ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ނުކުރައްވާ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ޒެނީޝާގެ ޖެންޑާ މިނިސްޓަރުކަމުގައި ކުޑަކުދިންގެ ހިޔާގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކުރިކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފައެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވީ އެޗްއާރުސީއެމުންނެވެ.

އެކަމާ ގުޅިގެން ޒެނީޝާ، އޭނާގެ ފޭސްބުކް އެކައުންޓުގައި ހިއްސާ ކުރައްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވެފައިވެސް ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެޗްއާރުސީއެމުން އެ ބުނާ މައްސަލައަކީ ޒާތީ ތައައްސުބުން އުފަން ކޮށްފައިވާ އަދި ސައްހަ ނޫން އަސާސެއްގެ މައްޗަށް ބިނާވެފައިވާ މައްސަލައެއް ކަމަށެވެ. އަދި އެއީ ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ހިފަައިގެން ހިންގުވާފައިވާ، އަދި ގާނޫނީ ހަމަތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ހަރަކާތެއް ކަމަށްވެސް ވިދާޅުވިއެވެ.

ޒެނީޝާ އިތުރަށް ވިދާޅުވީ، އެ މައްސަލައިގައި އޭނާގެ ފަރާތުން އިތުރު މައުލޫމާތު ހިއްސާކުރާނީ އޭނާގެ ގާނޫނީ ވަކީލުންގެ ގޮތުގައި އައްޔަންކޮށްފައިވާ ޕްރިމިއާ ޗެމްބާޒް އެލްއެލްޕީ މެދުވެރިކޮށް ކަމަށެވެ.