ދުނިޔެ

ފޭސްބުކުގެ ނަން ''މެޓާ'' އަށް ބަދަލުކުރިކަން އިއުލާނުކޮށްފި

ފޭސްބުކްގެ ނަން ''މެޓާ'' އަށް ބަދަލުކުރިކަން އެކުންފުނިން ރޭ އިއުލާނުކޮށްފިއެވެ.

ފޭސްބުކްގެ ނަން މެޓާ އަށް ބަދަލުކުރިކަން އިއުލާނުކޮށްފައިވަނީ އެކުންފުނިން ލައިވްސްޓްރީމް ކުރި ފޭސްބުކް ކަނެކްޓް އެންޑް ވާޗުއަލް ރިއަލިޓީ ކޮންފަރެންސެއްގައެވެ. މެޓާއިން ވަނީ ކުންފުނީގެ ލޯގޯ ބަދަލުކޮށް އައު ލޯގޯވެސް ތައާރަފުކޮށްފައެވެ.

މި އާ ބަދަލާއެކު އެކުންފުނި ހަމައެކަނި މީސްމީޑިއާ ބުރޭންޑެއްގެ ގޮތުގައި އޮންނަ އޮތުމުގެ އިތުރަށް ކުންފުނީގެ މަސައްކަތްތައް ފުޅާކުރަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. މެޓާ ގެ ނަން އައިސްފައިވަނީ ސައެންޓިފިކު ނަމެއް ކަމުގައިވާ މެޓާވާސުންނެވެ. މެޓާވާސް އަކީ އެތައް ބަޔަކަށް ބޭނުންކުރެވޭ ވާޗުއަލް މާހައުލެއްގައި އެކުގައި މަސައްކަތް ކޮށް، ކުޅެ ހަދާނެ ތަސައްވުރެއް ތަރައްގީކުރުމަށް ބޭނުން ކުރެވޭ ނަމެކެވެ. މެޓާ އިން ބުނިގޮތުގައި އެ ކުންފުނީގެ މަގުސަދުގެ ތެރޭގައި މެޓާވާސް ތަރައްގީކުރުން ހިމެނެއެވެ.

މެޓާގެ ސީއީއޯ މާކް ޒުކަބާކް ބުނިގޮތުގައި މިހާތަނަށް އެކުންފުނި އޮތީ ހަމައެކަނި މީސް މީޑިއާ ކުންފުންޏެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ކުންފުނީގެ މަގުސަދުގެ ތެރޭގައި އަބަދުވެސް ޓެކްނޮލޮޖީ އީޖާދު ކޮށް، މީހުން އެކަކު އަނެކަކާ ގުޅުވައިދިނުން ހިމެނޭ ކަން ވަނީ ފާހަގަކޮށްފައެވެ. އަދި މީސްމީޑިއާ ތަރައްގީ ކުރުމަށް ފޭސްބުކް މީގެކުރިން ނުކުތް ގޮތަށް ކުރިއަށް ދެން އޮތީ މެޓަވާސް ތަރައްގީ ކުރުން ކަމުގައި ޒުކަބާކް ބުންޏެވެ.

ފޭސްބުކުގެ ނަން ބަދަލުކޮށް އިއުލާނު ކުރިއިރު އެ ކުންފުނިން ވަނީ ހިއްސާގެ ބާޒާރުގައި ބޭނުން ކުރެވޭ ނަން، "އެފްބީ" އިން "އެމްވީއާރްއެސް"އަށް ޑިސެމްބަރު އެކަކުން ފެށިގެން ބަދަލުވާނެކަން ވެސް އިއުލާނުކޮށްފައެވެ. ފޭސްބުކްގެ ނަން މެޓާއަށް ބަދަލުވިއިރު މެޓާގެ ހިއްސާ މިއަދު ވަނީ %3 މައްޗަށް ޖެހިލައިފައެވެ.

ފޭސްބުކް ކުންފުނި ރިބްރޭންޑު ކޮށް ނަން ބަދަލުކޮށްފައި މި ވަނީ ފޭސްބުކަށް ތަފާތު ފާޑުކިޔުންތައް އަމާޒުވަމުންދިޔަ ދުވަސްވަރެއްގައެވެ.