބޫލުވެގެން ދިޔައީ ތަރިންގެ އިންޓަ މިލާނުންނެވެ. މޮރިއޭރޯ ރާއްޖެ އަންނަން ނިންމި ހިސާބުން ދިވެހީންގެ ލޮލުގައި އަޅައިގަތީވެސް އޭނާ އިންޓަ މިލާން ޖާޒީގައި ބްރެޒިލްގެ ލެޖެންޑް، ރޮނާލްޑޯގެ ބޫޓު ސާފު ކޮށްދޭން އިންނަ ފޮޓޯގެ ތެރެއިންނެވެ.

މޮރިއޭރޯގެ ފުޓުބޯޅަ ކެރިއަރަކީ އިޓަލީގެ ލެސޭއިން 1986 ވަނަ އަހަރު ފެށި ކެރިއަރެކެވެ. އެއީ އޭނާގެ ހޯމް ޓައުންއެވެ. ޒުވާން އުމުރުގައި ހޯމް ކްލަބުގެ ޔޫތު ސިސްޓަމުގެ ތެރެއިން ޕްރޮފެޝަނަލް ފުޓުބޯޅައަށް އައިސް އޭނާ ވަނީ އިޓަލީގެ ޝަރަފުވެރި ގައުމީ ޓީމާ ހަމައަށް ގޮސްފައެވެ. ކަނާތް ފަޅީގެ އަރިމަތިން ހަލުވި، ޓެކްނިކަލް ކުޅުމެއް ދައްކަމުން ދިޔަ ހުނަރުވެރި ފޯވަޑް މޮރިއޭރޯ ލެސޭއިން ކަގިލިއަރީ އަށް ބަދަލުވެ، ދެން ކުޅުނީ ރޯމާ އަށެވެ. އޭނާ 1997 ވަނަ އަހަރު އިންޓަ މިލާނަށް ބަދަލުވީ އެ ކްލަބުގެ ރަން ދުވަސްވަރުގައެވެ. އިންޓައާއެކު މޮރިއޭރޯ ވަނީ ޔޫއެފާ ޔޫރޮޕާ ލީގު، އޭރުގެ ނަމުންނަމަ ޔޫއެފާ ކަޕް ކާމިޔާބު ކޮށްފައެވެ.

މޮރިއޭރޯއާއެކު އިންޓައަށް ކުޅުނު މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ އާއި އާޖެންޓީނާގެ ހާވިއާ ޒެނެޓީވެސް ހިމެނެއެވެ. އިންޓައަށްފަހު ނަޕޯލީއަށްވެސް ދެއަހަރު ދުވަހު މޮރިއޭރޯ ކުޅެފައިވާއިރު، ފުޓުބޯޅަ ސިކުނޑިއެއްގެ މޮރިއޭރޯ އިޓަލީ ގައުމީ ޓީމަށް އަށް މެޗު ކުޅެފައިވެއެވެ. ގައުމީ ޓީމުގައި އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 1998 ވަނަ އަހަރު ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުމެވެ. އެފަހަރު ވޯލްޑް ކަޕުން އިޓަލީ ކެޓީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ބަލިވެގެންނެވެ.

ޔޫރަޕްގެ އެންމެ މަތީ ފަންތީގައި މޮރިއޭރޯ ކުޅުނު ނަމަވެސް ރާއްޖެއަކީ އޭނާގެ ތަޖުރިބާމަދު ކޯޗިން ކެރިއަރަށް އާ ސަފުހާއެކެވެ. ކޯޗިންގައި މޮރިއޭރޯއަކީ އޭޝިއާގެ ފުޓުބޯޅައަށް އާ މޫނެކެވެ. 2006 ވަނަ އަހަރުން ފެށިގެން ކޯޗުކަމަށް ވަދެ، އޭނާ ވަނީ އެފްރިކާގެ ބައެއް ކްލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރޭގައި އައިވޮރީ ކޯސްޓުގެ އެފްރިކާ ސްޕޯޓްސް ހިމެނެއެވެ. އޭގެ ފަހުން އިޓަލީގެ ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް މޮރިއޭރޯ ކޯޗު ކޮށްދީފައިވާއިރު، އޭނާ ވަނީ ސެރެއާ ބީގެ ކްލަބުތައް ކަމަށްވާ ފްރޮންސިނޯން އާއި ގްރޮސެޓޯ އަދި ލެސޭއަށްވެސް ކޯޗު ކޮށްދީފައެވެ. މިރިއޭރޯ އެންމެފަހުން 2020 ވަނަ އަހަރު ޑިސެމްބަރު މަހު ކޯޗުކަން ކޮށްދިނީ އަލްބޭނިއާގެ ކްލަބު ޑައިނަމޯ ޓިރާނާ އަށެވެ.

ކޯޗިންގެ އާ ސަފުހާއެއް ފުރަން މޮރިއޭރޯ ބޭނުންކުރާނެ ހަތިޔާރަކީ ކުޅުންތެރިއެއްގެ ތަޖުރިބާއެވެ. ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައިވެސް "ކުޅުންތެރިއެއްގެ ގޮތުގައި ކުޅެ، ކުޅުންތެރިންނާއެކު ފަރިތަކުރުންތަކުގައި އެކްޓިވް"ކޮށް ކޯޗު މޮރިއޭރޯ ފެންނަ ފެނުމަކީ އޭނާގެ ފުޓުބޯޅައަށް ހުރި ލޯތްބެވެ.

"އިނގިރޭސި ނޭނގުނަސް ވަރަށް ބޮޑަށް ކޯޗު ކަންކަން އޮޅުން ފިލުވައިދޭ. ވަރަށް ބޮޑަށް އެކްޓިވް ކޮށް މަސައްކަތް ކުރަނީ. ތަމްރީނުތަކުގެ ތެރެއަށް ވަރަށް ބޮޑަށް ޑެމޯ ދައްކާ. ވަރަށް ފުޓުބޯޅައިގެ ތެރޭގައި އުޅޭ، ފުޓުބޯޅައަށް ލޯބިހުރިކަން ކޯޗުގެ ފަރިތަކުރުންތަކުން އެނގޭނެ،" ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) "ވަން"އަށް އެކްސްކްލޫސިވްކޮށް ވާހަކަ ދައްކަމުން ގައުމީ ކޯޗުގެ ފަރިތަކުރުން ތަކުގެ ވާހަކަ ކިޔައިދެނެވެ.

"ކޯޗު ހުރިހާ ކަމެއްވެސް އަމަލުން ދައްކަ ދޭތީ ކުޅުންތެރީންނަށް ވަރަސް ފަސޭހަ. އެންމެ މަތީ ލެވެލްގައި ކުޅެވެފައި ހުރީމަ އެ ތަޖުރިބާ ބޭނުން ކުރެވޭނެ. ހާއްސަކޮށް ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ދަސްކުރަން މިއީ ވަރަށް ރަނގަޅު ފުރުސަތެއް،" އަކޫ ބުންޏެވެ.

އިޓަލީގެ ސްޓައިލަކީ ޑިފެންސިވް ފުޓުބޯޅައެއް ނޫނެވެ. އެހެންނަމަވެސް އިޓަލީގެ އެންމެ ބޮޑު ހަތިޔާރަކީ ޑިފެންސް ވަރުގަދަ ކުރުން ކަމަށް ބުނެވިދާނެއެވެ. ކޮޅަށް ވަންނަ ގޯލު މަދުކޮށް، އެޓޭކިން ސްޓައިލަކަށް އިޓަލީ ކުޅޭ ކުޅުމަކީ މޮރިއޭރޯގެ ސްޓައިލެވެ. ރާއްޖޭގެ ކޯޗު މޮރިއޭރޯގެ ނަޒަރިއްޔާތަކީ އިޓަލީގެ ކޯޗު ރޮބާޓޯ މަންޗީނީގެ ނަޒަރިއްޔާތުކަން ރާއްޖެ އައިސް ހުރެ އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

"އަހަރެން ގެންނަން ބޭނުންވާ ފިލޯސަފީއަކީ އިޓަލީގެ ފިލޯސަފީއެއް. އިޓަލީގެ ގޭމް. އެހެންނަމަވެސް އެކަން ކުރާނީ ކުޅުންތެރިންނަށް އެކަށޭނެ ގޮތަކަށް. އަހަރެންގެ ކޯޗިންގައި އަބަދުވެސް ބޭނުންކުރާ އައިޑިއާއަކީ މަންޗީނީގެ އިޓަލީ ސްޓައިލް. އެއީ އަހަރެންގެވެސް ސްޓައިލް. އެޓޭކިން ސްޓައިލެއް ގެނެވޭތޯ ބަލާނީ،" އިޓަލީގެ ކާމިޔާބު ކޯޗު މަންޗީނީއާއެކު ކޯޗިން ތަމްރީނުތަކުގައި ހަރަކާތްތެރިވި މޮރިއޭރޯ ބުނެފައިވެއެވެ.

އެ މަސައްކަތް މިހާރުވެސް މޮރިއޭރޯ ފަށައިފިއެވެ. އެންމެ އިސްކަމަކަށް ބަލަނީ ޑިފެންސް ރަނގަޅުކޮށް، ސްޓޭބަލް ކުރުމަށެވެ. ޓަފް ޓީމެއްގެ ސިފަ ޖެއްސުމަށް އެއީ މުހިއްމު ކަމެއް ކަމަށް ކުޅުންތެރިންވެސް ދެކެއެވެ.

"ކޯޗު ސީދާ ނުބުނޭ އިޓަލީގެ ފުޓުބޯޅައިގެ ވާހަކައެއް. އެކަމަކު ޑިފެންސިވް ވޯކް، ޑިފެންސް ރަނގަޅުކޮށް ކުޅުން ސްޓޭބަލް ކުރަން މިހާރުވެސް މަސައްކަތް ފަށައިފި. ވަރަށް ޕޮޒިޓިވް ކޮށް ފެންނަނީ. ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެން ފެންނަނީ. ކޯޗާއެކު ފެންނާނެ ސްޓައިލެއް އަދި ބުނަން ނޭނގޭނެ. އެކަމަކު ޔަގީންކަމެއް އެއީ ތަފާތު ތަކެއް ފެންނާނެކަން. އާ ކަންތައްތަކެއް ފެންނާނެކަން،" މޮރިއޭރޯގެ ސިސްޓަމާ ގުޅޭ ގޮތުން ކެޕްޓަން އަކޫ ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުން އެންމެފަހުން ކުޅުނު ސާފް ޗެމްޕިއަންޝިޕަށް ނުކުތީ ދިވެހި ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގެ ދަށުގައެވެ. ސުޒޭން ޓީމާ ހަވާލުވީ ކެއާ ޓޭކާ ކޯޗެއްގެ ގޮތުގައެވެ. އޭގެ ކުރިން ކޯޗަކަށް ހުރީ ނެދަލޭންޑްސްގެ މާޓިން ކޫޕްމަންއެވެ. ކޫޕްމަންގެ ކޮންޓްރެކްޓް އުވާލަން އެފްއޭއެމުން ނިންމީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ފަހު ގައުމީ ޓީމުގެ ކޯޗާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެކެވިގެން ދެ ފަރާތް އެއްބަސްވެގެންނެވެ.

ގައުމީ ކޯޗަކަށް ކޫޕްމަން ގެނައީ އެންމެ ފަހުން އެ މަގާމުގައި ހުރި ޕީޓާ ސެގާޓް ވަކިކޮށްފައެވެ. ސެގާޓް ވަކިކުރީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހުއެވެ. ސުޒޭންގެ ކުރިން ހުރި ކޫޕްމަން އަކީ މިދިޔަ ހައެއްކަ އަހަރު ތެރޭ ގައުމީ ޓީމުގެ ކޯޗުކަން ގެއްލުނު ބިދޭސީ ފަސް ވަނަ ކޯޗެވެ. ކޫޕްމަން އާއި ސެގާޓްގެ އިތުރުން ދެން ގައުމީ ޓީމަށް އެ މުއްދަތުގެ ތެރޭގައި އިރުޝާދު ދިނީ ވެލީޒާ ޕޮޕޯފް، ރިކީ ހާބަޓް އަދި ޑަރެން ސްޓެވާޓްއެވެ.

އަވަސް އަވަހަށް ގައުމީ ކޯޗު ބަދަލުވަމުން ދިޔަ ދިޔުމާއެކު ގައުމީ ކޯޗުގެ ގޮނޑި މިހާރު "ހޫނު" ވެއްޖެއެވެ. އެއީ ޕްރެޝަރުގެ ގޮނޑިއަކަށް ވެއްޖެއެވެ. އެހެން ނަމަވެސް ކެޕްޓަން އަކޫގެ ނަޒަރުގައިވެސް ކޯޗަށް ވަގުތު ދޭން ޖެހެއެވެ. ކޯޗެއްގެ ފިލޯސަފީ ޓީމަކަށް ގެންނަން ބޭނުންވާ ވަގުތު ދިނުމަކީ ހެޔޮ ބަދަލަކަށް ވާނެ ކަމަށް އަކޫ ބުންޏެވެ.

"މީހުން އުންމީދު ކޮށްފާނެ ލަންކާ މުބާރާތުގައި މި ތަމްރީނުތަކުގެ ފުރިހަމަ ނަތީޖާ ފެންނަން. އެކަމަކު އެ ހިސާބަކުން ނޫން އަދި ނަތީޖާ ފެންނާނީ. އެ މުބާރާތަށް ޓީމަށް ކޯޗުގެ ފުރިހަމަ ބަދަލު ނުގެނެވިދާނެ. ވަގުތު ދިނުން އެންމެ މުހިއްމު ކަމަކީ. ވަގުތު ދީގެން ކޯޗުންނަށް ނަތީޖާ ނެރެވޭނީ،" އަކޫ ބުންޏެވެ.

މޮރިއޭރޯއަށް ރާއްޖޭގެ ކޯޗުކަމުގައި ފުރަތަމަ ނުކުންނަން ޖެހޭނީ ކުރިއަށް އޮތް މަހިންދަ ރާޖަޕަކްސާ ކަޕަށެވެ. ލަންކާގައި އޮންނަ އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ލަންކާ އާއި ޝީޝެލްސް އަދި ބަންގުލަދޭޝް އެވެ. ޓީމުގެ ރޫހު އޮތީ މުބާރާތް ކާމިޔާބު ކުރުމަށެވެ. ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސަޕޯޓަރުންނަށް ލިބުނު މާޔޫސް ކަމުގެ ބަދަލު ދޭން ޓީމު އޮތީ ތައްޔާރަށެވެ.

"އަނެއްކާވެސް މުބާރާތަކަށް ސަޕޯޓަރުންނަށް ބުނެލަން އޮތީ، ހިތްވަރާއެކު ދެމި ތިބޭށޭ. ހަގީގަތުގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ދިން ވަރުގަދަ ސޕޯޓަރު ދުވަހަކުވެސް ހަނދާން ނުނެތޭނެ. އެއީ ހަޔާތުގައިވެސް ފެނުނު އެންމެ ފޯރިގަދަ ސަޕޯޓު. ފުޓުބޯޅަ ހަޔާތުގައި އަދި ނުދެކެން އެހާ ބޮޑު ސަޕޯޓެއް. ދިވެހީންގެ ހައްގުގައި އެ ތަށި ނުހޯދުނީމަ ވަރަށް ދެރަވި. ތަށި ހޯދުމުގެ ކެޕޭސިޓީ އެބަހުރި. އިރާދަކުރެއްވިއްޔާ އެކަމަށް ކެނޑިނޭޅި ކުޅުންތެރިން މަސައްކަތް ކުރާނެ،" ލަންކާ މުބާރާތަށް ރޫހުގައި ހުރި ކެޕްޓަން އަކޫ ބުންޏެވެ.

ކޯޗު މޮރިއޭރޯއާއެކު ގައުމީ ޓީމު ފެށީ އާ ދަތުރެކެވެ. އެ ދަތުރުގެ ވިސްނުން ތަފާތެވެ. އިޓަލީގެ ފިލޯސަފީ އާއި މޮރިއޭރޯ ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި ތަޖުރިބާގެ ނަޒަރުންނެވެ. ބަދަލެއްގެ ކޮޅު މައްޗަށް ރާއްޖޭގެ ފުޓުބޯޅަ ހުޅުވިގެންދާއިރު، މިއީ ގައުމީ ޓީމަށް ވަގުތު ދީ ހިތްވަރު ދޭން ޖެހޭނެވެސް ވަގުތެކެވެ. އެފްއޭއެމްއިން ފުޓުބޯޅަ ކުރިއަރުވަން މެގަ ޕްރޮޖެކްޓެއް އިއުލާން ކޮށްފައިވާއިރު، ކޯޗު މޮރިއޭރޯ އަށާއި، ޕްރޮޖެކްޓަށްވެސް ވަގުތު ދޭން ޖެހެއެވެ. ނަތީޖާއަށް ބަލަން ވަގުތު ދީ، ނަތީޖާ ނާންނަނަމަ އެވާހަކަވެސް ދައްކަން ޖެހެއެވެ. އެއީ ފުޓުބޯޅައިގެ އުސޫލެވެ. އެއީ ކަން ހިނގާނެ މަގެވެ. މޮރިއޭރޯގެ ބަދަލަށް އިންތިޒާރު ކުރަމާ ހިނގާށެވެ.